ގޭގޭއިން ހަވީރު ސަޔަށް ހަދާ ”ހެދިކާ ކޮޅުންވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު ހިނގައްޖެ“ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވީ މިހާރުވެސް ތަފާތު އެކި ނަންނަމުގައި ޓެކްސްތައް ނަގަމުންދާއިރު އަންނަ އަހަރުވެސް އިތުރު ޓެކްސްތަކެއް ނެގުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އަދި މާލޭގައި ތޮއްޖެހޭތީ ކަމަށް ބުނެ ޓެކްސް އެއް ނަގަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
“އަނެއް ބޭފުޅަކު ވިދާޅުވާ ގޮތުންނަމަ ގޭގައި ހަވީރު ސަޔަށް ހަދާ ހެދިކާ އިންވެސް ޓެކްސް ނަގާ ހިސާބަށް ދައުލަތް އޮތީ ގޮސްފައި. ގޭގައި ހަވީރު އަޅުގަނޑުމެން ހަދާ ހެދިކޮޅުން ވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު މިހާރު އޮތީ ގޮސްފައި” ސަލީމް ވިދާޅުވިއެވެ.
މި ދަރަޖައަށް ގައުމުގެ ހާލަތު ދިޔުމުން އެކަމާ މެދު ވިސްނަންޖެހޭ ކަމަށާ ބަޖެޓަށް ވޯޓަށް އެހިއިރު، އެ ވޯޓުގައި ބައިވެރިނުވީ ވެސް އެ ސަބަބާއި ހުރެ ކަމަށް ސަލީމް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި ޖަހާފައިވާ އަދަދަކީ ހަގީގަތުގައި ލިބޭނެ އެއްޗެއް ނޫން ކަމަށާއި މިއީ ގޮތްކުޑަ އަދި ހަޑިމުޑުދާރު ބަޖެޓެއް ކަމަށެވެ.
ސަލީމް ވިދާޅުވީ މި ބަޖެޓުގެ މަގުސަދަކީ އަންނައަހަރު އޮންނަ ލޯކަލް ކައުންސިލުގެ އިންތިޚާބަށް ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެދާނެ ކަމަށެވެ. އަދި ނަމަވެސް މިއީ ތަންފީޒު ކުރެވޭނެ ބަޖެޓެއް ނޫން ކަމަށެވެ.”
މީގެއިތުރުން ސަލީމް ވަނީ ނެތް ފައިސާ އަކުން ހަރަދުކުރަން ސަރުކާރުން އުޅޭތީ ޑޮލަރުގެ އަގު ވެސް އިންތިހާ އަށް އުފުލުމުގެ ބިރު އޮތް ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ޑޮލަރުގެ އަގު 22 ރުފިޔާ އާއި 25 ރުފިޔާއާ ދޭތެރޭގެ އަދަދަކަށް އުފުލުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.