ވަގުތުނެތް ކަމަށްބުނެ ޕީޕީއެމް ކެނޑިޑޭޓުން ކައުންސިލް ބަހުސްގައި ބައިވެރިވާން އެއްބަސްނުވުމުން އެންމެފަހުން ”އޭދަފުށީ ކައުންސިލް ބަހުސް“ ކެންސަލްކޮށްފި އެވެ.
އޭދަފުށީ ކައުންސިލް ބަހުސް އިންތިޒާމް ކޮމެޓީން ބުނީ ބަހުސް ކެންސަލްކުރަން ޖެހުނީ، ކުރަންޖެހޭ ހުރިހާ މަޝްވަރާ އަކާއި، ދޭންޖެހޭ ހުރިހާ ދުލެއް ދީގެންވެސް ޕީޕީއެމުން ކައުންސިލް ބަހުސްގައި ބައިވެރިވާން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ވަނީ ބަހުސްގައި ބައިވެރިވާނެކަން ކުރިން އަންގައިފައެވެ. އިންތިޒާމްކޮމެޓީގެ ސެކްރެޓަރީޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނާއިބްރައީސް އަލީރަފީއު ވިދާޅުވީ އެމްޑީޕީން ބަހުސަށް ތައްޔާރުވި ނަމަވެސް ޕީޕީއެމްގެ އަޑު ބަހުސްގައި ނެތުމަކީ ބަހުސެއްގެ ސިފަވަންތަކަން ގެއްލި ރައްޔިތުންނަށް ގޮތް ނިންމުމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމެއް ކަމަށް ދެކޭ ކަމުގައެވެ.
“އެމްޑީޕީއާއެކު އެކަނިވެސް ބަހުސް ބޭއްވިދާނެ. އެ ކެނޑިޑޭޓުން ތިއްބެވީ އެގޮތަށްވެސް ރައްޔިތުންނާ ބައްދަލުކޮށް އެބޭފުޅުންގެ ވާހަކަތައް އަޑުއިއްވުމަށް ވަރަށް ބޮޑަށް ބޭނުންވެފައި. އެކަމަކު އެންމެ ފަރާތަކުން ދައްކާ ވާހަކައަކުން ބަހުސްގެ މަގްސަދު ރައްޔިތުންނަށް ހާސިލް ކޮށްދެވޭނެތޯ؟” އަލީ ސުވާލު އުފެއްދެވިއެވެ.
އަލީ ވިދާޅުވީ ޕީޕީއެމަށް ދޭންޖެހޭ ހުރިހާ އޮޕްޝަނެއްވެސް ދިނިން ކަމަށާއި ނަމަވެސް އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރެއްވި ކަމަށެވެ. އެންމެފަހުން، ކުރެވޭނެ ސުވާލުތަކާއި، ސަލާމަތްތެރިކަމުގެ ޔަގީންކަންވެސް ދެއްވި ކަމަށެވެ.
”ކެންޕޭނާ ހެދި ވަގުތުދެވެން ނެތްކަމަށް ވިދާޅުވީ. ބޮޑަށް ބެލެވެނީ އެބޭފުޅުންނަށް ރައްޔިތުންނާ ކުރިމަތި ލާން ނުކެރުމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއްވެސް އޮތްކަމަށް.” އަލީ ވިދާޅުވިއެވެ.
މިފަހަރުގެ ބަހުސް ބާއްވަން ނިންމީ އޭދަފުށީގެ އޮންލައިން ދެ ނޫސް އޭދަފުށީ ޓައިމްސް އާއި އޭދަފުށީ ވޮއިސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، ވެލާ ސްޕޯޓްސް ކްލަބް ގުޅިގެން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އަލީ ވިދާޅުވީ ޖަމްއިއްޔާތަކާއި ނޫސްތައް ގުޅިގެން ކައުންސިލް އިންތިހާބުގައި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދާދިނުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވިޔަސް އިޖްތިމާއީ ކަންކަމުގައި ކުރިޔަށްއޮތް ތަނުގައިވެސް ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.
އޭދަފުށީ ކައުންސިލްގެ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރު އޭދަފުށީގައި ބޭއްވި ކައުންސިލް ބަހުސްގައި އޭރުގެ ޑީއާރުޕީ ކެނޑިޑޭޓުން މަގުބޫލު އުޒުރެއްނެތި ބައިވެރިނުވެއެވެ. އޭގެ ފަހުން އައި ދެ އިންތިހާބުގައި ބަހުސެއް ނުބާއްވައެވެ. އީވީއަށް އެނގިފައިވާ ގޮތުގައި އެ ދެފަހަރުވެސް ބަހުސް ބާއްވަން އަމިއްލަ ޖަމިއްޔާތަކުން ފެށި މަސައްކަތް ހުއްޓާލީ ޕީޕީއެމް ކެނޑިޑޭޓުންގެ އެއްބާރުލުން ނުލިބުމުންނެވެ.