ހަގީގަތެއްގެ މައްޗަށްބިނާކޮށް ލިޔެފައިވާ ވާހަކައެއް

ރރރރ.jpg

(11ޖުލައިއާ ގުޅޭ)  އެތަކެއްދުވަސްފަހުން މާޒީގެ އެހުރިހާރިހުމެއްް މިރޭ އަނެއްކާވެސް އާވާންފަށައިފިއެވެ. އެހަނދާންތަކާ ދުރަށްދާންއުޅުނަސް އަދިއެ ހިތްދަތިދުވަސްތައް ހަނދާންކުރަންޖެހޭ ސަބަބެއްނެތަސް މިރޭ އޭނާއަށް ނުނިދިގެން އުޅެނީ އެހަނދާންތައް އުދަނގޫކުރާތީއެވެ….. އެހެންނަމަވެސް އޭގެ މާނައަކީ އެދިރިއުޅުމަށް އަނބުރާ ދިއުމަށް ބޭނުންވަނީއެއްނޫނެވެ. އޭނާގެ މަންޒިލާހަމައަށް ދިއުމަށްކުރާ ދަތުރު އެކަނިމާއެކަންޏަށް ނުކުރެވޭނެކަން އެނގޭތީވެ ބައިވެރިއަކު ހޯދުމަށް ގަސްދުކުރާާތީ ވިސްނުމުގެ ސިލްސިލާ އެހިސާބަށް ދަތުރު ކުރީއެވެ. މާޒީގެ އެސަފްހާތައް ނިއުޅިގެން އެއުޅުނީ އެހެންވެގެންނެވެ.

ކޮންމެގޮތެއްވިޔަސް ބައިވެރިއަކުނެތި މުޖްތަމައުގައި ހަރަކާތްތެރިވުމަށް ގިނައުދަނގޫ ތަކެއްކުރިމަތިވާނެއެވެ. ފިރިއެއްގެ އެހީތެރިކަމެއްނެތް އަންހެނެއްގެދިރިއުޅުމުގައި އޮންނާނީ ކޮންހިތްގައިމު ކަމެއްހެއްޔެވެ.

ހައްވާފުޅު ވިސްނަމުންދިޔައެވެ. އޭނާ ބޭނުންވަނީ ރަނގަޅު ދަރިންތަކެއް ބިނާކުރާށެވެ. އޭނާ ތަރުބިއްޔަތުކޮށްފަތިބި ދަރިންތަކެއް މިގައުމަށްހަދިޔާކުރާށެވެ. އަދި ދުނިޔެ ދޫކޮށްފައިދާއިރު އާޚިރަތަށްޓަކާ ކުރެވޭ އެންމެހެޔޮ އެއްއަމަލުކަމުގައިވާ އޭނާއަށް ހެޔޮދުޢާކުރާނޭ ދަރިންތަކެއްވެސްއުފައްދާށެވެ. އެކަމަކު……. ބައިވެރިއަކަށް ގެންނާނީ ކާކުހެއްޔެވެ. އޭނާއާއި ބައިވެރިވެގެން އޭނާގެ މަންޒިލާ ހަމައަސް ދިއުމަށް އެހީތެރިވާނީކާކުބާއެވެ. އެމީހަކީ ކާކުހެއްޔެވެ؟

އޭނާ ގަބޫލުކުރާ ސިފަތަކެއްހުރި އޭދަފުށީގެ އެކިޒުވާނުން ވަކިވަކިން ހަނދާންކޮށް އެތައްއިރެއް ވޭތުވެދިޔައިރުވެސް އެމީހަކުނުފެނުނެވެެ. ބޭނުންވަނީ އޭނާ ލޯބިވާ މީހެއްގެ ބަދަލުގައި އޭނާދެކެ ލޯބިވާމީހެކެވެ. ބޭރުފުށަށްވުރެ އެތެރެފުށް ރީތިމީހެކެވެ.

