އެއްދުވަހަކު ޖުހާ ބާޒާރު މައްޗަށް އަރާލިއެވެ. މެރިން ޑުރައިވުންލާފައި ގޮސް ބާޒާރުމަތިަ ފިހާރަތަކާ ކައިރިކޮށްލިއެވެ. އެކި ތަންތަން ބަލަމުންގޮސް ލޯކަލު މާރުކޭޓު ދޮށަށް ހުއްޓުނެވެ. ދެން އެއްލިކަޅިއަކުން އަޅައިގަތީ ތޮށިމަތީ ޖައްސާލައިގެން އިން ރީތި މާކަނާއެކެވެ. މާކަނާ ރަނގަޅަށްބަލާލާނަމޭހިތާ ޖުހާ އެ ސޮރާ ކައިރިއަށް ޖެހެލިއެވެ. ދެން ފެނިގެން ދިޔައީ ވަރަށް ވެސް އަޖާއިބުކުރުވަނި މަންޒަރެކެވެ. މާކަނާއާ ކައިރިވެލި ވުމުން އެ ސޮރު ވާހަކަ ދައްކަން ފެށިއެވެ.
ފުރަތަމަ ވެސް މާކަނާ ބުނީ ތިމަން މިއިނީ އެކަން ކުރަން ނޫންކަމެވެ. ޖުހާ ވަރަށް ހައިރާންވެފައި ބުންޏެވެ. ‘އެކަމަކީ ކޮން ކަމެއް ހެއްޔެވެ؟’
‘ކަލޭމެން އަބަދުވެސް ހީކުރަނީ އަހަރުމެން ކަހަލަ މާކަނާއިން މިތާ މިހެން އިނދެެލައިގެން ތިބެއްޖެނަމަ އެ ތިބެނީ ކަމަނަ ބުނި ކަންތައް ކުރާށެވެ!’
‘ކޮން ކަމަނައެއް ބުނި ކޮން ކަމެއް ހެއްޔެވެ؟’
‘ދޮންކަމަނަގެ ލަވައިގައިަ ބުނި ކަނޑުގުރުވަ ކާން އިންނަ ކަމެވެ. ކަމަނަ ލަވައިގައި ބުނަނީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. މާކަނައެއް ފަހަރެއްގައި އެހެން ބޮޑާވެފައި އިނދެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ ތޮށީގައި އިންނަ ކޮންމެ މާކަނައަކީ ގުރުވައެއްގެ ދަހިވެތިކަމުގައި އިންނަ މާކަނާއެއް ނޫނެވެ. އެހެން ނޫނަސް ކަލެއަށް ވެސް ފެންނާނެއެވެ. މިތާ މިއޮތީ ކަނޑު ތޮށްޓެއްވެސް ނޫނެއް ނޫން ހެއްޔެވެ؟ ދެން އެކަމުގެ އިންތިޒާރުގައި އަހަންނަށް އިނދެވޭނެ ހެއްޔެވެ؟’
ޖުހާ ބުންޏެވެ. “ދެން އެންމެ ރަނގަޅެވެ. އަހަރެން ގަބޫލުކޮށްފީމެވެ. ތިޔަ އިނީ ގުރުވައެއް ހޯދާކަން ނޫނެވެ. ނޫނީ މާރެއްސެއް، ގުންބުޅައެއް، ހިތިބޮއްޔެއް، ތާވަޅެއް އަދި ބަތްޕޮޅިމަހެއް ވެސް ހޯދަން ނޫންކަން އަހަރެން ގަބޫލުކޮށްފީމެވެ. އެހެންވީއިރު، މިއޮއްހަލަބޮލި ތަނުގައި،މި ލޯކަލްމާރުކޭޓު ކުރިމަތީ ތިތާ އިށީނދެލައިގެން މަޑު މަޑުން ތިއިނީ ކީއްވެ ހެއްޔެވެ؟”
