ދުނިޔޭގެ އެންމަޑީގެ ދުވަސް ބ.އަތޮޅުގައި އިއްޔެ ފާހަގަ ކޮށްފިއެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން އެންމަޑި އުފެދި އާލާވާ ހަނިފަރުބޭގައި ވަނީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ޕްރޮގްރާމް ތަކެއްވެސް ހިންގާފައެވެ.
އެގޮތުން ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސާވް އޮފީހުން ވަނީ މަންތާ ބެލުމަށް ހަނިފަރަށް ދިޔަ ކޮންމެ ފަތުރުވެރިއަކަށް އެއްދުވަހު ހިލޭ މަންތާ ބެލުމުގެ ފުރުސަތު ދީފައެވެ. އަދި ދުވަހާ ގުޅިގެން ހާއްސަ ކޭކެއްވެސް ވަނީ ފަޅާފައެވެ.
އެންމަޑީގެ ދުވަހެއް ފާހަގަކުރަން ފަށާފައި މިވަނީ، އިންސާނުންގެ ފަރާތުން އެންމަޑިއަށް ލިބޭ ގެއްލުމާއި އެ މަޑީގެ ސަބަބުން ލިބޭ ފައިދާ ދުނިޔޭގެ އެންމެންނަށް އެންގުމުގެ ބޭނުމުގައެވެ. ޚާއްސަކޮށް މަސްވެރިންނަށް އެންމަޑީގެ ސަބަބުން ކުރާ ފައިދާތައް ކިޔައިދީ ހޭލުންތެރި ކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު އެއް ބޭނުމެވެ.
ހަނިފަރު ބޭ ސަރަހައްދު ވަނީ 2012ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައެވެ. އެއަހަރުން ފެށިގެން އެސަރަހައްދު ހިމާޔަތް ކޮށް ބަލަހައްޓަމުން ގެންދަނީ ބަޔޯސްފިއަރ ރިސާސްވްގެ ހާއްސަ ތަމްރީންތަކެއް ހަދާފައިވާ ރޭންޖާސް އިންނެވެ.