އޭދަފުށިން ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް، މި މަހުގެ ނިޔަލަށް ނިންމުމަށް ވިލަރެސްކުރާ ކޮމިޓީއިން އަމާޒު ހިފައިފިއެވެ.
އިވެލުއޭޓް ކުރުމުގެ މަސައްކަތް ވިލަރެސް ކޮމިޓީ އިން ފެށީ މިދިޔަ ހަފްތާގެ ފަހުކޮޅެވެ. އޭދަފުށީ ކައުންސިލުން ބުނީ ކޮންމެ ރެއަކުވެސް ވިލަރެސް ކުރާ ކޮމެޓީގެ މަސައްކަތް ކުރިޔަށްދާކަމަށާ، މަސައްކަތުގެ ސްޕީޑްވެސް ހަލުވި ކަމަށެވެ. ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ ވިލަރެސް ކޮމެޓީގެ އަމާޒުކަމަށެވެ.
“ކޮންމެ ރެއަކުވެސް ދޮޅުގަޑިއިރު މުޅިކޮމެޓީ މަސައްކަތް ކުރަމުން އެބަގެންދޭ. ސްޕީޑްވެސް ވަރަށް ބާރު. އެހެންވީމާ، މިމަހުގެ ނިޔަލަށް ނިންމުމަކީ އަމާޒެއް އިނގޭތޯ” ޕީޕީއެމް މެމްބަރ، ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ވިލަރެސް ކޮމެޓީގައި އާންމުންގެ ތެރެއިން ހިމެނޭ މެމްބަރުން ރައްޔިތުންނަށްޓަކައި ހިލޭ ސާބަހަށް ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
އޭދަފުށިން ގޯއްޗަށް އެދުމަށް މިދިޔަ އަހަރު ފަހުކޮޅު ހުޅުވާލިއިރު، ހަަސަތޭކައަށްވުރެ ގިނަފޯމް ގޯއްޗަށް އެދި ކައުންސިލަށް ހުށައެޅިއެވެ.
ވިލަރެސް ކޮމެޓީގެ މެމްބަރ އަހްމަދު ނާސިރު އީވީއަށް ވިދާޅުވީ ކޮންމެ ރެއަކުވެސް ފަސްދޮޅަހަކަށް ފޯމް އިވެލުއޭޓް ކޮށް ނިމުމަކަށް ގެންދެވޭކަމަށެވެ. އަދި މިހާރު މިކުރާ ގޮތަށް މެދު ނުކެނޑި ކޮންމެ ރެއަކު މަސައްކަތް ކުރާ ނަމަ މިމަސް ނިމުމުގެ މާކުރިން އިވެލުއޭޓްކޮށް ނިމޭނެކަމަށް އޭނާ ވިދާޅުވި އެވެ.
“ގާތްގަނޑަކަށް މިދިޔަ ދެތިންރެއަށް ބެލި ނަމަވެސް ރެއަކު ފަސްދޮޅަހަކަށް ފޯމް ކްލިއަރ ވޭ އެބަ. އެހެންވީމާ، މާ އަވަހަށްވެސް ނިމޭނެ މިހެން ކޮންމެ ރެއަކު މަސައްކަތް ކުރެވިއްޖެއްޔާ” ނާސިރު ވިދާޅުވިއެވެ.
ދިރިއުޅުމަށް، ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.
ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް 2018 އަދި 2019 ވަނަ އަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ގޮސްފައެއް ނުވެ އެވެ