އުފެދުމުގެ އަސްލު ދެކެ ލޯބިވުމަކީ އިންސާނީ ތަބީއަތެވެ. މައިންބަފައިންނާއި އާއިލާދެކެ ވާލޯތްބަކީ އެންމެ ވަރުގަދަ ލޯބި ކަމުގައި ވަނީ އެހެންވެގެންނެވެ. އެކަމަކު އިންސާނެއްގެ ވުޖޫދު މިއަށްވުރެ ދުރަށް ދާނަމަ ދެން ކިޔާނެ ނަމަކަށް ވާނީ އުފަންވީރަށެވެ.
ރާއްޖޭގެ ތާރީޚު ދައްކާފައިވާ އެންމެ ހިތި ހަގީގަތަކީ ރާއްޖޭގެ ރަށްތައް އެކަނި ވެރިކަމާއެކު އުޅެން ދޫކޮށްލާފައި ހުރިހާ ބާރުތަކަކާ ވަސީލަތްތަކެއް މާލެއަށް ޖަމާކުރުމެވެ. މިހާރު ކޮންމެވެސް މިންވަރަކަށް މި ކަން ބަދަލުވިޔަސް 1990 ގެ އަހަރުތަކާ ހަމައަށް މިކަން ހިނގަމުން އައިީ މިހެންނެވެ. އަތޮޅުތެރޭގައި ބޮޑުވާ ކުދިންނަށް އޮންނަ ހުކުމަކީ ފޯރުންތެރި ބައެއް ނަމަ ކިޔަވަން މާލެ ފޮނުވުމެވެ. ނޫނީ ވަޒީފާއެއް ހޯދަން މާލެ ދިއުމެވެ. އެކަމަކު ގިނަމީހުން މާލެ ދަނީ ވަގުތީ ހިޔަލެއްގެ ގޮތުގައި މަދުކޮށްލާ ބީދައިންނެވެ. ދިރިއުޅުން އޮތީ ރަށުގައި ކަމަށް ނިންމައިގެން އެނބުރި އައުމަށެވެ. އެހެންނަމަވެސް ހާލަތު ނިޔާ ކުރާ ގޮތުން މާލޭގައި ހަރުލަނީއެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލެއަށް ހިޖުރަ ކޮށްފައިވަނީ މިދެންނެވި ގޮތަށެވެ. އޭދަފުށީގައިވެސް އެފަދަ މީހުންތައް ބައިވަރެވެ. އެކަކީ އޭދަފުށީ ހިޔަލީގޭ އަބްދުލް އަޒީޒު މޫސާ (އަޒީ) އެވެ.
އަޒީ މާލެ ދިޔައީ މީގެ 43 އަހަރު ކުރިން 1977 ގައެވެ. ރަށުން ކިޔަވައި ނިމުމަށްފަހު މާލެއަށް އައިސް އިތުރަށް ކިޔަވައިގެން ސަނަދު ނަގާށެވެ. އޭގެ ފަހުން ވަޒީފާއެއް ހޯދާށެވެ. އެއީއޭރުގެ އެންމެންގެވެސް ވިސްނުމެވެ. ވިސްނުން ގޮސް ނިމޭ ހިސާބެވެ. އެއްނަންބަރު ކާތިބު ކަމުގެ ސަނަދު ލިބުމުން އެހެރީ މީހަކަށް ވެފައެވެ. އޭގެ ތެރެއަށް ސެކްރެޓަރީކަމުގެ ސަނަދު އިތުރު ކޮށްލާނަމަ އެ ދެން ވަރަށް މޮޅުވީއެވެ. އޭރަށް ބަލާއިރު އެއީ އެންމެ މޮޅު މީހުންނެވެ.
