ރާއްޖޭގެ ގޮނޑުދޮށްތަކަށް ކުނިއަޅާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ފެން ހުސްކުރި ފުޅިއާއި، ޖޫސް ޕެކެޓްތަކާއި ލުއިކާނާ ކެއުމަށްފަހު އުކާލާފައި ހުންނަ ޕެކެޓުތަކަކީ ރާއްޖޭގެ ދޮންވެލީގެ ގޮޑުދޮށްތަކުން ފެންނަ އެންމެ އާއްމު އަދި އެންމެ ގިނަ ކުންޏެވެ.
ރާއްޖޭގެ ރީތި ދޮންވެލި އަތިރިމަތިތަކަށް އަހަރެމެންގެ އަތުން އަޅާފައިވާ ކުނިތަކުގެ ސަބަބުން ގޮޑުދޮށްތައް ހަޑިވެ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް އެކަން ފާހަގަކޮށް އެބައި މީހުން އަމިއްލައަށް ވޮލަންޓިއަރ ކޮށްގެން ގޮޑުދޮށްތައް ސާފުކުރާ ހިސާބަށް މިއަދު ވަނީ ކަންތައް ގޮސްފައެވެ.
މިކަމުގެ ހޭލުން ތެރިކަން އުފެދި ރަށުގެ ގޮޑުދޮށް ސާފުކޮށް ބޭއްވުމުގެ ގޮތުން މިއަދު ވަނީ އޭދަފުށީގައި ގޮޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ މުވައްޒަފުންނާއި ރަށުގައި ވަރަށް ފަހުން އުފެދުނު “ގްރީން ރޭސް” ކޮމިއުނިޓީއާއި ގުޅިގެންނެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ މި ހަރަކާތުގައި ރަށުގެ ހުޅަނގު ފަރާތުގެ ޓްރެކް ސަރަހައްދުން ފެށިގެން ޕޮލިސް ސްޓޭޝަނާއި ހަމައަށް ސާފުކޮށް 20 ކަޅު ކޮތަޅުގެ ކުންޏާއި ޖަމްބޯ ބޭގެއްގެ ޕްލާސްޓިކް ފުޅި ވަނީ ނަގާފައެވެ. މި ޕްލާސްޓިކް ފުޅިތައް ވަނީ ސޮނެވާފުށި މެދުވެރިކޮށް “ޕާރލޭ” އަށް ރިސައިކަލް ކުރުމަށް ފޮނުވާލާފައެވެ.
“ޕާރލޭ” އަކީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.
“ގްރީން ރޭސް” ގެ ފަރާތުން މައުލޫމާތު ދިންގޮތުގައި އެ ކޮމިއުނިޓީގެ މައިގަނޑު މަޤްސަދަކީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް މީހުންނަށް ކިޔައިދީ އޭގެ ސަބަބުން ދިމާވާ މައްސަލަތަކާމެދު މީހުން ހޭލުންތެރިކޮށް ތިމާވެށި ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމުގައި ހުރިހާ އެންމެންވެސް ބައިވެރިކުރުމެވެ.
މިއީ މި ކޮމިއުނިޓީއިން މިރަށުގައި ހިންގި މިފަދަ ފުރަތަމަ ހަރަކާތެވެ. އަދި ކޮންމެ މަހަކުވެސް ގޮނޑުދޮށާއި ފަރުތައް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެކަމަށް އެ ކޮމިއުނިޓީއިން ބުނެއެވެ.
ކިޔުންތެރިންގެ ޚިޔާލު