އެމްޕީ. އަލީ ވިދާޅުވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ބޮޑުތަނުން ފުޅާވެއްޖެ ކަމަށް

medium_95581.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން. --ފޮޓޯ :މަޖިލިސް އިދާރާ

ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ބިޑުތަނުން ފުޅާވެގެން ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެގެ މެންބަރު އަލީ ހުސޭން ވިދާޅުވެއްޖެ އެވެ.

އެމްޕީ އަލީ މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވިޓެއްގައެވެ.

ސަރުކާރާއެކު ކުންފުނިތަކުން ހަދާފައިވާ ބައެއް އެއްބަސްވުންތައް އުވާލުމުން، އެއްވެސް މަސައްކަތެއް އަދި އިންވެސްޓްމަންޓެއް ވެސް ނުކޮށް ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން އެދި ހުށައަޅާފައި ވެއެވެ. އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މެންބަރު އަލީ ހުސައިން ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވަމުން ގޮސް މިހާރު އޮތީ ފުށިދިއްގަރު ފަރަށް އަރާފައި ކަމަށެވެ.

“ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވަމުންގޮސް މިހާރު އެ އޮތީ ފުށިދިއްގަރު ފަރަށް އަރާފަ. 2025 ގައި ލިބޭނެ ގެއްލުމާއި 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން 2020 ގައި އެއްބޮނޑިޔަކަށް ބަނދެފައި ގަނޑުކޮށް ދޭކަށް ނުޖެހޭ.” އަލީގެ ޓުވީޓް ގައި ވިދާޅުވެފައިވެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ގާނޫނާ ހިލާފަށް އެގްރީމެންޓް ބާތިލު ކުރި މައްސަލަތަކުގައި، ބައެއް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއްގެ ފައިސާ ސަރުކާރުން ދީފައި ވާއިރު، ހަމަ އެފަދަ މައްސަލަތަކެއްގައި އެހެން ބައެއް ފަރާތްތަކުން އަންނަނީ ދައުވާ ކުރަމުންނެވެ.

އެގޮތުން ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްސްއާ އެކު 2013 ވަނަ އަހަރު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ފަޅު ހަވާލު ނުކުރި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި ސަރުކާރުން ދެ ބިިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް ފަރާތަކުން އެ ކަމާބެހޭ މައުލުމާތު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމާއި ގުޅޭގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ މައްސަލާގައި ސަރުކާރާ ޓީއެމްއޭ އެއްބަސްވާ ރަނގަޅު ގޮތެއް ނުފެނިއްޖެނަމަ އެ ކުންފުންޏަށްވެސް ބަދަލުދޭން ޖެހިދާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ ސަރުކާރުން ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފައިވާ ކަމަށް މިދިޔަ ހަފްތާގައި ފިނޭސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ މި ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށާ އެއަށްވުރެ ގިނަ ފައިސާ ދިންކަން ވަނީ ހާމަވެފައެވެ.

މިނޫނަސް މި ސަރުކާރުން އެތައް ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ބަދަލުގެ ގޮތުގައި ވަނީ ފައިސާ ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top