ދޮންފަނާ، ހިތާދޫގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި

large_156370171212aU5n.jpg

ބ. ހިތާދޫ އާއި ދޮންފަނުގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ބުނިގޮތުގައި ދޮންފަނުގައި އެ މަސައްކަތް ކުރުމަށް ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. އެއީ 120 ދުވަސްތެރޭ އެ މަސައްކަތް ނިންމުމަށެވެ.

ހިތާދޫގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. 1.7 މިލިއަން ރުފިޔާއަށް އެ މައްސައްކަތް ހަވާލުކުރީ 90 ދުވަސްތެރޭ ނިންމުމަށެވެ.

ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެ މަޝްރޫއުތަކުގެ ދަށުން ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ހައްލުވެ މިހާރަށްވުރެ ތިމާވެށްޓާ ރަށްޓެހި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ.

“އެއްބަސްވުންތަކުގެ ސަބަބުން ރަށުފެންވަރުގައި ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. އަދި ދަތިތައް ހައްލުވެ ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ،”

ދޮންފަނާ، ހިތާދޫގައި ކުނިމެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކުރިއިރު ބ. އަތޮޅުގެ ގިނަ ރަށްރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ރަށު ފެންވަރުގައި ފަށައިގެން ކުރިޔަށް ގެންދާތާ ދެތިންއަހަރެއް ވެދާނެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު