ޑީއެންއޭ އިން ޒިނޭ ސާބިތުވާނެ: ސުޕްރީމް ކޯޓް

big_nQ24DNABnZLBdRNC7UlmyPT05.jpg

ޒިނޭގެ ކުށް ސާބިތުކުރުމަށް ޓަކައި، ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަން ޖެހޭ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އެ ހުކުމްކުރީ ޒިނޭ ކުރިކަމަށް އިއުތިރާފްވި އަންހެނެއްގެ މައްސަލައަކާ ގުޅިގެންނެވެ.

ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލި ޒިނޭކުރުމުގެ ދައުވާ ބިނާކޮށްފައިވަނީ ކުޑަކުއްޖާއަކީ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އެ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ، އެ އަސާސްގެ މައްޗަށެވެ.

ދައުލަތުން ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ވިހޭ ދަރިއަކީ އެ ފިރިހެންމީހާގެ ދަރިއެއް ކަމަށެވެ. އަދި އެކުއްޖާގެ ޑީއެންއޭވެސް އެ ފިރިހެންމީހާއާ ދިމާވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ޑީއޭންއޭ ފަދަ ގަރީނާތައް ބޭނުންކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފުކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ގަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ގަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައިފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދެވެ.

އެ މައްސަލައިގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވާ ކަމަށްވެސް ރައުޔުގައި ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފައެވެ.

ހަމައެއާއެކު ސުޕްރީމު ކޯޓުން ފާހަގަކުރި އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top