ކުރިއަށް އޮތް އަހަރަކީ ދަތިކަން ބޮޑު އަހަރަކަށްވެދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އާއިއެކު މިކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށާ ކޮވިޑް-19ގެ ސަބަބުން ލިބެމުންދާ އިގްތިސާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިގްތިސާދިދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ވަކިވަކި ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫޢުތަކަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމުގައެވެ. އަދި އަލަށް ތައާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން.” ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ގޮތުންވެސް އަލިއަޅުއްވައި ލެއްވިއެވެ.
ވިދާޅުވީ ނޫސްވެރިކަމަކީ އޭގެ ބޭނުން ހިފާ ގޮތަކުން، ގައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް ކަމަށާއި ހަމަނުޖެހުމެއްގެ ތެރެއަށް ވެސް ވައްޓާލެވިދާނެ ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީގަތް ހާމަކުރުމަށް އިސްކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަމެއްވާ ކަމަށާއި އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކުރުމެވެ.