ހައްވާފުޅު

ރރރރ.jpg

(11ޖުލައިއާ ގުޅޭ)

އެތަކެއް ދުވަސްފަހުން މިރޭ އަނެއްކާވެސް އޭނާ ދުރަށް ދާން އުޅުނު މާޒީ އުނދަގޫކުރަން ފަށައިފި އެވެ. ކިޔެވުން ނިމި ޚިޔާލު ކުރާނެ އިތުރުކަމެއް ނެތުމުން ދެން ވާނީވެސް އެކަހަލަ ގޮތެކެވެ. އެ ހިތްދަތި ދުވަސްތައް ހަނދާން ކުރަންޖެހޭ ސަބަބެއްނެތަސް ނުނިދިގެން އުޅެނީ  އެކަމާހެދި އެވެ. ….. އޭގެ މާނައަކީ އެ ދިރިއުޅުން ބޭނުންވަނީއެއް ނޫނެވެ. ބޭނުންވާ މަންޒިލާ ހަމައަށް ދާން ކުރާ ދަތުރު އެކަނި މާއެކަންޏަށް ނުކުރެވޭނެތީވެ ބައިވެރިއަކު ހޯދަން ޖެހެނީއެވެ. މާޒީގެ އެސަފްހާތައް ނިއުޅިގެން އެއުޅުނީ އެކަމާހުރެ އެވެ.

އޭނާގެ މުޅި ވިސްނުން ހުރީ މުޖްތަމައަށް ޚިދުމަތް ކުރުމެވެ. އެއީ ފޫޅުމައެއްގެ ގޮތުން ކަމަށްވިޔަސް މުދިމެއްގެ ގޮތުންކަމަށް ވިޔަސް މުދައްރިސެއްގެ ގޮތުން ކަމަށް ވިޔަސް މެއެވެ. ބައިވެރިއަކު ނެތި މުޖްތަމައުގައި ހަރަކާތްތެރިވުމަށް ގިނަ އުދަނގޫ ތަކެއް ކުރިމަތިވާނެއެވެ. ފިރިއެއްގެ އެހީތެރިކަމެއް ނެތް އަންހެނެއްގެ ދިރިއުޅުމުގައި އޮންނާނީ ކޮން ހިތްގައިމު ކަމެއްހެއްޔެވެ.

ހައްވާފުޅު ވިސްނަމުން ދިޔައެވެ. ހަމައެއާއެކު ރަނގަޅު ދަރިންތަކެއް ބިނާކުރާށެވެ. ދުނިޔެ ދޫކޮށްފައިދާއިރު އޭނާއަށް ހެޔޮދުޢާ ކުރާނޭ ދަރިންތަކެއްވެސް އުފައްދާށެވެ. އެކަމަކު……. ބައިވެރިއަކަށް ގެންނާނީ ކާކުހެއްޔެވެ. އޭނާއާއި ބައިވެރިވެގެން އޭނާގެ މަންޒިލާ ހަމައަށް ދިއުމަށް އެހީތެރިވާނީ ކާކުބާއެވެ. އެމީހަކީ ބޭނުންވާ ސިފަތަކެއް ހުރި ކާކުހެއްޔެވެ؟

އެ ސިފަތަކެއްހުރި އޭދަފުށީގެ އެކި ޒުވާނުން ވަކިވަކިން ހަނދާންކުރިއެވެ. އެތައްއިރެއް ވޭތުވެދިޔައިރުވެސް އެމީހަކު އޭނާގެ ޚިޔާލީ ލޯގަނޑަކުން ނުފެނުނެވެ. އޭނާ ލޯބިވާ މީހެއްގެ ބަދަލުގައި އޭނާދެކެ ލޯބިވާ މީހެކެވެ. ބޭރު ފުށަށްވުރެ އެތެރެފުށް ރީތި މީހެކެވެ.

