ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނަ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ އަށްވަނަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތާއި ބެހޭ ގޮތުން ނެރެފައިވާ ސަރކިއުލާގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.
ވަޒީފާއާއިބެހޭ ގާނޫނުގައިވާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހެ އެވެ. ނަމަވެސް މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު ފައިސާ ދޭންޖެހެނީ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.
ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލް ތައްޔާރުކޮށް ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށައެޅުމަށް އެދޭކަމަށެވެ.
އެ ސާކިއުލާގައި އިތުރަށް ވަނީ އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އަނބުރާ ހޯދައި އެ ފައިސާ އަނބުރާ ޖަމާކުރަންވާނެ ކަމަށް ވިދާޅުވެފައެވެ.