އޭނާގެ ދިރިއުޅުން އަނެއްކާވެސް ގެނެސްފައިމިވަނީ ހަތަރުއަނގޮޅިއެއްގެމެދަށެވެ. ދާންވީ ދިމާލަށް މިސްރާބުޖަހަން ޖެހޭނީ ވަރަށްބޮޑަށް ވިސްނާފައެވެ. އެހެންނޫނީ ކުރީފަހަރުހެން މަގުއޮޅިދާނެއެވެ. އަލުންބަލުން ރިވައިސްކުރަންޖެހޭ ޓެސްޓްޕޭޕަރެއްފަދައިން ދިރިއުޅުމުގެ ފެއިލްވެފައިވާ ޓެސްޓްގައި ދެވަނަފަހަރަށް ބައިވެރިވާއިރު މިފަހަރު ފާސްވަންޖެހޭނެއެވެ.

ހައްވާފުޅުބޭނުންނަމަ މާލޭމީހަކާ އިނދެގެން މާލޭގައިއުޅެވިދާނެއެވެ. އޭނާއަކީ ޒުވާންއުމުރު ފަސްދީފައިވާ މީހެއްނޫނެވެ. ހަށިގަނޑުގެ ވަނާތަކާއި މޫނުގެ ދޮންޖަންބުކުލައިން ދިވެހިއަންހެނެއްގެ އުމުރުކިޔާދޭއިރު ތިރީސްއަހަރެއްނުވާނެއެވެ. މާލޭގައި ހޭދަކުރާ މިދުވަސްތަކުގައިވެސް ސެންޓްލާފައި ހުންނަ ކުޑަރުމާލާ ލޯބީގެސިޓީތައް ނުލިބެނީއެއްނޫނެވެ. އެކަމަކު މާލޭގެ މާހައުލު އެއްގޮތަކަށްވެސް ކަމުނުދާތީވެ އެހުށަހެޅުންތައް ގަބޫލުނުކުރެވެނީއެވެ. މުއްސަނދިކަމާ އަރާމާއެކު މާލޭގައި ދިރިއުޅެވޭނެ މަގު ދޫކޮށްލާފައި އޭނާ ބޭނުންވަނީ ރަށްފުށު ދިރިއުޅުމެވެ. ހިމޭންކަމާ އަމާންކަމާއެކު ދިރިއުުޅުމުގެ ހިތްގައިމުކަންއޮތީ އެތަނުގައި ކަމަށްވާތީއެވެ. ގޮޑުދޮށަށް ރާޅުބީއްސާ އަޑާ ކޮވެއްޔާ ކާޅު ގޮވާއަޑުއިވޭ ދޮންވެލި ތުޑިތަކުގައި ދޫނި ގޮވާއަޑު އިވޭ މާހައުލެކެވެ.

ހައްވާފުޅު ހެނދުނުގެސަޔަށް ކާގެއަށްދާން ހިގައިގަތްތަނާ މީހަކު ސަލާންގޮވާލި އަޑުއިވިގެން ފަހަތްބަލައިލިއިރު އެއީ އަލީއެވެ. ޢަލީޢަބްދުﷲއެވެ. ޒުވާން އުމުރުގެ ދުވަސްތައް ހަމަކުރަމުންދާއިރު އަދިވެސް މީހަކާނުއިދެހުރި ޚުލްްގުހެޔޮ މަޑުމައިތިރިމީހެކެވެ. އަލީއަކީ ހައްވާފުޅު އަހްމަދުއާ އިންނަން އުޅުނުއިރު އެކަމުގައި އެންމެ ގާތްކޮށް އުޅުނުމީހާއެވެ. އަހްމަދުގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އެހެންކަމުން ކައިވެނީގެ ކަންތަކުގައިވެސް އެންމެ ހަރަކާތްތެރިކޮށްއުޅުނީ އަލީއެވެ. ކައިވެންޏަށްފަހު އަހްމަދު ހައްވާފުޅާމެދު ފަރުވާ ކުޑަ ކޮށްލުމުން އެހެންނުހެދުމަށްއެދި އެންމެގިނައިން ނަސޭހަތްދިންމީހަކީވެސް އޭނާއެވެ. އެކަމަކު އެއިން އެއްވެސް ލަފައެއް ނަސޭހަތެއްވެސް ގަބޫލުނުކޮށް ހައްވާފުޅާމެދު އަމަލުކުރި ލާއިންސާނީ ގޮތާމެދު ހިތްހަމަނުޖެހިގެން އަހްމަދުއާ އޮންނަ ގުޅުން މިހާރު އޮތީކެނޑިފައެވެ. އޭގެބަދަލުގައި އަނިޔާލިބިފައިވާ ހައްވާފުޅާމެދު އޭނާގެހިތުގައިއުފެދުނީ ސާފުހަމްދަރްދީއެވެ.