ހައްވާފުޅުގެ ދިރިއުޅުން ހުއްޓިފައި މިހާރު އެހެރީ ހަތަރު އަނގޮޅިއެއްގެ މެދަށެވެ. ދާންވީ ދިމާލަށް މިސްރާބު ޖަހަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައެވެ. އެހެންނޫނީ ކުރީ ފަހަރުހެން މަގު އޮޅިދާނެއެވެ. އަލުންބަލުން ރިވައިސް ކުރަންޖެހޭ ޓެސްޓްޕޭޕަރެއް ފަދައިން ދިރިއުޅުމުން ފެއިލްވެފައިވާ ޓެސްޓްގައި ދެވަނަ ފަހަރަށް ބައިވެރިވާއިރު އެންމެ ކުޑަމިނުން އޭ ރިޕޯޓް ލިބެން ޖެހޭނެ އެވެ.

ހައްވާފުޅު އަދިވެސް ޒުވާނެވެ. ރީއްޗެވެ. ހަށިގަނޑުގެ ވަނާތަކާއި މޫނުގެ ދޮން ޖަންބުކުލައިން ދިވެހި އަންހެނެއްގެ އުމުރު ކިޔާދޭއިރު ތިރީސް އަހަރެއް ނުވާނެއެވެ. ރީތި ޒުވާނުންނާއި މުއްސަނދިން ހައްވާފުޅަށް ކަޅި އަޅައެވެ. ލޯބި ހުށަހަޅައެވެ. މީރުވަސްދުވާ ސެންޓުން ކަޅިކޮށްފައި ކުޑަރުމާލާ ލޯބީގެ ސިޓީތަކާއި ހުށަހެޅުންތައް ލިބެއެވެ. އެގެއަށް އައިސް ލޯބި ކާމިޔާބު ކުރެވޭތޯ ބަލައެވެ. އެކަމަކު މާލެއަކީ އޭނާ ދިރިއުޅޭ ހިތްވާ ތަނެއް ނޫނެވެ. އޭނާއުޅެން ޖެހޭނީ އޭދަފުށީގައެވެ. އެއީ އޭނާގެ ދަރިފުޅުގެ ވަޒަނެވެ. އެތަނެއްގައި ދިރިއުޅުމުގެ އުފާތަކާއި ހިތާމަތަކެއް ޖަމާވެފައިވާ ރަށެވެ. ހިމޭންކަމާ އަމާންކަމާއެކު ދިރިއުުޅުމުގެ ހިތްގައިމުކަން އޮތީ އެތަނުގައެވެ. ގޮޑުދޮށަށް ރާޅުބީއްސާ އަޑާ ކޮވެއްޔާ ކާޅު ގޮވާއަޑު އިވޭ ދޮންވެލި ތުޑިތަކުގައި ދޫނި ގޮވާއަޑު އިވޭ މާހައުލެކެވެ.

ހެނދުނު ސަޔަށް ކާގެއަށްދާން ހައްވާފުޅު ހިނގައިގަތްތަނާ މީހަކު ސަލާންގޮވާލި އަޑުއިވިގެން އޭނާ ހުއްޓި ސަލާމް ބަލައިގަތެވެ. އެއީ އަލީއެވެ. ޢަލީ ޢަބްދުﷲއެވެ. ޒުވާން އުމުރުގެ ދުވަސްތައް ނިމެމުންދާއިރު އަދިވެސް މީހަކާ ނުއިދެހުރި ޚުލްްގުހެޔޮ މަޑުމައިތިރި މީހެކެވެ. އަލީއަކީ ހައްވާފުޅު އަހުމަދުއާ އިންނަން އުޅުނުއިރު އެކަމުގައި އެންމެ ގާތްކޮށް އުޅުނު ގާތް ރަޙްމަތްތެރިއެކެވެ. ކައިވެނީގެ ކަންތަކުގައި ވެސް އެންމެ ހަރަކާތްތެރިކޮށް އުޅުނު އެކެކެވެ. ކައިވެންޏަށްފަހު އަހުމަދު ހައްވާފުޅާމެދު އިހާނެތިކޮށް ކަންތައް ކުރަން ފެށުމުން އެހެން ނުހެދުމަށް އެދި އެންމެގިނައިން ނަސޭހަތް ދިން މީހަކީވެސް އެއީ އެވެ. ހައްވާފުޅާމެދު އަމަލުކުރި ލާއިންސާނީ ގޮތާމެދު ހިތްހަމަނުޖެހިގެން އަހުމަދުއާ ގުޅުން ކަނޑާާލީއެވެ. އޭގެ ބަދަލުގައި އަނިޔާ ލިބިފައިވާ ހައްވާފުޅާމެދު އޭނާގެ ހިތުގައިއުފެދުނީ ސާފު ހަމްދަރްދީ އެވެ.

