މެދު ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ ބ.ގޮއިދޫ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، މި މަހުގެ 7 ވަނަ ދުވަހު މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 62 އަަހަރުގެ ފިރިހެނަކު ހައްޔަރު ކުރެވިފައި ވާކަމަށާ އަދި އެމީހާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވާތީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޖިންސީ ގޯނާ ކުރި ދެބައި އުމުރުގެ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ބައެއް މީޑިއާ އިން މި ހަބަރު ދެމުން ،ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓުކުރި އަންހެނަކާ ހަވާލީ ބުނެފައިވަނީ އޭނާއަށް އެކަމެއް އެނގުނީ އެ ކުޑަކުއްޖާ އުޅޭ ގޭ ކައިރިއަށް ދިޔަ ވަގުތު އެގޭތެރޭގައި އަޑުގަދަކޮށް ވާހަކަ ދައްކަމުން ދާތީ ކަމަށެވެ. ކަން ހިނގައިގެން އުޅޭ ގޮތް ބެލި އިރު އެ އާއިލާއިން ދިޔައީ ކުޑަކުއްޖާއާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. އެވަގުތު އެ އަންހެންމީހާ އެދުނީ ކުޑަ ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔައިގެން މައްސަލައިގެ ހައްލު ކުރުމުގެ ބަދަލުގައި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށެވެ.
އެހެންނަމަވެސް އާއިލާއިން އެ މައްސަލަ ރިޕޯޓު ނުކުރުމުން އޭނާ ފުލުހުންނަށް ގުޅައި އެ މައްސަލަ ހުށަހެޅި ކަމަށެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ ފިރިހެން މީހާ އަކީ އެރަށުގެ މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ މީހެކެވެ. މި މައްސަލަ ފެންމަތިވެފައިވާ އިރު މިހާރު އެރަށުގެ ގިނަ ބަޔަކު ދަނީ، އެމީހާ އެތައް ކުދިންނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.