ހައްވާފުޅުގާތަށް އާދެވެނީ މިހެންވެގެންނެވެެ.ހައްވާފުޅު މާލެއައިފަހުން ހައެއްކަފަހަރު އަލީ މާލެއަތުވެއްޖެއެވެ. އެއިން ކޮންމެފަހަރަކުވެސް ހައްވާފުޅާއި ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވައެވެ. މިދަތުރު އަލީއައީ އިބްރާހީމްބޭބެގެ ސިޓީއެއްވެސް ހިފައިގެންނެވެ. އެސިޓީ ހައްވާފުޅަށް ދިއްކޮށްލަމުން އަލީ ބުނެލިއެވެ. “އަވަހަށް މިސިޓީ ކިޔާށެވެ. ފަހަރުގައި ރަށަށް އަންނާށޭވެސް ލިޔެފައި އޮވެދާނެއެވެ.

އިބްރާހިމްބޭބެގެ ސިޓީއެއްގައި ހައްވާފުޅު ދެރަވާނެކަހަލަ އެއްވެސް ވާހަކައެއް ނޯންނާނެކަން  އެނގޭއިރުވެސް އޭނާގެ ހަފީޒްއާބެހޭގޮތުން ހިތްހަމަނުޖެހޭ ވާހަކައެއްއޮވެދާނެކަމަށްހީކޮށް ވަރަށް ހާސްވިއެވެ.

އޭގައިލިޔެފައިއޮތީ ސީގަލްބައްތެލި ހުކުރުދުވަހުގެރޭ މާލެއިންފުރާނެކަމާ ބޭނުންނަމަ އެބައްތެލިން އޭދަފުއްޓަށް އާދެވިދާނެކަމުގައެވެ. ބައްތެލިފުރުމުގެކުރިން ޔޫސުފް މިގެއަށްއަންނާނެކަމާއި އޭނާއާ ވާހަކަދައްކައިގެން ދަތުރުހަމަޖެއްސުމަށެވެ…….ޔޫސުފަކީ އެބައްތެލީގެ ނެވިމީހާއެވެ.

ސިޓީ ކިޔާނިމުމާއެކު އޭނާއަށްހުރީ ހިނިތުންވެވިފައެވެ. އެއީ އޭނާގެ ކާމިޔާބުދަތުރު ނިންމުމަށްފަހު އޭދަފުއްޓަށްދެވޭތީއެވެ. އިތުރު އެންމެ ދުވަހަކުވެސް މިތަނުގައި މަޑުކުރުމުގެ ބޭނުމެއްނެތޭ ހިތާހިތުން ބުނެލިއެވެ. އޭނާ އުފަލުގެތެރެއަށް ގެއްލިގެންހުރެ އަލީގެ ވަރުބަލިވެފައިވާ މޫނަށްބަލައިލިއެވެ.