މާލެއައިސް ހައްވާފުޅާ ބައްދަލު ކުރަން އާދެވެނީ މިހެންވެގެންނެވެެ. އަލީ ކިތަންމެ މަދުން މާލެ އަޔަސް ކޮންމެ ފަހަރަކުވެސް ހައްވާފުޅާއި ބައްދަލު ކުރެއެވެ. މިދަތުރު އަލީއައީ އިބްރާހީމް ބޭބެގެ ސިޓީއެއްވެސް ހިފައިގެންނެވެ. އެސިޓީ ހައްވާފުޅަށް ދިއްކޮށްލަމުން އަލީ ބުނެލިއެވެ. ”އަވަހަށް މިސިޓީ ކިޔާ. ފަހަރުގައި ރަށަށް އަންނާށޭ ވެސް ލިޔެފައި އޮވެދާނެ“

ހައްވާފުޅު ސިޓީ ކަނޑައިލި އެވެ. އޭގައި ލިޔެފައިއޮތީ ސީގަލް ބައްތެލި ހުކުރު ދުވަހުގެރޭ މާލެއިން ފުރަން ހަމަޖެހިފައިވާތީ ބޭނުންނަމަ އެބައްތެލިން އޭދަފުއްޓަށް އާދެވިދާނެ ކަމުގައެވެ. ބައްތެލި ފުރުމުގެކުރިން ޔޫސުފް މިގެއަށް އަންނާނެ ކަމާއި އޭނާއާ ވާހަކަދައްކައިގެން ދަތުރު ހަމަޖެއްސުމަށެވެ…….ޔޫސުފަކީ އެބައްތެލީގެ ނެވިމީހާއެވެ.

ހައްވާފުޅު ހިނިތުން ވެލި އެވެ. އެއީ ކާމިޔާބު ދެއަހަރަށްފަހު އެނބުރި އޭދަފުއްޓަށް ދެވޭތީއެވެ. އުފަލުގެ ތެރެއަށް ގެއްލިގެންހުރެ އަލީގެ ވަރުބަލިވެފައިވާ މޫނަށް ބަލައިލިއެވެ.

ކޯއްޗެއް ވިސްނިގެން ކަމެއް ނޭގެއެވެ. ހައްވާފުޅު އެދުނީ އޭނާއާއެކު ސައިބޯން ކާގެއަށް އައުމަށެވެ.
އަލީ އިންކާރެއް ނުކުރެއެވެ. ބަސްއަހާ ކުޑަކުއްޖެއް ހެން ހައްވާފުޅާއެކު ހިނގައްޖެއެވެ. ސައިބޯން ފެށުމާއެކު ރަށުގެ ވާހަކައާއި ރައްޓެހިންގެ ވާހަކަތައް އަހަމުން އެންމެފަހުން އޭނާ ބޭނުންވާ މައުޟޫއަށް އަނބުރާލި އެވެ.

”އަލީ މީހަކާ ނުއިދެ ތިހުންނަނީ ކީއްވެގެން؟“ އަލީ ދިޔައީ ސިހިގެންނެވެ. ތުންފަތުގައި ޖައްސައިގެންހުރި ސައިތަށިން އެތިފޮދެއް ބޭރަށްވެސް ހިނގައްޖެއެވެ. ހައްވާފުޅު ހޭންފަށައިފި އެވެ.

