އެންމެ ފަހުގެ ޗެމްޕިއަން ވެލާސިޓީ ބަލިކޮށް ލެވިސްތާ ކަޕްގެ ސެމީއަށް އެމްއޭ ޔުނައިޓެޑް ހިނގައްޖެއެވެ.
ބޮޑު އީދުގެ މުނާސަބަތުގައި އޭދަފުށީގައި ކުޅެމުން ދާ މި މުބާރާތުގައި މިއަދު ހަވީރު ވެލާސިޓިއާ ވާދަކޮށް އެމްއޭ ޔުނައިޓެޑް، ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ 1-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެމްއޭ ޔުނައިޓެޑުން ވަނީ 0-7 އިން ހުސްސޮނގުން އަތުންވެސް ބޮޑުތަފާތަކުން މޮޅުވެފައެވެ. މި ގްރޫޕުން ދެން ސެމީ ފައިނަލަށް ދާނީ މާދަމާ ހަވީރު ހުސްސޮނގުންނާއި ވެލާ ސިޓީ ވާދަކުރާ މެޗުން މޮޅުވާ ޓީމެކެވެ.
މިމެޗުގައި ވެލާ ސިޓީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ދަނޑު މަތީގައި ދެ ޓީމުގެ ކުޅުންތެރިން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިންގާފައިވެއެވެ. މީގެ އިތުރުން ރެފްރީގެ ބައެއް ނިންމުތަކާމެދު ހިތްހަމަ ނުޖެހިގެން މެޗުގެ ފަހު ހާފުގައި ވެލާ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި މެދު ވެސް ހަމަނުޖެހުން ހިންގާފައިވެއެވެ.
މި މުބާރާތުގައި މިއަދު ހެނދުނު ކުޅެން އޮތް ގްރޫޕް އޭގައި ހިމެނޭ ޔުނައިޓެޑް ވީ އާއި އެންޖޯއި ފްރެންޑްސް މެޗު މޫސުން ތަންނުދޭތީ ފަހުގެ ވަގުތަކަށް ލަސްކޮށް މެންދުރު ފަހު އެމެޗު ވަނީ ކުޅެފައެވެ. އެވެ. މިމެޗު 0-3 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވީއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސައިނޯސާ އެފްސީ އާ ވާދަކޮށް ބަލިވެފައެވެ.
މި ގްރޫޕް އޭއިން ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް އެނގިގެންދާނީ މާދަމާ ހެނދުނު ސައިނޯސާ އެފްސީ އާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މާދަމާ ފެށޭނެ އެވެ. އެގޮތުން ސައިނޯސާ އެފްސީ އާއި އެންޖޯއި ފްރެންޑްސް ބައްދަލު ކުރާ މެޗު ހެނދުނު ހަތެއް ޖަހާއިރު ކުޅެން ހަމަޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސިޓީ އާއި ހުސްސޮގުންނެވެ.