މީ އޭގެ 43އަހަރު ފަހެވެ. ދިރިއުޅުމުގައި އޭނާ އަށް ނުފުދެނީ މިވެނި ބޭނުމެކޭ ބުނެވޭކަށް ނެތެވެ. ދިރިއުޅުން ހަމަޖެހިފައި އޮތީ މާލޭގައެވެ. މާލޭގައި އަމިއްލަ ގެދޮރު އެބަހުއްޓެވެ. އާއިލާއެއް އެބައޮތެވެ. އުފާވެރި ތަނަވަސް ދިރިއުޅުމެކެވެ. މިތަނަވަސްކަމާ އުފާވެރި ދިރިއުޅުމުގެ އެންމެ ބޮޑު ހިއްސާ ދާރުންގެ ގޮތުގައި އޭނާ ބަލަނީ ޚާއްސަކޮށް ރަށުގައި ތިބި އާއިލާއާއި ގާތް ތިމާގެ މީހުނެވެ. އޭނާގެ ބޮޑު އާއިލާއަށް ދިމާވާ ކޮންމެ ކަމެއްގައި އަމިއްލަ އެއްވެސް އެދުމެއްނެތި އެހީތެރިވުމުގެ އަތް ދިއްކޮށްލުމުގައި އެއަށްވުރެ ދީލަތި އަނެކަކު އޭދަފުށީގައި ހަމަ މަދުވާނެއޭ ބުނެވިދާނެއެވެ.
އެކަމަކު އަދިވެސް އޭނާ ގަބޫލު ނުކުރަނީ އޭނާއަކީ މާލޭ މީހެއްކަމެވެ. ހަގީގީ ދިރިއުޅުން އޮތީ ރަށުގައި ކަމަށެވެ. ވަރަށް ގިނައިން ރަށަށް އަންނަނީ އެހެންވެއެވެ.
އަޒީގެ މައިންބަފައިންގެ ގެ ‘ހިޔަލީގެ ‘ އަދިވެސް ހުރީ އޭނާގެ ޅައިރުގެ ހަނދާންތަކާ އެކުގައެވެ. މަންމަ އާއި ބައްޕަ ދިރިއުޅުނު ގޮތަށް މައިގޭގެ ދެފަރާތުން ދެފެންޑާ އާއި އެތެރެގެ އާއެކު ބައްޕަ އިމާރާތް ކުރި ގޭގެ މޮޑެލަށް އެއްވެސް ބަދަލެއް ނުގެނެސް މަރާމާތު ކޮށްފައެވެ. އޭރު ބައްޕަ މޫސާ ހުސޭން (ދޮންކަލޯބެ) އާއްމު ކޮށް އިންނަވާނީ ގޭގެ އުތުރު ފަރާތު ފެންޑާގައި އެލުވާފައި ހުންނަ ބޮޑު އުދޯލީގައެވެ. މީހުންނާ ބައްދަލު ކޮށް ހައްދަވައި އުޅުއްވީ އެ އުދޯލީގަ އެވެ. ގަރުނަކަށްވުރެ ގިނަ ދުވަސް ވެފައިވާ އެއުދޯލި މިހާރުވެސް ހަމައެހުރި ގޮތަށް އެމަގާމުގައި އެބަހުއްޓެވެ. ބައްޕަގެ ބަދަލުގައި އެއުދޯލީގައި ބައްޕަގެ ހަނދާން އާކުރެއްވީ އަޒީގެ ބޭބެ އަބްދުލް ހަލީމެވެ. އޭނާވެސް މާލޭގައި ދިރިއުޅުއްވިއެއް ކަމަކު އަހަރުގެ ގިނަ ދުވަސް ރަށުގައި ހޭދަކުރެއްވި އިރު ގިނަ ވަގުތު ހޭދަކުރެއްވީ މި އުދޯލީގައެވެ. އޭނާ ނިޔާވީ ފަހުން މިހާރު އަޒީއެވެ. އީވީއާ އަޒީ އިންޓަވިއު ދެއްވީ މި އުދޯލީގައި އިންނަވައިގެންނެވެ.
އަޒީއަކީ މާލޭގައި ދިރިއުޅޭ އޭދަފުއްޓަށް އުފަންމީހުންގެ ތެރެއިން އެންމެ ގިނައިން އޭދަފުއްޓަށް އަންނަ އެކެކެވެ. އެންމެ ކުރިން ކުރިން ރިޔަލު ދޯނީގައެވެ. އެއަށް ފަހު އިންޖީނު ދޯނީގައެވެ. ދެން ސްޕީޑް ލޯންޗު ފަހަރުގައެވެ. މިހާރު ވައިގެ މަގުންނެވެ.
މިހާގިނައިން އަޒީ އޭދަފުއްޓަށް އަންނަނީ ކީއްވެގެން ހެއްޔެވެ؟ އީވީގެ ފަރާތުން ފުރަތަމަ ކޮށްލީ މި ސުވާލެވެ.