”ކިހިނެއްވީ ؟“

”ދުވަހަކުވެސް ހައްވާފުޅު ތިފަދަ ވާހަކައެއް ނުދައްކާތީ ވީގޮތެއް ކަން ނޭގެ. އަޅާނުލާ!“ ހައްވާފުޅަށް ކުރިމަތިލައިގެން އިނދެ ވާހަކަދައްކަން އަލީ ޖެހިލުންވަނީ ކަން ނޭނގެއެވެ. އޭނާ އިނީ އިސްޖަހައިގެންނެވެ.

”ކީއްވެ އެހި ވާހަކައެއް ؟ ”

”ކޮންމެވެސް ކަމެއްވެގެންދޯ އަހާނީ .!“

އަލީ އިސްއުފުލާލި އެވެ. އޭނާގެ ހިތަށް ވަރަށްގިނަ އެއްޗެތި ތަކެއް އަރަން ފަށައިފިއެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީހެން ހީވިއެވެ. މިއީ ކުރިން ހައްވާފުޅު އަހާކަހަލަ ވާހަކައަކަށް ނުވާތީ ކުޑަކޮށް ހައިރާން ވެސް ވެއްޖެއެވެ. އޭނާ ހައްވާފުޅަށް ބަލައިލިއެވެ. ބޭނުންވީ އޭނަޔާ ސަމާސާކުރަނީތޯ ޔަގީންކޮށްލާށެވެ. ހައްވާފުޅު އިނީ އަލީގެ ޖަވާބަކަށް ޝައުގުވެރިވެފައިކަން އެނގުނެވެ.

”އަހަރެންނަށް އަދި ތިކަމަކާ ނޫޅެވޭ. ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަކު ތައްޔާރު ނުވެވިގެން މިއުޅެނީ. މާނައަކީ ކައިވެންޏެއް ކުރިޔަސް އަދި ނެތް އުޅޭނެ ތަނެއްވެސްް. މައިބަފާގޭގައި ޖާގައެއްނެތް……… މިހެން ބުނާއިރުވެސް އެނގޭ ޒުވާން އުމުރު ފަހަނައަޅައި އެބަދާކަން.“ އޭނާ ހެމުން ހެމުން ބުނެލިއެވެ. ”އަނެއްކާ އަހަރެންގެ ވާހަކަ މީހަކު އެހީތަ؟ “

”އާނ. ……..!“ހައްވާފުޅު އަޑަށް ބާރުލާފައި ބުނެލި އެވެ.

”އަހަންނާ ސަމާސާ ކުރަނީތަ!“ އޭނައަށް އަހާލެވުނެވެ. ހައްވާފުޅު ފެންނަނީ އެކަހަލަ ގޮތަކަށެވެ. އޭނާ މިހާރު އެހެރީ ހުސް ހަށިބައިއިރު ފެނުނު ހިނިތުން ވުމުގައެވެެ. ހަމަ އެމައުސޫމު މޫނެވެ. އެފަރި ހިނިތުންވުމެވެ. އެ ލާނެތް އަދާތަކެވެ. މި ހުރިހާ ދުވަހު އެ މޫނުން ފެނުނު ފިކުރު ބޮޑުވުމާއި މާޔޫސްކަން ވީތަން ވެސް ނޭގެއެވެ. ސިއްރަކީ ކޮބައިބާއެވެ.؟

”އަހަންނަށް މިއަދު ހައްވާފުޅު މި ފެންނަނީ މުޅިން ބަދަލުވެފައިވާ މީހެއްގެ ގޮތުގައި. އަހަރެން މިހުންނަނީ ކުޑަކޮށް ހައިރާން ވެފަ. ކޮބާތަ މީގެ ސިއްރަކީ؟“

