އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެ ކަމަށް ކެންދޫ ދާއިރާގެމެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.
އެމްޕީ އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި މިވަނީ މާލެއަތޮޅު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހެދުމަަށް މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީ މީސްމީޑިއާގައި ލީކް ކޮށްލާފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.
އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެ.
— Ali Hussain (@AleeVoice) March 15, 2021
ލީކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 30 އަހަރުގެ މުއްދަތަކަށް އިންޑިއާ ސިފައިން އެ ތަނުގައި ތިބެވޭނެއެވެ. އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އެ ތަނުގައި ހުންނަ މުވާސަލާތީ ޚިދުމަތްތައް ވެސް ބޭނުން ކުރެވޭނެ ކަމަށް އެ އެއްބަސްވުމުގައިވެއެވެ.
ލީކުވެފައިވާ އެއްބަސްވުމުގައި އިންޑިއާ އަސްކަރިއްޔާގެ ސިފައިން އެ ތަނުގައި ތިބެވޭ ގޮތަށް އޮތް އިރު، އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ތަރައްގީ ކުރުމަށް އެ ތަނުގައި އިންޑިއާގެ ޓެކްނީޝަނުންނާއި ލޭބަރުން އުޅޭނެއެވެ.
އޮންލައިން ނޫސް “ވަގުތު” ގައި މި ކަބަރުގެ ތަފްސީލްު ދެމުން ބުނެފައިވަނީ، ލީކު ވެގެން އުޅޭ އެއްބަސްވުމަކީ އިންޑިއާއިން ބޭނުންވާ ހުށަހެޅުންތައް ހިމަނައި ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީއެވެ. އެ އެއްބަސްވުމުގައިވާ ކަންކަމަށް ދިވެހި ސަރުކާރުން އެއްބަސްވެފައެއް ނުވެއެވެ. އަދި އެންމެ ފަހުން އެކުލަވާލި އެއްބަސްވުމުގައި އިންޑިއާ ސިފައިންނާ ގުޅޭ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.
ލީކުވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އިސް ބޭފުޅަކު ވެސް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ޚިޔާލު