މީ އަހަރެންގެ އުފަން ބިން. މި ބިމުގެ ވަހާ މި ބިމުގެ ރަހައާ މި މާހައުލުގެ ހިތްފަސޭހަ ކަން އެހެން އެއްވެސް ތަނަކުން ނުލިބޭނެ. އަނބިދަރިން ފިޔަވައި އާއިލާގެ ގިނަ މީހުން ދިރިއުޅެނީ މިރަށުގައި. ކުޑައިރުގެ ހަނދާންތަކާ އެހަނދާންތަކާ ގުޅިފައިވާ އެކިއެކި ހާދިސާ ތައް ހިނގާފައިވަނީ މި ރަށުގައި. އާއިލާ މީހުންނާ ބައްދަލު ކޮށް އެމީހުންނާ ގުޅުން ބަދަހި ކުރުމާއި އެކުވެރިންނާ އޮތީ މި ތަނުގައި. އެހެންވެ އެހާގިނަ ދުވަހު މި ބިމަށް ޒިޔާރަތް ނުކޮށް ނުހުރެވެނީ.
43 އަހަރުގެ ކުރިއާ މިއަދާ އަޅާ ކިޔާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ؟
ގުދުރަތީ ވެށި އެއްކޮށް ހަލާކުވެފައި. އަހަރެމެން ކުޑައިރު ކުޅެން އުޅުނު ފެހިކުލަ ގަދަ އަތިރިމައްޗާއި ހޭޑިފަށުގައި ވަށައިގެން ހެދިފައިހުރި މަގުލާއި ބޯށި އަދި މިރިހި ގަސް ތަކުގެ ހިޔަލާއި ދޮންވެލީގެ ގޮނޑު ދޮށާއި ވިލު ނޫކުލައިގެ ރީތި މޫދު މިއަދު ފެންނާކަށް ނެތް. އެއީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް. އަދި ވަރަށް ދެރަވާ ކަމެއް. އެއީ އިންސާނުންގެ އަމިއްލަބޭނުމަށް ހަލާކުކޮށްލާފައިވާ ތަންތަން ކަމަށް ވާތީވެ އަދި މާ ބޮޑަށް ދެރަވޭ.
އުފަންރަށް ދެކެ ލޯބިވަނީ ކިހާ ވަރަކަށް ؟
އެއީ ލޭގެ ގުޅުމެއް. އެހެންވީމާ އެވނީ އެންމެ ލޯބިވާ މައިންބަފައިނާއި އާއިލާ ފިޔަވައި އެންމެ ލޯބިވާ ފަރާތަށް. އެހެންވެ މިހާ ގިނައިން ރަށަށް މި އާދެވެނީ. އެހެންވެ ރށުގެ ކޮންމެ ކަމެއް ޚަބަރާއި ސޯޝަމް މީޑިއާ ސާޗް ކޮށްގެން ކޮންމެ ދުވަހަކުވެސް ބެލެމުން ދަނީ. ހަގީގަތުގައި މާލެއަކީ ދިރިއުޅޭ ތަން .އެއީ އަމިއްލަ ވަޒަނެއް ނޫން. އަދިވެސް އަހަރެންނަކީ އޭދަފުށި އަޒީ. މިނަމާ މި މަގާމަކަށް ބަދަލެއް ނާންނާނެ.
ކިހާ ވަރަކަށް ރަށަށް އައިސް ރަށުގެ ކަންތައް ބަލާ އުޅެން ؟
ރަށަށް އަންނަ ކޮންމެ ފަހަރަކުވެސް ރަށަށް އައިސްފައިވާ ބަދަލުތައް ބަލައި އުޅެން. މީހުންގެ އުޅުމާ ރަށަށް ލިބެމުން ދާ ތަރައްގީއާ ކުރިއެރުން އަދި އެތަރައްގީގެ ސަބަބުން ގުދުރަތީ ވެއްޓަށް އަންނަ ނޭދެވޭ ބަދަލު ތައްބަލައި ދިރާސާކުރަން. އެކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައިވެސް އަމިއްލަ ގޮތުން ހުންނާނީ މަޝްވަރާ ކުރަން. ބައެއް ކަންތައްތަކަށް ހައްލުވެސް ހުންނާނެ ހޯދާދިފަ.