”ވަގުތާއެކު ހާލަތުވެސް ބަދަލުވެގެން ދާނެ އައްޔާ!“ ސައިތަށީގައި ހުރި އެންމެ ފަހު ފޮދުވަރު ހުސްކޮށްލައިފި އެވެ. ”ދުނިޔެ އުޅޭއިރު ދިމާވާ ގޮންޖެހުން ކެރިގެން ކުރިމަތިލާން ޖެހޭނީ. އޭރުން ހުރިހާ ކަމެއްވެސްވާނީ ރަނގަޅަށް. ނަސީބުވެސް އެހީވާނެ. “

އަލީގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ”އަހަންނަކަށް ނޭގުނު ހައްވާފުޅު ތިދައްކާ ވާހަކައެއް.”

”މިދައްކަނީ އަހަރެންގެ ވާހަކަ. އަހުމަދު ވަރިކޮށްލީމާ އެއީ މިންވަރުފުޅުގައި ހުރިގޮތޭ ކިޔަކިޔާފައި ރޯން ގޭގައިއިންނަމަ އަދިވެސް ޖެހޭނީ އެގޮތުގައި އިންނަން. އެކަމަކު ރޮއިގެން އުފެދޭ ކަރުނައިން އުފެދޭނީ އިތުރު ވޭން. އެއީ ފަރުވާއެއްނޫން. ފަހަރެއްގައި މީހުންގެ ހަމްދަރްދީ ލިބދާނެކަން ނޭނގެ. އެއިން ދިރިއުޅުން އާރާސްތު ކުރެވިދާނެތަ؟ އެހެންވީމާ އަހަރެން އަބަދުވެސް ބަލަން ނުރޮއިވޭތޯ. ރުއިމުގެ މާނައަކީ ގޮތް ހުސްވުން. އެއްވެސް ކަމެއްގެ ހައްލެއް ނޫން. ހިތަށްއެރީ އަހަރެން ނުރޯނަމޭ. ހިތާމަވެސް ނުކުރރަން ނިންމިން. ދިރިއުޅުމަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ވެއްޓުނީ. ވެއްޓުނީމާ އެޮތްގޮތަށް އޮޮތްނަމަ އަދިވެސް އޮންނަން ޖެހޭނީ. އެކަމަކު ހިތްވަރުކޮށްފަ ތެދުވީ. އެގޮތަށް ތެދުވުމުން މިއަދު ތިޔަ ފެންނަނީ އަހަރެންގެ އަސްލު ސޫރަ.“ މޮޅު ފަލްސަފާވެރިއެއް ގޮތަށް ހައްވާފުޅު ވާހަކަ ދައްކަމުން ދިޔައެވެ.

އަލީ އިނީ ހިމޭންވެފައެވެ. ހައްވާފުޅުގެ އިބްރަތްތެރި ވާހަކަތައް އަޑުއަހާށެވެ. ހިތްވަރުގަދަ އަންހެނާގެ ކެރުމާ ކުރިއަށްދާން ކުރި މަސައްކަތަށް ހިތުގައި އުފެދުނު ތައުރީފާއެކު ހިނިތުންވެލި އެވެ.

”ކިހިނެއްވީ؟ ފާޑަކަށް ހިނިއައިސްފަ ތިއިނީ ؟ “

”ތިޔައީ އާދައިގެ އަންހެނެއް ނޫން. އެހެންވެ.“

” ނޫނޭ. އަހަންނަކީ ހަމަ ވަރަށް އާދައިގެ މީހެއް. އެންމެ ކުޑަމިނުން އަޅާލާނެ މީހަކުވެސް ނެތް އެކަނިވެރިއެއް. އެކަމަކު ގޮތްހުސްވެފަ ހުރި މީހެއް ނޫން. އަހަރެން އަހަރެންގެ ދުނިޔެ ބަދަލުކުރާނަން. އެބާރު އަހަރެންގެ މުލައްދަނޑިގައި އެބަހުރި. އެކަމަކު އެކަންޏެއް ނޫން. އެހެން މީހަކާ ބައިވެރިވެގެން“

