ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓް ކުރާއިރު މީޑިއާތަކުން ޒިންމާދާރު ވުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރު އައިޝާ މިގޮތަށް ގޮވާލައްވާފައި މިވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުންދިޔަ ބައެއް ކުދިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން އެކުދިންނާ މެދު ހިތްހަމަ ނުޖެހިގެން އެރަށުގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ޅަފަތުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި ހާއްސަކޮށް، އާއިލާއެއް ނެތި ބޮޑެތިވާ ކުދިންނަށް އެކަންކަން ބޮޑަށް ދިމާވާ ކަމަށެވެ. ކުދިންގެ ދިރިއުޅުމުގައި ދިމާވާ އުނދަގޫ ކަންކަމުގެ ސަބަބުން އެކުދިންނަށް ގަވާއިދާ ހިލާފުވެ، ބައެއް ފަހަރު ރުޅި ގަދަވެ، ކަންކަން ކުރަން މަޖުބޫރުވާ ކަމަށެވެ. އަދި އެކަންކަން ކޮންމެ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުދިން އެކި ކަންކަން ތަޖުރިބާ ކޮށް، ދަސްކުރުމުގައި ދިމާވާ ކަންކަން ދުނިޔެއަށް ފޮރުވައި، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރާ ދުވަސްވަަރެއް ކަމަށެވެ. އަދި ކުދީން ބަދުނާމު ކުރުމަކީ ފަހުން ދެރަ ކަންކަން ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރުމަކީ އެކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ކޮމިއުނިޓީން އެކުދިންގެ މިފަދަ ކަންކަމަށް އެހީތެރި ނުވެ، އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރާނަމަ، އެކުދިން ރަނގަޅުވުމަށް އެހީތެރިއެއް ނުވެވޭނެ، އެހެންކަމުން މީޑިއާތަކަށް ގޮވާލަން ބޭއިހުތިރާމް ނުވެ، ޒިންމާދާރުކަމާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓް ކުރުމަށް،” މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅެމުން އަންނަ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައިހުރި “އަމާން ވެށި” އަށް ބަދަލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަމާން ހިޔާ” ގައި ތިބޭ ކުދިންނަށް އެހެން އާއިލާތަކަށް ޒިޔާރަތް ކޮށް، އެހެން ކުދިންނާ އެކު ކުޅިވަރު ކުޅެ، ހުރިހާ ފުރުސަތުތަކެއް ވެސް ލިބޭނެއެވެ.
ނަމަވެސް އެކުދިންގެ އަހުލާގު ގޯސް ކަމަށްބުނެ، އޭދަފުށި ކައުންސިލުން ވަނީ އެކުދިންގެ ޝަކުވާތައް ދެ ފަހަރެއްގެ މަތިން ޖެންޑާއަށް ހުށަހަޅައިފައެވެ. އަދި އެރަށުގެ ބައެއް އާންމު ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މިދިޔަ ހޮނިހިރު ދުވަހު އެކުދިންތިބޭ އިމާރާތް ކައިރިއަށް އެއްވެ މުޒާހަރާވެސް ކޮށްފަ އެވެ.