ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދުމަށް މަސައްކަތް ކުރާ މީހާ އެންމެ ފުރަތަމަ ފަރުވާތެރި ވާންޖެހޭނީ ނަމާދަށް ކަމަށާއި އެ ނޫން ގޮތަކަށް ބާއްޖަވެރިކަމެއް ނުލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އެހެން ނަމަވެސް މި މަތިވެރި ބާއްޖަވެރިކަން ހޯދުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަނީ ކިތައް މީހުންތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދާފަ އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ހަގީގީ ބާއްޖަވެރިކަމުގެ މައްޗަށެވެ.
ޚުތުބާގައި މިކަމަށް އިޝާރާތް ކުރައްވައި، ހެނދުނު ހެނދުނާ ވަޒީފާ އަދާ ކުރުމަށް ތެދުވާއިރު ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާ ކުރަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފަ އެވެ. އުފާވެރި ބާއްޖަވެރި ހަޔާތެއް ބޭނުންވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
”ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމާ ހާސްވެ ކަންބޮޑުވުން ނެތިދާނެ ހަމައެކަނި އަސާސަކީ އީމާން ކަމެވެ. އެ މީހެއްގެ ހިތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާއަށް އޮންނަ ޔަގީން ކަމަކީ އިންސާނާ އަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ. އަދި މި ޔަގީންކަން ލިބޭނީ ހަމަ އެކަނި އީމާންކަމުން ކަމަށާއި އޭރުން އިންސާނާ އޭނާގެ އަމިއްލަ ންފަސާމެދު އޮންނަ ޔަގީންކަން އިތުރުވެގެންދާނެއެވެ.“ ޚުތުބާގައި ބުންޏެވެ.
މާތް ﷲ އެންމެ ލޯބިވެ ވޮޑިގެންވާ އެއް ކަމަކީ ނަމާދު ގާއިމް ކުރުން ކަމަށް ވީހިނދު، ނަމާދު އަޅާފައި ކިތަންމެ މަސައްކަތެއް ކުރި ކަމަށްވިޔަސް އެ މަސައްކަތަކުން ބާއްޖަވެރިކަން ނުލިބޭނެ ކަމަށާއި ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ބާއްޖަވެރި ދިރިއުޅުމެއް ހޯދާން ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.
“ބާއްޖަވެރިކަން މާނަ ކުރުމުގައި މީހުންގެ ވިސްނުން ތަފާތެވެ. އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދި ކަމެވެ. ނުވަތަ އެންމެ ބޭނުންވާ އެއްޗެއް ހާސިލްވުމެވެ. ނުވަތަ މަތީ މަގާމަކަށް ވާސިލް ވުމެވެ. ނުވަތަ މަތީ ރޮނގު ރޮނގުން ކާމިޔާބީ ހާސިލް ވުމެވެ. ނަމަވެސް ހަގީގީ ބާއްޖަވެރި ކަމަކީ މިއީ ހެއްޔެވެ؟ ބާއްޖަވެރި ކަމަކީ މުދާވެރިކަން ނަމަ، ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާ އަށް ވާނެ ނޫން ހެއްޔެވެ؟” ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި އިތުރަށް ބުނީ އެމީހަކަށް ކުރެވޭ ހެޔޮ ކަންތަކުގެ ސަބަބުން ބުނެދޭން ނޭނގޭހާ ހިތް ހަމަ ޖެހުމާއި އުފާވެރިކަން އެމީހަކަށް އިހުސާސް ކުރެވޭނެ ކަމަށެވެ. ކޮންމެ އިންސާނެއްގެ އަމާޒަކަށް އަދި ހަޔާތުގެ މަގްސަދަކަށް ވާންޖެހޭނީވެސް ﷲގެ ރުއްސުން ލިބިގަތުން ކަމަށް ވާންޖެހޭނެ ކަމަށާއި އެ އަމާޒަށް ވާސިލް ވެވިއްޖެ ނަމަ ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބިދާނެ ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ބާއްޖަވެރިކަމަކީ މަގާމުގެ ގޮތުން ނުވަތަ ފައިސާއިން ނުވަތަ މީހަކު ބުނެލާ ބަހަކުން ލިބޭނެ އެއްޗެއް ނޫން ކަމަށްވެސް ވަަނީ ބުނެފަ އެވެ.