ކަރަންޓާއި ފެން ބިލުން ރޯދަމަހު ޑިސްކައުންޓް ދެނީ

BhCBTiwJmwGH2LG44CvQ1VqtooiRTy8vQ9Cb4bH2_lg.jpg

އަންނަ ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމާފައިވާތީ އެކަން ކުރިއަށް ގެންދަންވީ ގޮތް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އާންމުކޮށްފި އެވެ.

އެއޮތޯރިޓީން ހާމަކުރި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ގޮތަށް މާޗް މަހުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދު ”ރަމަޟާން ޑިސްކައުންޓް“ ގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމަށް ހަތަރު ގޮތެއް ބަޔާންކޮށްފައިވެ އެވެ.

1. ”އާންމު މަސް“ ކަނޑައެޅުމުގައި ރަމަޟާން މަސް ފަދަ ޑިމާންޑް މަތީ މަސްތައް އުނިކުރުމަށްފަހު އެވަރެޖް ހިސާބު ހެދުން. އެގޮތުން، އެވަރެޖު ހެދުމުގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ މަސްތައްކަމުގައިވާ ފެބްރުވަރީ، މާރިޗް އަދި އެޕްރީލް މަސް އުނިކޮށް، 2024 ވަނަ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވަރެޖަކީ އެކަސްޓަމަރެއްގެ “އާންމު މަސް” ކަމުގައި ބެލުން.

2. ޑޮމެސްޓިކް މީޓަރުތަކަށް މާޗު މަހުގެ ބިލު ކުރުމުގައި، މާރިޗު މަހާއި ”ޢާންމު މަސް“ ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ބިލުކުރުން. އަދި އެ ފަރަގަކީ 10 ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމުގައި ވާނަމަ މާރޗު މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދިނުން.

3. މާޗު މަހާއި ”ޢާންމު މަސް“ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު އަޅާކިޔާއިރު، މާރިޗު މަހުގެ ބިލު ޢާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށް ވެސް 10 ޕަސެންޓް ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

4. މާރިޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރު ތަކަށާއި، ކުރިން ރެޖިސްޓާ ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް (އެއީ 2024 ގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅުގައި އަލަށް ރެޖިސްޓަރ ކޮށްފައިވާ މީޓަރުތަކަށް) 10 ޕަސެންޓްގެ ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.

ޔޫޓިލިޓީ އޮތޯރިޓީން ބުނީ މި އުސޫލުގެ ދަށުން ޑޮމެސްޓިކް ކަސްޓަމަރުންނަށް މާޗް މަހުގެ ބިލް ތައްޔާރު ކުރުމަށް ހިދުމަތްދޭ ކުންފުނުތަކަށް މިހާރު ވާނީ އަންގާފައި ކަމަށެވެ. އަދި އުސޫލާ އެއްގޮތަށް މިކަން ތަންފީޒުކުރިކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. އަދި ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް މިހާރުދަނީ ބަހަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top