ރާއްޖޭގައި ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔަވައިދިނުން އިތުރު އެ ހަފްތާއަށް މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
މިކަމާގުޅިގެން އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ގާނޫނީ ބާރުގެދަށުން ރާއްޖޭގައި ހިންގާ އެންމެހާ ސްކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން މާދަމާއިން ފެށިގެން ވަގުތީ ގޮތުން އެއް ހަފުތާއަށް މެދު ކަނޑާލަން އަންގާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އަދި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތަކުގައި ކިޔަވައިދިނުންވެސް ކުރިޔަށް އޮތް އެއްހަފްތާގެ މުއްދަތަށް މެދުކަނޑާލުމަށް މި އިއުލާނުގައި އަންގަވާފައި ވެއެވެ.
މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަަކަށް އަންގާ ކަމަށްވެސް ބުނެފައި ވެއެވެ.