ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުން އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލްގައި ގާއިމުކުރި ފެސިލިޓީތައް ހުޅުމަށް ރޭ އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަކި ވަގުތަކަށް މަޑުކުރުމެއް ނެތި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ވެކްސިނެއް އުފެއްދުމުން އެ އެންމެ އަވަހަށް ހޯދުމަށް ޑަބްލިއުއެޗްއޯއާ މިހާރުން ފެށިގެން މަޝްވަރާކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
“ކޮވިޑް އަށް ވެކްސިނެއް ހޯދިއްޖެނަމަ ރާއްޖެ އަށް އަވަހަށް ވެކްސިނެއް ލިބޭނެ މަގުތަނަވަސް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް އެބަގެންދަން. ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ފެށި ކޯލް ފޯ އެކްޝަންގައި ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ.” މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކޮވިޑަށް ރާއްޖެ ތައްޔާރުވެފައިވާލެއް ވަރަށް ރަނގަޅު ކަމަށެވެ.
ހަމައެއާއެކު މި ބަލިން ސަލާމަތްކުރުމަށް އެހެން އެއްވެސް ގައުމަކުން މަސައްކަތް ނުކުރާ ވަރަށް ދިވެހި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.






