ބ.އަތޮޅު ރައްޔިތުންގެ ވައިގެ ދަތުރުތަކުގެ އެންމެ ގާތް އެކުވެރިޔާ މަންތާ އެއާ އަށް އެއް އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ އެއާލައިންގެ ފަރާތުންވަނީ އުފަންދުވަހުގެ ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.
މަންތާ އެއާ އުދުހެން ފެށީ މި ދިޔަ އަހަރުގެ ފެބްރުއަރީ 21 ގަ އެވެ.
މަންތާ އެއާއިން ބ. ދަރަވަންދޫއަށް ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނައިރު އެ އެއާލައިން ފާހަގަ ކުރެވިފައިވަނީ އެތެރޭގެ އުދުހުންތަކުގެ ސިނާއަތާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި އެޝަކުވާތަކަށް ނިމުން ގެނެސްދިން އެއާލައިންގެ ގޮތުގައެވެ.
ޝެޑިއުލް އާއި އެއްގޮތަށް އޮންޓައިމްގައި ފުރުމާއި ބޯޓުތެރެ ތަނަވެސް ވުމުގެ އިތުރުން ދަތުރުވެރިންނަށް އާ ކަންތައް ތަކެއް ވެސް މަންތާއިން ވަނީ ތައާރަފް ކޮށް ދީފައެވެ. އެގޮތުން ދަތުރުގެ ބައިވެރިންނަށް ލުއި ބުއިމެއްގެ އިތުރުން ތާޒާ ފެހި އާފަލެއް ފޯރުކޮށްދޭ ހަމައެކަނި ޑޮމެސްޓިކް އެއާލައިންއަކީ މަންތާ އެއާ އެވެ.
ދަރަވަންދޫ އެއާޕޯޓަށް މަންތާ އެއާ ގެ އިތުރުން މޯލްޑިވިއަން އާއި ފްލައިމީ ހިމެނެއެވެ.
މަންތާ އިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަނީ އޭޓީއާރު މަރުކާގެ ތިން ބޯޓު ކަމަށް ވިޔަސް ކުރިމަގުގައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށްވެސް އެ އެއާލައިންގެ ދަތުރުތައް ބާއްވާނެކަމަށް މައުލޫމާތުދެއެވެ.
މަންތާއެއާ އިން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ކުރެއެވެ. އެއީ ދަރަވަންދޫގެ އިތުރުން ގއ.ކޫއްޑޫ އާއި ދ.ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ސަރަހައްދީ އެއާޕޯޓަށެވެ.