މިހާރު އިންޓަނެޓަށް އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވާއިރު އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށާ އިންޓަނެޓް އަގު ހެޔޮ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހްވަނީ ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ އެދެވޭ ބަދަލެއް ނޫން ކަމަށެވެ. އަދި އެއީ އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫންކަމަށްވެސް ވިދާޅުވި އެވެ. މިނިސްޓަރު އެ އިޝާރާތް ކުރައްވަނީ ރޯދައާ ގުޅިގެން މުވާސަލާތީ ކުންފުނި ތަކުން އިންޓަނެޓް ޕެކޭޖްތައް އަގުހެޔޮ ކުރާ ކުރުމަށް ކަމަށް ބެލެވެއެވެ.
Whilst there has been some reductions on prices on internet packages without the intervention of the Gov, it is insignificant. The solution is sensible changes to FUP. We are working on this and significant regulatory changes will be made in the coming days
— Fayyaz Ismail (@faya_i) April 16, 2021
މިނިސްޓަރު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތްތާ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.