ލޯފަން ދިވެހި ދަރިވަރަކު ދިވެހި އިސްލާމުން އޭ ފާސް ހޯދައިފި

343117_3_c55ef1ad4d827940d3e72689f842082e4c6d5307_large.jpg

ދަލީލާ ،މަންމަ ޝަމީމާ އާއި އެކު ---ފޮޓޯ : މިހާރު

ރ.މާކުރަތު ސްކޫލްގައި މިއަހަރު އޯލެވެލް ހެދި ލޯފަން ކުއްޖެއް ކަމުގައިވާ ދަލީލާ އަހުމަދު، 19، މިއަހަރުގެ އޯލެވެލް އިމްތިހާނުން އިސްލާމާއި ދިވެހިން އޭ ފާސް ހޯދައިފިއެވެ.

ދުވަހު ނޫސް ”މިހާރު“ގައި މިޚަބަރު ޝާއިއު ކުރަމުން ބުނެފައިވެއެވެ.

”އުފަންވިއިރު ވެސް ދަލީލާ އަހުމަދުގެ ދެ ލޮލަކަށް ނުފެނެ އެވެ. އެކި ޑޮކްޓަރުންނަށް ދައްކައިގެން، ހަ ކުދިންގެ ތެރެއިން ދެ ވަނަ އަށް ހަގު ދަރިފުޅު ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ލޮލުގެ ކަޅި ނެތުމާއި ލޯ ހުޅުވޭވަރު ކުޑަވުމުން ފެނުން ރަނގަޅުނުވާނެ ކަމަށް ޑޮކްޓަރުން އޮތީ މާ ކުރިން ބުނެފަ އެވެ. އެކަމަކު، އެއީ ކިޔެވުން ހުއްޓާލައި ގޭގައި އިނުމަށް އޮތް އުޒުރެއް ނޫންކަން ރ. މާކުރަތަށް އުފަން އެ ރަށު ސްކޫލުގެ ދަރިވަރު ދަލީލާ، 19، ވެސް ގަބޫލުކުރެ އެވެ.“

އެ ސްކޫލްގެ ފަރާތުން އިމްތިހާނުގައި ބައިވެރިވި 20 ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައިވެސް ދަލީލާ ވަނީ ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީން ސީ، އިނގިރޭސި އާއި ބިޒްނަސް އިން ޑީ ހޯދައިފަ އެވެ.

އޭނާއަކީ ލޯފަން ކުއްޖަކަށް ވާތީ އެފަދަ ކުއްޖަކަށް ރަނގަޅަށް ބުނެދޭނެ ޓީޗަރެއް ނެތުމުން އޯ ލެވެލް އިމްތިހާނުގައި ބަޔޮލޮޖީ އާއި ހިސާބު އަދި އެކައުންޓް މާއްދާ ދޫކޮށްލީ އެވެ. ނަމަވެސް ސްކޫލު ފެންވަރުގައި ދިން އެކި އެކި ޓެސްޓުތަކުން ދަލީލާ ވަނީ ރަނގަޅު ނަތީޖާ ހޯދާފައެވެ.

ދަލީލާގެ މަންމަ، ސަމީމާ އާދަމާއި ހަވާލާ ދެއްވައި ”މިހާރު“ގައި ބުނެފައިވަނީ  ދަލީލާއަކީ ވަރަށް ހިތްވަރުގަދަ އަދި ކިޔަވާ ހިތްވާ ކުއްޖެއްކަމުގައެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ކިޔެވުމުގެ ފުރަތަމަ 10 އަހަރު ނިންމާލީ ސީނިއާ ޕްރިފެކްޓްކަމާއި ހައުސް ވައިސް ކެޕްޓަންގެ މަގާމާވެސް އެކުގަ އެވެ.

“ވަރަށް ޝައުގުވެރިކަން ހުރެގެން، ހިތްވަރު ހުރެގެން އެ ކިޔެވީ. ހެނދުނު 6:45 ގައި ސްކޫލަށް ގޮސްފައި 12:45 ގައި އައިސްފައި އަނެއްކާ ދާނެ އެކްސްޓްރާ ގަޑިއަށް 1:00 ގައި. ތިނެއް ޖަހާއިރު ނިންމާފައި އަންނަ ގޮތަށް ޓިއުޝަނުގައި އުޅުނީ އޯ ލެވެލްއަށް ތައްޔާރުވާން.”

ޝަމީމާ ބުނީ ދަލީލާ ކިޔެވުން ފުރިހަމަކުރީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ތަމްރީން ލިބިފައިވާ ސެން ޓީޗަރެއްގެ އެހީގައެއް ނޫންކަމަށާއި  ލޮލަށް ނުފެންނަ ކުއްޖެއް ސްކޫލުގައި ކިޔަވާކަން އެޑިއުކޭޝަން މިނިސްޓްރީއަށް އެނގުނީ، ދަލީލާ ގްރޭޑު 9ގައި އުޅެނިކޮށް ކަމަށެވެ. އޭގެ ފަހުން މިނިސްޓްރީގެ ވެސް ބޮޑު އެހީތެރި ކަމެއް ލިބުނުކަން ސަމީމާ ފާހަގަކުރެ އެވެ.

ދަރިފުޅު ހޯދި ނަތީޖާއާ މެދު ޝަމީމާ ހުރި ވަރަށް ހިތްހަމަޖެހިގެންނެވެ. ސްކޫލްގެ ބޮޑު އެހީތެރިކަމާއި، އެކުގައި ކިޔެވި ދަރިވަރުން ދިން ހިތްވަރާއެކު، ލޯފަން ކުދިންނަކީވެސް ކިޔެވޭނެ ކުދިންކަން ދަލީލާ މި ވަނީ ދައްކައިދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top