ސިޔާސީ ކަންމަތި: ހައްވަ ޕީޕީއެމްގެ ޓިކެޓްގައި!؟ ކިހިނެއް މިވީ ؟

17759996_105489556667809_2734161941223039851_n-1.jpg

އޭދަފުށި ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ / ފޮޓޯ: ހައްވާ ސަމީހާ

އެއީ އަޅުގަނޑުގެ އަމިއްލަ ބަހެއް ނޫނެވެ. ހައްވައާ ބެހޭ ގޮތުން ޕީޕީއެމް ބައެއް މެންބަރުންގެ އެންމެ އަތްމަތީ ބަހެވެ. ޕީޕީއެމް ގެ ޓިކެޓަށް މި ފަހަރު ޕްރައިމަރީގައި ވާދަކުރައްވާ އޭދަފުށީ އަސަރީގޭ ހައްވާ ސަމީހާ އާވެސް ކުރިމަތި ކުރުވާ މިލިއަން ޑޮލަރުގެސުވާލެކެވެ.

ތެދެކެވެ. ރިޔާސީ އިންތިހާބަށްފަހު ދެން އައި މަޖިލިސް އިންތިހާބާއެކު ހައްވަ ފެނިގެން ދިޔައީ ޕީޕީއެމް އާއި ބީރައްޓެހި ގޮތަކަށެވެ. އެ ކަން އަދި ހަނދާން ނެތޭ ހައި ދުވަހެއް ނުވެއެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުން އެދުވަސްވަރު ހައްވަގެ ވާހަކަތައް ހުރީ ޕީޕީއެމްގެ ބައުންޑްރީ އިން ބޭރުގައެވެ. އެހެންކަމާއެކު ހައްވަ އެނބުރި ޕީޕީއެމްގެ ސަފުތަކާ އަލުން ގުޅޭނެކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު އެއްވެސް ކަމަކީ އެކަށީގެން ނުވާ ކަމެއް ނޫންތާއެވެ. މަންޒަރު ބަދަލުވީ ހަމަ ކުއްލި އަކަށެވެ. ކައުންސިލް އިންތިޚާބުގެ އަޑު ގަދަވުމާއެކު ހައްވަ ޕީޕީއެމް އާއި އަލުން ގުޅުނު އަޑުވެސްއިވިގެން ދިޔައީ ކުއްލިއަކަށެވެ.

މިހާރު ހައްވަ އެހެރީ ޕީޕީއެމްއާއެކު ސިޔާސީ ރޭހަށް ނުކުމެއެވެ. ބޭނުމަކީ ޕީޕީއެމްގެ ޓިކެޓްގައި ދެވަނަ ދައުރަކަށް ރަށު ކައުންސިލު އިންތިހާބު ކާމިޔާބު ކުރުމެވެ. އެކަމަކު ހައްވައަށްވެސް އަދި ޕީޕީއެމްގެ މެންބަރުންނަށްވެސް ސާފު ނުވެ އޮތް ހަގީގަތަކީ ހައްވަ ހަމަކުއްލިއަކަށް ޕީޕީއެމް އާއި ފެއަށް ޖެހުމެވެ. އެހެންވީމާ ރިޔާސީ އިންތިޚާބަށްފަހު ”އެންމެ ކައިރިގައި އެހެނަސް އެންމެ ދުރުގައި” ހުންނަންޖެހުނީ ކީއްވެގެން ކަން ހައްވާ ސާފު ކޮށްދޭން ޖެހެއެވެ. އެއީ ހައްވައާމެދު އެކި ގޮތަށް ވިސްނަމުން އަންނަ މީހުންނަށް ސާފު ކޮށްދޭން ޖެހޭ ކަމެކެވެ. ހައްވައަކީ ހައްވަގެ ގޮތުގައި ދުވަހަކުވެސް ޕީޕީއެމްއާ ވަކިވާނޭ މީހެއް ނޫންކަމުގެ އިއުތިރާފު ބޭނުންވެއެވެ. ޕްރައިމަރީގައި ވޯޓު ދޭން ތިބި ޕީޕީއެމްގެ ވަފާތެރި މެންބަރުންނަށް ހައްވައާއި ޕީޕީއެމް ވަކި ނުވާނެ ކަން ސާފު ކޮށްދިނުމުގެ ގޮތުންނެވެ. އެހެންވީމާ މި ސުވާލުތައް ހައްވައަށް ކުރިމަތި ކުރަން ޖެހުނީއެވެ.

