މިދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް ކޮވިޑް-19 ގެ ވެކްސިން ޖަހަމުން ދާ ދުވަސް ވަރު ކަމަށްވެފައި ވެކްސިން ޖެހުމަށްފަހު ބައެއް މީހުންނަށް ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިކަން ފަދަ ކަންކަން ދިމާވެއެވެ. ދެތިން ދުވަހަށް މިކަންކަން ދެމިގެންދާއިރު ތަދު ކެނޑުވުމުގެ ގޮތުން ބޭުންކުރުން އެންމެ ރަނގަޅު އަދި ފަސޭހައިން ބޭނުން ކުރެވޭނެ އެކައްޗަކީ ކުރުނބާފެން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މަޝަހޫރު ޑައިޓީޝަން، އާސިޔާ އަބްދުލް ރަހީމް ވިދާޅުވަނީ ވެކްސިން ޖަހާނަމަ ދުރާލާ ކުރުނބާ ގެއަށް ހޯދައި ތައްޔާރުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވެކްސިންއަށްފަހު ގިނަބަޔަކު ހުން އަންނަ ވަގުތަކީ ހަށިގަނޑުން ގިނަ އަަދަދެއްގެ ފެން، ސާފު ފެނާއި، އިލެކްޓްރޯލައިޓްގެ ގޮތުގައި ދޫވެގެންދާ ވަގުތެވެ. އަދި މީހާ އެހާބޮޑަށް ވަރުބަލިކޮށްލަނީ ވެސް މިހާ ގިނަ އަދަދެއްގެ ފެން ހަށިގަނޑުން ދޫވެގެން ދާތީ އެވެ.
ހަށިގަނޑުން ބީވާ ލޮނުގެ މާއްދާތަކުގެ ތެރޭގައި ސޯޑިއަމް އާއި ޕޮޓޭސިއަމް ހިމެނޭއިރު މީގެެތެރެއިން ޕޮޓޭސިއަމް އެންމެ ފަސޭހައިން އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ގުދުރަތީ ކާނާއަކީ ކުރުނބާ އެވެ. އަދި މި ހާލަތުގައި ބޯންވެސް އެންމެ ފަސޭހަ އެކައްޗަކީ ކުރުނބާ ފެންކަމަށް އާސިޔާ ވިދާޅުވެއެެވެ.
އެެހެންނަމަވެސް ކުރުނބާފެނަށް ހަކުރު ނޭޅުމަށާ އިތުރަށް އަޅާ ހަކުރުގެ ސަބަބުން ހަކުރުގެ މިންވަރު މާ ބޮޑަށް މަތިވެދާނެކަމަށް އާސިޔާ ވިދާޅުވި އެވެ. އެހެންވެ މިހާލަތުގައި ބޮޑަށް އެދެވިގެންވަނީ ކުރުނބާގައި ހުންނަ ހެވާވެސް ނުކައި، ހަމައެކަނި ކުރުނބާ ފެން އެކަނި ބޯލުމެވެ.
ދޮންކޭލާއި މުރަނގަފަތަކީވެސް ވަރަށް ރަނގަޅު އެއްޗެއް ނަމަވެސް ބަލިވެ ހުންއައިސް އޮންނައިރު ކާން އެހާ ފަސޭހައެއްޗެއް ނުވާނެތީ ކުރުނބާއަކީ ފަސޭހައިން ލިބޭ އަދި ފެނާއި، ޕޮޓޭސިއަމް އާއި ހަކުރު ހުންނަ އެއްޗެއް ކަމަށްވާތީ އެންމެ ރަނގަޅީ ކުރުނބާފެނެވެ.
މި ހާލަތުގައި ހަކުރުވެސް މުހިންމުވަނީ ހަށިގަނޑުން ފެން މަދުވެ، މީހާގެ ގައިން ވަރުދެރަވާތީ އެވެ.
ކުރުނބާ ފެނަކީ ރަހަމީރު ހައްޓަށް ލުއި އަދި ފަސޭހައިން ލިބޭ އެއްޗެއް ނަމަވެސް، ކުރުނބާ ބުއިމުން ދުރުހެލިވާންޖެހޭ އަދި ބުއިމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދަންޖެހޭ ބައެއްވެސް އެބަތިއްބެވެ.
މިގޮތުން ހަކުރުބަލި ހުންނަ މީހުންނާއި ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އާސިޔާ އިރުޝާދު ދެއްވި އެވެ.