ބޮލީވުޑްގެ ސުޕަރ ސްޓާރ، ރިޝީ ކަޕޫރު 67އ. މަރުވެއްޖެ އެވެ.
ރިޝީ މަރުވެފައިވަނީ ކެންސަރުބަލީގައި ހާލު ދެރަވެ، މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ.
އޭނާއަށް ކެންސަރު ޖެހިގެން މީގެ ދެއަހަރުކުރިން ވަނީ ކެންސަރާ ހަނގުރާމަ ކުރަން ފަށާފަ އެވެ. ނިއުޔޯކަށް ގޮސް އެތަނުން ފަރުވާ ހޯދައިގެން އެނބުރި އައުމަށްފަހު އަލުން އާއްމު ދިރިއުޅުމަށް ނުކުމެ މިއަހަރު ފިލްމު ކުޅެން ފެށިއެވެ.
ނަމަވެސް މި އަހަރު ކުރީކޮޅު “ޝަރްމާޖީ ނަމްކީން” ގެ ޝޫޓިންގެ ތެރެއިން ހާލު ދެރަވެގެން ހޮސްޕިޓަލަކަށް ދެއްކި އިރު، ކުރިން ފަރުވާ ހޯދި ކެންސަރުގެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ.
ރިޝީ ކަޕޫރުގެ ފިލްމީ ދުނިޔެއަށް ވަދެފައިވަނީ އޭނާގެ ބައްޕަ، މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ، ރާޖް ކަޕޫރުގެ އަތުގައި ހިފައިގެންނެވެ. އެގޮތުން 1970ގައި ރާޖްކަޕޫރުގެ ފިލްމް “ޖޯކަރ”އިން އެޅި ފުރަތަމަ ފިޔަވަޅާއެކު 100 އަށްވުރެ ގިނަ ފިލްމުވަނީ ކުޅެފައެވެ.
ރިޝީ މަރުވުމާ އެކު ބޮލީވުޑްގެ ގިނަ ތަރިން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އޭގެތެރޭގައި ރިޝީއާއެކު މޮޅު ފިލްމްތަކެއް ކުޅެފައިވާ އަމީތާބު ބައްޗަން އާއި، ޝިލްޕާ ޝެޓީ، ޕްރިޔަންކާ ޗޯޕްޅާ އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެ އެވެ.
ރިޝީ ކެންސަރާއިދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގާ އޭނާގެ އެންމެ ގާތުގައި ރިޝީ ކަޕޫރުގެ ދަރިފުޅު، ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރާއި އަންހެނުން ނީޓޫސިންގް ގެ އިތުރުން އެދެމަފިރިންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅު ރިދިމާ ކަޕޫރުގެ އެހީތެރިކަން ފަހު ނޭވާ އަށްވެސް ލިބެމުން ދިޔައެވެ.
2009 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ލިބިފައިވާ ރިޝީ ކަޕޫރު ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބޮބީ، ދީވާނާ، ޗާންދްނީ، ނަސީބް އަޕްނާއަޕްނާ ފަދަ ރީތި ފިލްމްތައް ހިމެނެއެވެ.
ރިޝީ ކަޕޫރު މިއަދު މަރުވެފައިވާއިރު ބޮލީވުޑް ތަރި އިރްފާން ޚާންވެސް ކެންސަރު ބަލީގައި އިއްޔެ ވަނީ މަރުވެފައެެވެ.