ރާއްޖޭގެ އަތޮޅުތަކުގައި ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެ މިވަގުތު 13 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، އަތޮޅުތެރޭގައި ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ދ. ކުޑަހުވަދޫން 224 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 17 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަދި ރ. އުނގޫފާރު ކްލަސްޓާއިން 523 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 13 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަތޮޅު ތެރޭގެ ރައްޔިތުން ފަރުވާކުޑަ ނުކޮށް، މާސްކް އެޅުމަށާއި ހެލްތު ޓާސްކްފޯސްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު އެޗްޕީއޭ އާއި ރަށުގައި އޮންނަ ޓާސްކު ފޯހުން އަންގާ އެންގުންތަކަށް އަމަލު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ކޮވިޑާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތައް:
- ދ. ކުޑަހުވަދޫ
- ދ. މީދޫ
- ރ. އުނގޫފާރު
- ރ. މަޑުއްވަރި
- ރ. ހުޅުދުއްފާރު
- ރ. އަލިފުށި
- ކ. ހުރާ
- ކ. ދިއްފުށި
- ޅ. ނައިފަރު
- ޅ. ފެލިވަރު
- ޅ. ހިންނަވަރު
- ޅ. އޮޅުވެލިފުށި
- ގދ. ތިނަދޫ
މި ރަށްތަކުގެ ތެރެއިން އޮޅުވެލިފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން އިއްޔެ އެވެ. އަދި އިއްޔެ ހދ. ކުޅުދުއްފުށި ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.