މިދިޔަ މާޗް މަހު ބ.އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 9.9 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މާޗު މަހު ތެރޭ ގްރީން ޓެކްްސްގެ ގޮތުގައި ޖުމްލަ 93.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ރިސޯޓު، ގެސްޓްހައުސް، ސިޓީ ހޮޓާ ތަކުން 92.2 މިލިއަން ރުފިޔާ އަދި ސަފާރީ އުޅަނދުތަކުން 1.1 މިލިއަން ރުފިޔާ އެވެ.
އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުގައި ހިންގާ ރިސޯޓު އަދި ގެސްޓްހައުސް ތަކުންނެވެ. މާލެ އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ދައްކާފައިވަނި 32 މިލިއަން ރުފިޔާ އެވެ. 9.9 މިލިޔަންރުފިޔާ ދައްކައިގެން ބ.އަތޮޅު ހިމެނެނީ ގްރީން ޓެކްސް އެންމެ ގިނައިން ދެއްކި 3ވަނައަތޮޅުގެ ގޮތުގައެވެ.
މާލެ އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން މި ޓެކްސް ދައްކާފައި ވަނީ އދ. އަތޮޅުގައި ހިންގާ ގެސްޓްހައުސް، ރިސޯޓު އަދި ސިޓީ ހޮޓާ ތަކުންނެވެ. އެއީ 18.6 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑުން މާޗު މަހުގެ ތެރޭގައި އެކި ޕްރޮޖެކްޓުތަކަށް 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.
އެ ފަންޑުން ހަރަދު ކުރަނީ ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.
އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގައެވެ.
ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ނަމަވެސް މި ފައިސާ ހޭދަ ކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން ތިމާވެށީގެ މައްސަލަތައް ހައްލު ކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.