ޖަވާބުގައި މާކަނާ ބުންޏެވެ. “މަ މިއިންނަނީ މިތަނުން އިވޭ އަޑުތަކަށް ކަނުލައި އަހައިގެންނެވެ. މިތާ މިތިބި މީހުން ދައްކާ ވާހަކަ އަޑުއަހާށެވެ. މިތަނުގައި އަހަރުމެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. މިބުނަނީ ހަމައެކަނި މަގޭ ވާހަކައެއް ނޫނެވެ. އަހަރެންގެ މައިން ބަފައިންނާ އަދި އޭގެ ކުރީގެ މާކަނާގެ އައުލާދުގެ މީހުން ވެސް ހިމަނައިގެންނެވެ. އެއިރުއްސުރެވެސް ފެންނަ މަންޒަރު މިތަނުން ހަމަ އެބަ ފެނެއެވެ. ދޮންކޭލާ އަނބެވެ. ކުރުނބައާ ގަބުޅިއާ ކާށްޓެވެ. ލިނބޮއާ މިރުހެވެ. އަދިވެސް ތަރުކާރީގެ ބާވަތްތަކެވެ. މިއީ ހަމަ އިހުވެސް ފެނުނު މަންޒަރުތަކެވެ. އެކަމުގައި މިހާރާއި އެހާރުގެ ތަފާތެއް ނެތެވެ. ތަފާތަކީ މީހުން ދައްކާވާހަކައިގެ އަޑެވެ. އެއަޑު ތަފާތުވީމާ އަޅައިގަންނީއެވެ. އަދި އަޑުވެސް އެހެނީއެވެ. އަހަރުމެންގެ ކާބަފައިނުން ސުރެން އަހަރުމެން އަޑުއަހަނީ ދިވެހި އަޑުތަކެވެ. ދިވެހިން ވާހަކަދައްކާ އަޑެވެ. ނަމަވެސް މިހާރު މިއިވެނީ އެހެން ބަހެކެވެ. އަހަރެންގެ ހިތަށް ނަގައިގަންނަން އުނދަގޫ އަޑުތަކެކެވެ. އެހެންނަމަވެސް ތަފާތު ވީމާ އަޑުއަހާލެވެނީ އެވެ. ތަފާތު އެއްޗިއްސަށް މީހުން ލޯބިކުރޭނޫން ހެއްޔެވެ؟ މީގެ އިތުރުން މިހާރު ކަމެއް ކުރެވޭނީ ވެސް މި އިވޭ އާބަސްތައް ވެސް ދަސްކޮށްގެން ނޫންހެއްޔެވެ. ދެން ކޮންމެ އަކަސް، މިހާރު މިތަނުން އިހުގެ އަޑުތަކުގެވެރި ރައްޓެހި ތަނުގެ ދޭސީންނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ އާ އަޑުތަކެއްގެވެރި ބީރައްޓެހި ބޭރު ބިދޭސީންނެވެ. އިހުގެ ދޭސީންގެ އަތްމަތިން މިލޯކަލް މާރުކޭޓު ނެގުނީކަމަށްވެސް ވެދާނެއެވެ. އަދި ލޯކަލްކަން ބޭުރު ތަނަކަށް ބަދަލުވެ ފުރޮޅުނީކަމަށްވެސަް ވެދާނެއެވެ. ޚުލާސާއަކީ ދިވެހިން ވާހަކަ ދައްކާ ދިވެހީންނެއް ނުފެނެއެވެ. ކޮންމެ އަކަސް މަ މިތާ މި މާރުކޭޓު ދޮށުގައި މިއިންނަނީ މި ތަފާތު އަޑުތައް އަހައި މި އިވޭ އާ މޮޑާން ދިވެހި ނުވަތަ މޮޑުނު ދިވެހި ދަސްކުރާށެެވެ. ދުނިޔެއަށް އަންނަ ބަދަލުތައް ބަލައިގަނެ ކުރިއަށް ދާން ދަސްނުވާ މީހާ ދާނީ ފަހަތަށް ނޫން ހެއްޔެވެ؟ އޭނާ ވާނީ މޮޔައަކަށް ނޫން ހެއްޔެވެ؟ައި އަހަރެންވެސް ކުރިއަށްދާން ބޭނުން ވެއެވެ. މޮޔައެއްގެ ގޮތުގައި އުޅޭކަން ބޭނުމެއް ނޫނެވެ”