ކޯޗެއްވިސްނިގެންކަމެއްނޭގެއެވެ. ހައްވާފުޅު އެދުނީ އޭނާއާއެކު ސައިބޯން ކާގެއަށް އައުމަށެވެ.
އަލީ އިންކާރެއް ނުކުރެއެވެ. ބަސްއަހާ ކުޑަކުއްޖެއްހެން ހައްވާފުޅާއެކު ހިގައްޖެއެވެ. ސައިބޯން ފެށުމާއެކު ރަށުގެވާހަކައާއި އެކިއެކި ރައްޓެހިންގެ ވާހަކަތައް އަހަމުން އެންމެފަހުން އޭނާ ބޭނުންވާ މައުޟޫއަށް ވާހަކަ އަނބުރާލިއެވެ.

” އަލީ މީހަކާ ނުއިދެ ތިހުންނަނީ ކީއްވެގެން؟ ” އަލީ ދިޔައީ ސިއްސައިގެންނެވެ. ތުންފަތުގައި ޖައްސައިގެންހުރި ސައިތަށިން އެތިފޮދެއް ބޭރަށްވެސްހިގައްޖެއެވެ.. ހައްވާފުޅުހޭންފަށައިފިއެވެ.

“ކިހިނެއްވީ އަލީ ؟”

” ދުވަހަކުވެސް ހައްވާފުޅު ތިފަދަ ވާހަކައެއް ނުދައްކާތީ ވީގޮތެއްކަންނޭގެ އެއީ. އަޅާނުލާ!” ހައްވާފުޅަށް ކުރިމަތިލައިގެންއިނދެ ވާހަކަދައްކަން އަލީ ޖެހިލުންވަނީކަންނޭގެއެވެ. އޭނާއިނީ އިސްޖަހައިގެންނެވެ.

ކީއްވެ އެހި ވާހަކައެއް ތިޔައީ؟ ”

” ކޮންމެވެސް ކަމެއްވެގެންދޯ އަހާނީ .!”

އަލީ އިސްއުފުލާލިއެވެ. އޭނާގެހިތަށް ވަރަށްގިނަ އެއްޗެތިތަކެއް އަރަންފަށައިފިއެވެ. ކޮންމެވެސް ކަމެއް ވާންއުޅެނީހެންހީވިއެވެ. މިއީ ކުރިން ހައްވާފުޅު އަހާކަހަލަ ވާހަކައަކަށް ނުވާތީ ކުޑަކޮށް ހައިރާންވެސްވެއްޖެއެވެ. އޭނާ ހައްވާފުޅަށް ބަލައިލިއެވެ. ބޭނުންވީ އޭނަޔާ ސަމާސާކުރަނީތޯ ޔަގީންކޮށްލާށެވެ. ހައްވާފުޅުއިނީއަލީގެ ޖަވާބަކަށް ޝައުގުވެރިވެފައިކަން އެނގުނެވެ.

“އަހަރެންނަށް އަދި ތިކަމަކާނޫޅެވޭ. ކުރަންޖެހިފައިވާކަމެއް ނަމަވެސް ތައްޔާރުނުވެވިގެން މިއުޅެނީ. މާނައަކީ މީހަކާއިނަސް އަދިނެތް އުޅޭނެތަނެއްވެސްް. މައިބަފާގޭގައި އިތުރުމީހަކު އުޅޭނެ ޖާގައެއްނެތް……… މިހެން ބުނާއިރުވެސް އެނގޭ ޒުވާންއުމުރު ފަހަނައަޅާ އެބަދާކަން.” އޭނާ ހެމުންހެމުން ބުނެލިއެވެ. “އަނެއްކާ އަހަރެންގެ ވާހަކަ މީހަކުއެހީތަ؟ ”

“އާނ. ……..!”

