ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގެ ދަރިވަރުންވެސް ކިޔަވަމުން އަންނަ އައްޑޫ ސިޓީގައި ހިންގާ އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ 15 ދަރިވަރަކު ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދަރިވަރުން ވަކިކޮށްފައިވާކަން އީ-މެއިލް މެދުވެރިކޮށް އެ ދަރިވަރުންނަށް އަންގާފައިވަނީ އިއްޔެ އާއި މިއަދު އެވެ.
އޭގެ ތެރެއިން އެއް ކުއްޖަކު ވަކިކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޮމިޓީން އެދުނު ގޮތަށް ޕޭމެންޓް ޕްލޭނެއް ހުށަހަޅަން އެންގުމުން އެކަން ނުކުރުމެވެ. އަނެއް 14 ކުދިން ވަކިކުރަން ނިންމީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައިނުވާތީ އާއި ވަކި މުއްދަތެއްގައި ނިންމަންޖެހޭ ކޯހެއް ނުނިންމުމުން ކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ ތެރެއިން ބައެއް ދަރިވަރުން ވަކިކޮށްފައިވަނީ އެއްވެސް ކަހަލަ އިންޒާރެއް ދިނުމެއް ނެތި އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް ކަނޑާލާފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވެސް ވަނީ ފްލައިން ސްކޫލުގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ދެފުށް ފެންނަ ގޮތަށް ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހި ކޮށްދިނުމަށް އަންގާފައިވެއެވެ.
ފްލައިން ސްކޫލުން 15 ދަރިވަރަކު ވަކިކޮށްފައިވާއިރު މީގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވި އެވެ. ނަމަވެސް އެ ދަރިވަރުން ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް އެންގި އެވެ.