ކުރިއަށް އޮތް ތަނުގައި އޭދަފުށި ދެކެން ބޭނުން ވަނީ. ؟
އަހަރެމެން ކުޑައިރު އޮތް ކަހަލަ ނިކަން ފެހި އޭދަފުއްޓެއް. އޭދަފުށީގެ ފަސްގަނޑުގައި ބީހިލުމާއެކު ފިނިކަންދޭ ހިޔާ ބޮޑެތި ގަސް ތަކުން ފުރިފައިވާ އޭދަފުއްޓެއްގެ ގޮތުގައި. މިއީ މިހާރުވެސް ކުރަން ޖެހިފައިވާ ކަމެއް. އޭދަފުށީގައި ވަރަށް ބޮޑަށް ގަސް މަދުވެއްޖެ. ގަސް މަދުވުމަކީ ހޫނު ގަދަވުމާ ވައިފެން ނުރަނގަޅުވާން ދިމާވާ ސަބަބެއް. ރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން އިސް ނަގައިގެން އަވަހަށް ފަށަން ވެއްޖެ ކަމެއްމިއީ.
އަނެއްކަމަކީ އެކަކު އަނެކަކާ އަޅާލައި މެހެމާނުންނަށް ކަމޭ ހިތައި އާއިލީ ގުޅުން ވަރަށް ރަނގަޅު ރަށެއްގެ ގޮތުގައި ދެކެން ބޭނުންވަނީ.
އޭދަފުށިން ފެންނަ އެންމެ ދެރަވާ މަންޒަރަކީ؟
އެންމެ ދެރަވަނީ ތަރައްގީގެ ނަމުގައި ކުރަމުންދާ ނާތަހުޒީމީ އަމަލު ތަކުން. މިސާލަކަށް އަހަރެމެން ކުޑައިރު މޫދު ފެންނާނީ ބިއްލޫރިކޮޅެއްހާ ސާފުކޮށް. ފަޅުތެރޭގައި ދިރިއުޅޭ މަސްމަހާމެއްސަށްވެސް ރަނގަޅު މާހައުލެއް އޮތް ތަނެއްގެ ގޮތުގައި. މިހާރު މިފެންނަނީ ފަޅުތެރވެސް ގޮނޑެއްގެ ގޮތުގައި. އެއް ފަރާތުން ފަޅަށް ކުނި އަޅަނީ. އަނެއް ފަރާތު ފަޅުތެރެ ޕްލާސްޓިކް ފުޅިއާއި ދަޅު ފަދަ ތަކެތިން ތަޣައްޔަރު ވެފައި އެއޮންނަނީ. މިހެން ގޮސް ގުދުރަތީ ވެށި މި އޮންނަނީ މުޅިން ހަލާކުވެފައި. މިކަން ހައްލު ކުރުމަށް ސަރުކާރުގެ އެހީތެރިކަން ފުރަތަމަ ބޭނުންވަނީ. އެއީ ރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި މި އަޅަނީ މޫދަށް. ނުވަތަ ކަނޑަށް. އެކަން އެނޫން ގޮތަކަށް ކުރެވޭނެ މަގެއް ދެއްކެން އޮތީ ސަރުކާރަށް. އެކަމަކު އުތުރު ފަރާތު ފަޅުތެރެއަށް ކުންޏާ ތެލާ މިނޫނަސް އެކި ވައްތަރުގެ ތަކެތި އަލާ މީހުން އެމީހުންގެ ފަރުދީ ޒިންނާ އަދާކޮށްގެން ސާފުކޮށް ބޭއްވިދާނެ.
އޭދަފުށިން ފެންނަ އެންމެ އުފާވެރި މަންޒަރަކީ. ؟
ހިތްހެޔޮކަން. އެއީ ބަދަލެއް ނުވާ ކަމެއް. ކޮންމެ މީހަކުވެސް ފެންނައިރަށް އެހުންނަ ހިނިތުންވުން . ސިޔާސީ ގޮތުން ބައިބެހިފައި އޮތަސް އެކަމެއް ނުފެނޭ.އެއީ ވަރަށް އުފާވެރި މަންޒަރެއް. އަދި ހަމައެއާއެކު އެއް ބައިވަންތަކަމާ އެކުވެރި ބައެއްގެ ގޮތުގައި ދިރިއުޅޭ ބައެއްގެ ގޮތުގައި ފެނުމަކީވެސް ވަރަށް އުފާ ވާ ކަމެއް.