ދަރަވަންދޫ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން މެދުކނޑާލައިފި އެވެ.
ރަށު ކައުންސިލުން ހާމަކުރި ގޮތުގައި އެރަށަށް ފަތުރުވެރިން ގެނައުން މެދުކަނޑާލީ އެކަމާދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިހްތިޖާޖް ކުރުމުންނެވެ.
ގެސްޓްހައުސް ތަކަށް ފަތުރުވެރިން ގެނައުމާ ދެކޮޅަށް ރައްޔިތުން އިހްތިޖާޖް ކޮށްފައިވަނީ ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ފަތުރުވެރިން ތިބޭނަމަ އެޗްޕީއޭ ގެ ގަވާއިދުގައި ވާ ގޮތުން އެރަށުން އެހެން ރަށަކަށް އާންމު ހިދުމަތްތައް ހޯދުމަށް ދާ ފަރާތްތަކަށް ވިޔަސް ކަރަންޓީނުގެ މުއްދަތެއް ނިންމަން ޖެހުމުންނާއި ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުން ތަކުގެ ސަބަބުންނެވެ.
ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު މިއަދު ވިދާޅުވީ ރަށަށް ފަތުރުވެރިން ދާތީ ރަށުން އެހެން ރަށްރަށަށް ނުދެވޭ ގޮތަށް އޮންނާތީ އާންމުން އެކަމާ ނުރުހުން ފާޅުކޮށް އިހްތިޖާޖް ކޮށްފައިވާ ކަމަށެވެ.
“އިއްޔެ ވެސް ކައުންސިލު އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައިވޭ. އަދި ގެސްޓުހައުސްތައް ކައިރިއަށް ގޮސް މުޒާހަރާ ކުރާނެ ކަމަށްވެސް ރައްޔިތުން ވަނީ ބުނެފައި،” މާޖިދު ވިދާޅުވިއެވެ.
ރަށު ކައުންސިލުން ބުނީ ގެސްޓްހައުސްތައް ހުޅުވުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން ދަރަވަންދޫ އަށް ގެނައުން، އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ހުއްޓާލުމަށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.
ދަރަވަންދޫގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ކައުންސިލުން ފާސް ކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެރަށަށް މިއަދާއި ހަމައަށް ގޮސްފައިވަނީ އެންމެ ތިން ފަތުރުވެރިންނެވެ.