ނޯޓް: ”އަޑުފޮށި” މި ސެގްމަންޓަކީ ބ.އަތޮޅުގެ ރައްޔިތުން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކެއް ހުންނާނެތީވެ އެކަންތައްތައް ސާފުކޮށްދިނުމުގެގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ މަސައްކަތަކާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި،މަސްލަހަތު ފުށުނާރާ ކަމެއް ކަމުގައިވާނަމަ އެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.
މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ ޕީޕީއެމްގެ މެންބަރު އޭދަފުށީ ކައުންސިލްގެ ނާއިބް ރައީސް ހައްވާ ސަމީހާއަށެވެ.
ހައްވަ އޭދަފުށީ ކައުންސިލަށް ހޮވުނީ 2017 ވަނަ ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކު ޕީޕީއެމްގެ ޓިކެޓްގައެވެ. އޭގެކުރިން އަދި ފަހުން މަޖިލިސް އިންތިހާބާ ހަމައަށް ޕީޕީއެމުން އޭދަފުށީގައި ބާއްވާ ހަރަކާތްތަކުގައި ހައްވަގެ ބައިވެރިވުން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ..
ސުވާލު: ޕީޕީއެމުން މިދިޔަ އަހަރާއި، މިއަހަރު އޭދަފުށީގައި ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ހައްވަގެ ބައިވެރިވުމެއް ނުފެނެ. ހާއްސަ ގޮތެއްގައި 2018 ރިޔާސީ އިންތިހާބާއި، 2019 މަޖިލިސް އިންތިހާބު ފާހަގަކުރެވެއެވެ. މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ އެއްވެސް ރެލީއަކުން ނުވަތަ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދުކުރުމުގެ ހަރަކާތަކުން ނުފެނި ހައްވަ ގެއްލުނީ. ސުވާލަކީ ޕީޕީއެމުން ހައްވަ ވަކިވީތޯ؟ ނޫންނަމަ ޕީޕީއެމުން ގެއްލުނީ ކީއްވެގެންތޯ؟
ޖަވާބު: ހައްވާ ސަމީހާ
އަޅުގަނޑު މިހާރުވެސް މިހިރީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި. ވަކިވުމުގެ ޚިޔާލެއް ނެތް. ސިޔާސީ ދާއިރާއަށް އަޅުގަނޑު ނެރެދިނީ ޕީޕީއެމުން. ދެންވެސް ހުންނާނީ އެގޮތުގައި. ވަގުތާއި ހާލަތު ނިޔާ ގޮތުން ބައެއް ފަހަރު އެހެން މީހުންގެ ނަޒަރުން ކުޑަދުވަސްކޮޅަކަށް ގެއްލެންވެސް މަޖްބޫރު ކުރޭ. މަޖިލިސް އިންތިހާބުގައި އަޅުގަނޑު ގެއްލެން ޖެހުނީ އެހެންވެ ކަމަށް ހީކޮށްލައްވާ! އެެހެން ނަމަވެސް އެއީ އަޅުގަނޑާ ސީދާ ޕީޕީއެމް އާދެމެދު ދަމާލެވުނު ހުރަސް ރޮނގެއް ނޫން.
މަޖިލިސް އިންތިހާބު ނިމުނު ފަހުން ޕީޕީއެމްގެ ހަރަކާތެއް މިރަށަކު ނެތެއް ނޫންތޯ؟ އޮތްނަމަ އަޅުގަނޑު ހުންނާނެ ކުރިއެކޭ އެއްގޮތަށް އެންމެ ކުރީ ސަފުގައި. ހަމައެގޮތަށް އަންނަ ކައުންސިލް އިންތިހާބަށް އަޅުގަނޑު ކުރިމަތިލާ ކަމަށް ވާނަމަ އަޅުގަނޑުގެ ހޮވުމަކަށް ވާނީ ޕީޕީއެމް. އެކަމަކު އެކަމާމެދު އަދި ގޮތެއް ނުނިންމަން.