ބޮލީބުޑްގެ އެންމެ ރީތި ހިނިތުންވުން އަދި އެންމެ ރުޅިގަދަ އެކްޓަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރިޝީކަޕޫރު އާއި ނީޓޫސިންގ، އެންމެ ކުރިންވެސް ފެނިފައިވަނި ވަރަށް ގުޅޭ ލޯބި ޖޯޑެއްގެ ގޮތުގައެވެ. އޮން ސްކްރީނުން، ހަގީގި ދިރިއުޅުމަކަށް ބަދަލުވެ ދެމީހުންގެ ކައިވެންޏަށް 40 އަހަރު ފުރެން ކައިރިވެފައިވާ އިރު އަދިވެސް ފެންނަނީ ބޮލީވުޑްގެ އެންމެ ފުރިހަމަ ދެމަފިރިންގެ ގޮތުގައެވެ. އެކަމަކު އެމީހުންގެ ފިލްމްތަކުން ފެނުނު ލޯތްބާއި ގުރުބާނީ ދިރިއުޅުމުގައި ދައްކައެއް ނުދެވުނެވެ. އެތައް ދުވަހަކު ރައްޓެހިވެގެން އުޅުމަށްފަހު ކުރެވުނު ކައިވެނި މިހާ ހިސާބަށް އައިއިރު ދެމިއޮތްނަމަވެސް ކައިވެނީގެ ކުރީގެ އަހަރުތައް ވޭތު ކޮށްފައިވަނީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައެވެ.
އެކުގައި 12 ފިލްމް ކުޅުމަށްފަހު ރިޝީއާއި ނީޓޫ ކައިވެނި ކޮށްފައިވަނީ 1980 ވަނައަހަރުއެވެ. މައްސަލަ ފެށުނީ ކައިވެންޏަށް ފަހު ދެދަރިން ވެސް ލިބުމަށްފަހުއެވެ. މައްސަލަ ފެ|ށުނީ ރިޝީގެ ރާބުއިމުގެ ނުބައި އާދައިގެ ސަބަބުންނެވެ. ކުއްލިއަކަށް ރުޅިއައުމާ މަސްތުގެ ހާލުގައި ހުރެ، ކުރެވޭ ނުކުރެވޭ ކަންތައް ނޭގޭ ހާލުގައި އަނބިމީހާއަށް އަނިޔާކުރަންވެސް ފެށިއެވެ. ބަނގުރާ ބުއިމުގެ ނުބައި އާދައަކީ ކަޕޫރު އާއިލާ އެންމެންގެވެސް ބަލި ފައެވެ. މީގެ އިތުރުން ކައިވެނީގެ ފަހުންވެސް އެހެން އަންހެނުންނާ ނުހަމަ ގުޅުންތަކެއް ވެސް ރިޝީ އައީ ބާއްވަމުންނެވެ. މިކަމުގެ ސަބަބުން ނީޓުގެ ކެތްތެރިކަން ކޮޅުންލައި އެންމެ ފަހުން އޭނާ ނިންމީ ގާނޫނީ ފިޔަވަޅުއެޅުމުގެ ގޮތުން ރިޝީގެ މައްޗަށް ގެވެށި އަނިޔާކުރާ މައްސަލަ ހުށައެޅުމަށެވެ. އެހިސާބުން ނިންމާލީއެއް ނޫނެވެ. ދެދަރިން ގޮވައިގެން ރިޝީގެ ގެއިންވެސް ނުކުމެގެން ދިޔައީއެވެ.
ކަންތައް މިހެން ދިމާވުމުން ކައިވެންޏަށްފަހު ބޮލީވުޑް ދޫކޮށްލުމީ އޭނާއަށް އެޅުނު ގޯސް ފިޔަވަޅެއްކަން ވިސްނުނެވެ. އަދި ދަރިންނަށް ހަރަދު ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ސެލޫން އެއް ހިންގަން ފެށިއެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ ދަރިންގެ ކުރިމަތީގައެވެ. އެހެންވެ ދެދަރިންނަށް ވެސް ކަމުގެ ދެފަރާތް ފެންނަމުން ދިޔައެވެ. ބައްޕަގެ ގޯސް އާދައިގެ ސަބަބުން މަންމަ އުފުލަމުން ގެންދާ ހިތާމަތަކާ އެކުވެސް ދަރިންނަށްޓަކާ ކުރަމުން އަންނަ ބުރަ މަސައްކަތެވެ. މިކަމުގެ ސަބަބުން ރަންބީރު އޭނާގެ ބައްޕައާމެދު ނުރުހުން ވާން ފެށިއެވެ. ބައްޕައާ ދަރިއަކާ ދެމެދު އޮންނަންޖެހޭ ގާތް ގުޅުމުގެ ބަދަލުގައި ފުދޭވަރެއްގެ ދުރުމިނެއް އެ ދެމެދުގައި އުފެދެމުން ދިޔައެވެ. މިއަދާ ހަމައަށް އައިއިރުވެސް ކޮންމެވެސް ވަރަކަށް އެ ދުރުމިން އަދިވެސް އެބައޮތެވެ. އެކަމަކު ރަންބީރު، އޭނާގެ މަންމައާމެދު ގާއިމުވެފައި އޮތީ އިތުބާރުބޮޑު ލޮބުވެތި ގުޅުމެކެވެ.
ރިޝީއާއި ނީޓޫ ދެމީހުން ވަކިން ދިގު މުއްދަތެއް ހޭދަކުރުމަށްފަހު ނީޓޫ އެނބުރި ރިޝީގެ ދިރިއުޅުމަށް އައީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އަނެއްކާވެސް އަލުން ގުޅިގެން އުޅުން ކަމުގައި ދެމީހުންނަށް އެއްބަސް ވެވިގެންނެވެ.
މީގެއަހަރެއްހައި ދުވަސް ކުރިން ފެށިގެން ނީޓޫއާއި ރިޝީ ދިރިއުޅެނީ އެމެރިކާގައެވެ. އެއީ ރިޝީގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށެވެ. ބަލިން މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ރިޝީ ބުނެއެވެ. އެކަމަކު މިއަދާ ހަމައަށް ފުރަތަމަ ދުވަހެކޭ އެއްގޮތަށް ބަދަލެއް ނައިސް ހުރިހާ ވަގުތެއްގައި ރިޝީގެ އެންމެ ގާތުގައި ހުރީ ހަމައެކަނި ނީޓޫއެވެ. ހުރިހާ ހިތާމައެއްގައިގައި ބައިވެރިވެ ދިރިއުޅުމަށާއި ދިރިހުރުމަށް އެންމެ ބޮޑަށް ހިތްވަރުދޭން ހުރީ އަންހެނުން ނީޓޫ ސިންގއެވެ. އެއީ ރިޝީއަސް މި ދުނިޔެއިން ލިބިފައިވާ އެނމެ ބޮޑު ނަސީބުކަން ރިޝީއަށް ގަބޫލު ކުރެވުނީ އަދި ކިރިޔާއެވެ.