“އަހަންނާ ސަމާސާ ކުރަނީތަ؟” އޭނައަށް އަހާލެވުނެވެ. ހައްވާފުޅު ފެންނަނީ އެކަހަލަ ގޮތަކަށެވެ. އޭނާ މިހާރު އެހުރީ ހުސްހަށިބައިއިރު ފެނުނު އުފާވެރި ހިނިތުންވުމާއެކުގައެވެެ. ހަމަ އެމައުސޫމު މޫނެވެ. އެފަރި ހިނިތުންވުމެވެ. އެ ލާނެތް އަދާތަކެވެ. މި ހުރިހާ ދުވަހު އެމޫނުން ފެނުނު ފިކުރުބޮޑުވުމާއި މާޔޫސްކަން ވީތަނެއްވެސް ނޭގެއެވެ. ސިއްރަކީ ކޮބައިބާއެވެ.؟

” އަހަންނަށް މިއަދު ހައްވާފުޅު މި ފެންނަނީ މުޅިން ބަދަލުވެފައިވާ މީހެއްގެ ގޮތުގައި. އަހަރެން މިހުންނަނީ ކުޑަކޮށް ހައިރާންވެސް ވެފަ. ކޮބާތަ މީގެ ސިއްރަކީ؟ ”

” ވަގުތާއެކު ހާލަތުވެސް ބަދަލުވެގެން ދާނެ އައްޔާ ! ” ހައްވާފުޅުގެ އަޑުގައިހުރީ އުފާވެރިކަމެވެ.” ދުނިޔެ އުޅޭއިރު ދިމާވާ ގޮންޖެހުންތަކަށް ޖެހޭނީ ކެރިގެންކުރިމަތިލާން. އޭރުން ހުރިހާކަމެއްވެސް ހައްލުކުރެވޭނެ. ނަސީބުވެސް އެހީވާނެ. ކުރިމަގުވެސް އުޖާލާ ވާނެ. ”

“އަހަންނަކަށް ނޭގުނު ހައްވާފުޅު ތިދައްކާ ވާހަކައެއް.”

” މިދައްކަނީ އަހަރެންގެވާހަކަ. އަހްމަދު ވަރިކޮށްލީމާ މިއީއަހަންނަށް މިންވަރުފުޅުގައި ހުރިގޮތޭ ކިޔަކިޔާފައި ރޯން ގޭގައިއިންނަމަ އަދިވެސްޖެހޭނީ އެގޮތުގައި އިންނަން. އެކަމަކު ރޮއިގެން އުފެދޭ ކަރުނައިން އުފެދޭނީ ވޭން .އެއީ ފަރުވާއެއްނޫން. އެއިން ލިބިދާނެކަންނޭގެ މީހުންގެ ހަމްދަރްދީ. އެއިން ދިރިއުޅުން އާރާސްތު ކުރެވިދާނެތަ؟ އެހެންވީމާ އަހަރެން އަބަދުވެސް ބަލަން ނުރޮއިވޭތޯ. އެއީ ދިރިއުޅުމުގެ އެންމެބޮޑު ދުޝްމަންކަމުގައިބަލަނީ. ހިތަށްއެރީ އަހަރެންނުރޯނަމޭ. އަދި ނަސީބާމެދު ހިތާމައެއްވެސްނުކުރާނަމޭ. ދިރިއުޅުމަށް އެޅި ފުރަތަމަ ފިޔަވަޅުވެސް ކައްޗަށް އެޅިގެން ވެއްޓުނީ. ވެއްޓުނީމާ ހިތްވަރުކޮށްލާފަ ތެދުވީ. އެގޮތަށް ތެދުވުމުން މިއަދު ތިޔަ ފެންނަނީ އަހަރެންގެ އަސްލު ސޫރަ. ”

އަލީ އިނީ މަޑުމަޑުންނެވެެ. ހިތްވަރުގަދަ އަންހެނާގެ ކެރުމާ ކުރިއަށްދާން ކުރި މަސައްކަތަށް ހިތުގައި އުފެދުނު ތައުރީފާއެކު ހިނިތުންވެލިއެވެ.

“ކިހިނެއްވީ ؟ ކީއްވެ ފާޑަކަށް ހިނިއައިސްފަ ތިއިނީ ؟ ”

” ތިޔައީ އާދައިގެ މީހެއް ނޫން . އެހެންވެ.”

