ބ.އަތޮޅު މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރަށް، މަގާމުގެ މަސްއޫލިއްޔަތާ ޒިންމާ އާ ގޮތަކަށް ހަވާލު ކޮށްފިއެވެ. މި މަގާމުގެ ތަޅުދަނޑި އޭނާ އާ ހަވާލު ކޮށްފައިވަނީ ކަނޑު އަޑީގައެވެ. މިއީ މުޅިދުނިޔެއަށް ބެލިޔަސް މަދުން ނޫނީ ނުފެންނާނެ މިސާލެކެވެ.
ދުސިތު ތާނީ މޯލްޑިވްސް ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އަލަށް ހަވާލުވި ކޫން ތޯމަސް ވެބާއަށް މަގާމުގެ ޒިންމާ ހަވާލު ކޮށްފައި ވަނީ ކަނޑު އަޑީގައި ހާއްސަ ހަފުލާއެއްގަ އެވެ. މަގާމުގެ ރަމްޒީ ތަޅުދަނޑި ހަވާލު ކޮށްދެއްވީ މިހާރުގެ ޖެނެރަލް މެނޭޖަރު ކޫން ރެއިންހޯލްޑް ޖޯން އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކަނޑު އަޑީގައި ބޭއްވި ރަސްމިއްޔާތުގައި ދެ ޖީއެމްގެ އިތުރުން އޯޝަން މޯލްޑިވްސްގެ ހާއްސަ ޑައިވަރުންގެ ޓީމެއް ބައިވެރިވެއެެވެ. އެ ރިސޯޓުން ވަނީ މި ހަފުލާ އިންތިޒާމު ކުރި މި ޑައިވިން ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި މި ހަފުލާއަށް ކަނޑު އަޑީގައި ގޮނޑި އާއި މޭޒު ވެސް ބަހައްޓާފައިވެ އެވެ.