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން ހައްވަ ގެއްލުނީކީއްވެގެން ހެއްޔެވެ. އަލުން އެނބުރި އައީ ކީއްވެގެން ހެއްޔެވެ؟

ވަގުތުގެ ކަށި އެނބުރެމުން ދާއިރު، ހާލަތު ވެސް ބަދަލު ވަމުން ދާނެ. އެކަން ގަބޫލު ކުރަން ޖެހޭނެ. އަޅުގަނޑަށްވެސް އެފަދަ ކަމެއް ދިމާވީ. އެކަމަކު އެއީ ޕީޕީއެމް އާ އަޅުގަނޑާ ދެމެދު ލެވިފައި އޮތް ހުރަސް ނުކުރެވޭ ވަރުގެ ވަރުގަދަ ފާރެއް ނޫން. އަޅުގަނޑަކީ އޭރުވެސް މިހާރުވެސް ޕީޕީއެމް ގެ މެންބަރެއް. ކައުންސިލްގައި މިހިރީ ވެސް އަދި އަންނަ ދައުރަށް ކުރިމަތިލީވެސް ޕީޕީއެމްގެ ފިކުރު ގަބޫލު ކުރެވޭތީ .ހަމަ އެއާއެކު އެތައް ބަޔަކު މިފަހަރުވެސް އަޅުގަނޑުގެ ޚިދުމަތް ބޭނުންވެގެން ކައުންސިލަށް ކުރިމަތިލާން އެދުމުން އެމީހުންގެ އެދުމަސް އިހުތިރާމް ކުރުމުގެ ގޮތުން.

ޕީޕީއެމް ގެ އިތުރުން ހައްވައަކީ އެމްޑީޕީ މީހުންގެވެސް ގާތް އެކުވެރިއެއްގެ ގޮތުގައި ބެލެވެނީ. އެހެންވީމާ ހައްވަގެ ސަޕޯޓަރުންވެސް މަދުވާނެކަމަކަށް ނުބެލެވޭ. ކިހާވަރެއްގެ ޔަގީންކަމެއް އެބައޮތްތޯ؟

ޝައްކެއްވެސް ނެތް. އަޅުގަނޑަކީ ޕީޕީއެމް މެންބަރެއް. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ. އެހެންނަމަވެސް އޭގެ މާނައަކީ އެހެން ޕާޓީތަކާ ގުޅުން ކެނޑުމެއް ނޫން. އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ ކައުންސިލަށް ކޮންމެ ޕާޓީއަކުން އައި ކަމަށް ވިޔަސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ތަފާތު ނުކުރުން. އެހެންވީމާ ކަން ނޭނގެ އަޅުގަނޑާމެދު އެމްޑީޕީ މީހުން ޚާއްސަ ގާތްކަމެއް ގެންގުޅޭ ކަމަށް ފާހަގަ ކުރެވެނީ. އަޅުގަނޑު ހޮވާފައި މިހިރީ ހުރިހާ ޕާޓީއަކުން. ރަށަށް ޚިދުމަތް ކުރުމަށް. އެކަން ގަބޫލުކުރާނަމަ ވަކި ޕާޓީއަކަށް ނުބަލާ ޚިދުމަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް. މި ހުރިހާ ކަމަކާ އެކުވެސް ޕްރައިމަރީ ކާމިޔާބު ކުރުމަށް ބައިވަރު ކެނޑިޑޭޓުންގެ ތެރެއިން ފުރޭނިގެން އައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އަޅުގަނޑު ފަރުވާކުޑައެއް ނުކުރާނަން.

ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ ؟

ވަރަށް ގިނަ ފަރާތްތަކަކުން އެބައެދޭ ޕްރައިމަރީ ކާމިޔާބު ނުވެއްޖެނަމަ އަމިއްލަ ގޮތުން ވާދަ ކުރަން. އެކަމަކު އެކަމަށް އަދި ވަކި ގޮތެއް ނުނިންމަން. އެހެންނަމަވެސް އަޅުގަނޑަށް އޮތް ޔަގީންކަމަކީ ޕާޓީއާއި ވަކި ނުވާނެކަން. ބަލިވިޔަސް ޕާޓީއާއެކު މޮޅުވާ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރުމުގެ ވިސްނުން ހުރީ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top