” ނޫނޭ. އަހަންނަކީ ހަމަ ވަރަށް އާދައިގެމީހެއް. އެންމެ ކުޑަމިނުން އަޅާލާނެ މީހަކުވެސް ނެތް އެކަނިވެރިއެއް. މިކަން މިހެންހުއްޓަސް އަލީވެސް ހީކޮށްނުވާނެ އަހަންނަކީ ގޮތްހުސްވެފައިހުރި މީހެއްކަމަށް. އަހަރެން އަހަރެންގެދުނިޔެ ބަދަލުކުރާނަން. އެކަމަށް މިހާރު އެންމެބޮޑަށް މިވިސްނަނީ. އަހަންނާ ބައިވެރިވާނެ މީހަކު ހޯދުމަށް.”

ކީއްވެގެން ލަސްކުރަނީ ؟ ކޮބާ މައްސަލައަކީ… ؟ ހަމަ ގައިމުވެސް ބޭނުން ކޮންމެ މީހަކުވެސް ހައްވާފުޅަށް ލިބޭނެ . އެ ރީތިކަންއަދިވެސް….”

“ހުއްޓާލާ އަލީ! ތިޔައީ މާކުރީގެ ވާހަކަތަކެއް. ” އޭނާ އަލީގެ ވާހަކަ ހުއްޓުވިއެވެ. ” ބޭނުންވަނީ އަހަރެންކަހަލަ އާދައިގެ އަހަރެންދެކެލޯބިވާ އަތްފައިކޮށައިގެން މަސައްކަތްކުރަންކެރޭ މުރާލި ފިރިހެނަކު. އެއީ ހަމައެކަނި ޝަރުތަކީ.. މުއްސަނދިކަމާ ރީތިކަމާ ބޮޑުއާއިލާއެއްގެ ހިޔާވަހިކަމުގެދަށުގައި ދިރިއުޅުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތް. އެފުރުސަތު އެބައޮތް. ބޭނުންނަމަ ހަމަމިހާރުވެސް އެކަން ވެދާނެ. އެހެންނަމަވެސް ހަގީގީ ދިރިއުޅުމުގެ މީރުކަން ލިބޭނީ އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ ދިރިއުޅުމުން. ” އޭނާ ވާހަކަދެއްކުން ހުއްޓާލިއެވެ. ދެން އަލީއަށް ބަލައިލިއެވެ. އަލީއިނީ ހައްވާފުޅުގެ މޫނަށްއަރަމުން ފައިބަމުންދާ ކުލަތަކަށް ފަރުވާތެރިކަމާއެކު ބަލާށެވެ.  އެދެމެދުގައި ހިނޭނަކަމުގެ ފާރެއް ލެވިއްޖެއެވެ. އަލީއިނީ ބުނާނެ އެއްޗެއްނޭގިފާ ކަންނޭގެއެވެ. ހައްވާފުޅު، ބުނަން ބޭނުންވާ ވާހަކަ ބުނުމުގެ ހިތްވަރު ހޯދަނީއެވެ. އެންމެ ފަހުން އަލީ އެހިމޭންކަން ފޫދުއްވާލައިފިއެވެ.

“ބުނަންތަ. އަހަރެން ބޭނުންވެގެން މިއުޅެނީ އަލީކަހަލަ މީހަކު. ”

“އަހަރެންކަހަލަ …އެއީ ކާކުބާ…؟ ” އަލީއަށް ބުނެވުނެވެ.” އަހަރެން ކަހަލަ މީހަކު އެއީކާކު…؟

“އެއީ އަލީކަމަށްވެއްޖެނަމަ ކީކޭބުނާނީ….؟ ”

“ތިޔަ އުޅެނީ އަހަރެން އިމްތިހާނުކުރަންތަ؟ ނޫނީ އަހަރެން މޮޔަހައްދަނީތަ؟ “ހައްވާފުޅުގެ ވާހަކައިން އަލީ ހިތްހަމައެއްނުޖެހުނެވެ.(ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top