ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ، ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައި ކަމަށެވެ.
ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނު ކުރެއްވިއިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ކެރަފާ ނަސީމް މި ސަރުކާރުގައި މިހާތަނަށް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.
ނަސީމް ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ.
ހެލްތު މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އިސްތިއުފާ ދެއްވުމުންނެވެ.
އަމީންެ މިނިސްޓަރު ކަމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންކަމުން އެ މަގާމަށް ދެން ވެސް އައްޔަން ކުރައްވާނީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށް ބެލެވުނެވެ. އެކަމަކު ކެރަފާ ނަސީމްއާއެކު އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ލިބުނީއެވެ.
ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެއްދީ، ކޮވިޑް-19ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިޔާނާތްތެރިވި މައްސަލާގައި އަމީން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވިއެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމީ ދައުވާ ނުކުރުމަށެވެ.