”ކީއްވެގެން ލަސްކުރަނީ؟ ކޮބާ މައްސަލައަކީ… ؟ ހަމަ ގައިމުވެސް ބޭނުން ކޮންމެ މީހަކު ހައްވާފުޅަށް ލިބޭނެ. އެ ރީތިކަން އަދިވެސް….“

”ހުއްޓާލާ އަލީ! ތިޔައީ މާކުރީގެ ވާހަކަތަކެއް.“ އޭނާ އަލީގެ ވާހަކަ ހުއްޓުވިއެވެ. ”ބޭނުންވަނީ އަހަރެން ކަހަލަ އާދައިގެ އަހަރެން ދެކެ ލޯބިވާ އަތްފައިކޮށައިގެން މަސައްކަތްކުރަން ކެރޭ މުރާލި ފިރިހެނެއް. އެއީ ހަމައެކަނި ޝަރުތަކީ.. މުއްސަނދިކަމާ ރީތިކަމާ ބޮޑުއާއިލާއެއްގެ ހިޔާވަހިކަމުގެ ދަށުގައި އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތް. އެފުރުސަތު އެބައޮތް. ބޭނުންނަމަ ހަމަމިހާރުވެސް އެކަން ވެދާނެ. އެހެންނަމަވެސް ހަގީގީ ދިރިއުޅުމުގެ މީރުކަން ލިބޭނީ އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ ދިރިއުޅުމުން.“ އޭނާ ވާހަކަދެއްކުން ހުއްޓާލިއެވެ. ދެން އަލީއަށް ބަލައިލިއެވެ. އަލީ އިނީ ހައްވާފުޅުގެ މޫނަށް އަރަމުން ފައިބަމުންދާ ކުލަތަކަށް ފަރުވާތެރިކަމާއެކު ބަލާށެވެ. އެދެމެދުގައި ހިމޭން ކަމުގެ ފާރެއް ލެވިއްޖެއެވެ. އަލީ އިނީ ބުނާނެ އެއްޗެއް ނޭގިފައި ނުވަތަ ނުކެރިފަ އެވެ. ހައްވާފުޅު، އަލީގާތު ބުނަން ބޭނުންވާ ވާހަކަ ދުލުން ބޭރުކޮށްލުމުގެ ހިތްވަރު ހޯދަނީއެވެ. އެންމެ ފަހުން އެހިމޭންކަން ފޫދުއްވާލީ ހައްވާފުޅެވެ.

”އަހަރެން ބޭނުންވެގެން މިއުޅެނީ އަލީކަހަލަ މީހަކު.“އަލީ ސިހިއްޖެ އެވެ.

“އަހަރެން ކަހަލަ …އެއީ ކާކު…؟”ހައިރާންކަމާއެކު އޭނާހައްވާފުޅަށް ރީތިކޮށް ބަލައިލިއެވެ. ހައްވާފުޅުގެ ކަތި ބެލުމުން އަލީއަށް ގޮތެއް ވެއްޖެ އެވެ. އެއީ ކުރިން ތަޖްރިބާ ކުރެވިފައިނެތް އާ ގޮތެކެވެ.

”އެއީ އަލީކަމަށް ވެއްޖެނަމަ ކީކޭބުނާނީ….؟“

”އަހަރެން…… ކީކޭ ކިޔަންތަ ތި އުޅެނީ؟ އޭނާއަށް އޮޅިއްޖެއެވެ. އޭނާއަށް ހީވަނީ މިއީ ހައްވާފުޅު ދައްކާ ވާހަކައަކަށް ވުރެ ބޮޑަށް ކިޔައދެމުންދާ އަރަތެއް ހެންނެވެ.

”ހައްވާފުޅު ތިޔަ އަހަރެން އިމްތިހާނު ކުރަނީތަ؟ ނޫނީ މޮޔަ ހައްދަނީތަ؟“ (ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top