އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އާއި ސްޕެއިންގެ މޮޑާނާއިން ކޮރޯނާ ވައިރަހަށް އުފެއްދި ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ގޮތުގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ މިހާރުގެ ހާލަތަށް ބަލައި، “ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖަންސީ ސިޓުއޭޝަން” ގައި ބޭނުންކުރުމަށެވެ. އަދި މިދެ ވެކްސިނަށް ވެސް ހުއްދަދީފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށެވެ.
މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވާނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާ ދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ޖެންސެން ފާމަސޫޓިކަލް ކޮމްޕެނީސް އޮފް ޖޯންސެން އެންޑް ޖޯންސެން އިން އުފައްދާ ޖެންސެން ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަޖެންސީ ޔޫސް ލިސްޓިންގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
މޮޑާނާ ބަޔޯޓެކް ސްޕެއިނުން އުފައްދާ މޮޑާނާ ވެކްސިނަކީ މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
އެމްއެފްޑީއޭ އިން ބުނީ، މި ދެ ވެކްސިންވެސް ބަހައްޓަން ޖެހެނީ މައިނަސް 25 ޑިގްރީ ސެލްސިއެސް އާއި މައިނަސް 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމަށެވެ.
އެހެންކަމުން އެ އޮތޯރިޓީން ދެ ވެކްސިނަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހުގަޔާއި އަދި އެހިފައިގެން ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް “ކޯލްޑް ޗެއިން” ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް ބުންޏެވެ.
މޮޑާނާ އާއި ޖޯންސަން އެންޑް ޖޯންސަން ވެކްސިނުގެ އިތުރުން ކޮވިޝީލްޑް/ އެސްޓްރާޒެނެކާގެ ވެކްސިނަށާއި ފައިޒާ ވެކްސިން އަދި ސައިނޯފާމް ވެކްސިނަށާއި ރަޝިއާގެ ސްޕަޓްނިކް ވެކްސިނަށް އެމްއެފްޑީއޭ އިން ވަނީ ރެސްޓްރިކްޓެޑް އިމަޖެންސީ ޔޫސް ސިޗުއޭޝަންގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.
އޭގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސިނޮފާމް ވެކްސިން އެވެ.