ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން އުވާލުމަށް ނިންމައިފި އެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން ބާތިލުވާނެ ކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި ސިއްހީފަރުވާ ހޯދުމަށްޓަކައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށް އަންގަވާފައެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސް ކުރުމަށް އެޗްޕީއޭ އިން އަންގާފައިވެއެވެ.
މީގެއިތުރުން ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ވެސް އެ އެންގުމުގައި ވަނީ އަންގާފައެވެ.
އެޗްޕީއޭއިން ކުރާ މަސައްކަތައް ދައުލަތުގެ އިދާރާތަކާއި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެ އެވެ.