ރޫހާނީ ކަންތައްތަކެއް ހިނގަމުންދާ ކަމަށްބުނެ، ބ.ތުޅާދޫ ސްކޫލްގެ ބެލެނިވެރިންތަކެއް ނިކުމެ އެ ސްކޫލު ބަންދު ކުރުމާ ގުޅިގެން އެކަން ހިނގާގޮތެއް ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.
19 އަހަރު ކުރިން ފެށިގެން އެ ސްކޫލްގެ ގޯތީގައި ހުންނަ ގަހެއްގެ ސަބަބުން ކުދިންނަށް ނޭދެވޭ ރޫހާނީ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ސްކޫލްގެ ބެލެނިވެރިންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ތުޅާދޫން ވާހަކަދެއްކި މީހަކު ބުނެއެވެ.
ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ބުރާސްފަތި ދުވަހު ވިދާޅުވީ މައްސަލަ ހައްލު ނުވަނީސް ސްކޫލް ނުހުޅުވުމަށް ބެލެނިވެރިން ބުނަމުން އަންނަ ކަމަށާ ބެލެނިވެރިން ޑިމާންޑް ކުރަނީ އަލުން ސްކޫލް ހުޅުވަންދެން ކައުންސިލުން ސްކޫލްގެ ތަޅުދަނޑިއާ ހަވާލުވުމަށް ކަމަށެވެ.
މި ކަންތަކާ ގުޅިގެން، މައްސަލަ ބަލަން މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވަނީ ތުޅާދޫއަށް ގޮސްފައެވެ. އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ “ސަން”އަށް ވިދާޅުވީ، އެ ޓީމުން ސްކޫލުގެ މެނޭޖްމަންޓާއި، ބެލެނިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނިކަ ގަސް ކަނޑާލަން ނުވަތަ އެހެން ފިޔަވަޅެއް އަޅަންވެސް މިނިސްޓްރީއިން ނިންމާނީ މަޝްވަރާކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް އަލީ ވިދާޅުވިއެވެ.
ތުޅާދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޖިންނީގެ މައްސަލަ ދިމާވާ 12 ވަރަކަށް ކުދިން އެރަށު ސުކޫލުގައި އުޅެ އެވެ. އަދި މައްސަލަ ދިމާވެ ބައެއް ފަހަރު ރަނގަޅުވާން އެތައް ދުވަހެއް ނަގާ ކަމަށްވެސް ބުންޏެވެ. އެކަމަކު، ރުގްޔާކޮށްގެން ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިންވެސް ކުދިންނަށް ޖިންނި އަވަލުން ފަދަ ކަންތައްތައް ބޮޑުވެގެން ތުޅާދޫ ސުކޫލުން ވަނީ ގަހެއް ކަނޑާލާފަ ކަމަށް ްެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.