އޭދަފުށިން ވަރަށް އަވަހަށް ގޯތިދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމުގައިވިޔަސް، އެކަމާބެހޭ އިތުރު ހަބަރެއް އަދި ނުލިބޭކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުއްޓާ، ތުޅާދޫން ވަރަށް އަވަހަށް ގޯތިދޫކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެމްޑީޕީގެ މަޖިލިސް ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތުޅާދޫން ގޯތި ދޫކުރުމަށް މިދިޔަމޭމަހު ވަނީ އިއުލާންކޮށްފައެވެ. އޭދަފުށިން ގޯތިދޫކުރުމުގެ ކަންކަން ގޮސްފައިވާ ހިސާބެއް ސާފުކޮށްލުމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާންއަށް އީވީން ސުވާލުދެންނެވުމުން އޭނާ ވިދާޅުވީ އެކަމާބެހޭ މައުލޫމާތެއް ކައުންސިލަށް ނުލިބޭކަމަށެވެ. ތޮލާލް ވިދާޅުވީ މިކަން ސާފުކުރުމަށް ކަމާބެހޭ މިނިސްޓްރީތަކާއި، އެހެނިހެން އިދާރާތަކަށް ފޯނުން ގުޅައިގެންވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށެވެ.
“ރައީސް ވިދާޅުވި ވިދާޅުވުމާ ގުޅިގެން އަޅުގަނޑުމެންވެސް މިތިބެނީ ތިޔަ ކަމުގެ އިންތިޒާރުގައި. އަދި އެކަމާބެހޭގޮތުން ކަމާބެހޭ މިނިސްޓްރީތަކަށް ފޯނުންވެސް ގުޅައިގެން ހަބަރެއް ވޭތޯ ބަލަމުން މިދަނީ އަދި ކުރިއެރުމެއް ނުލިބޭ.” ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އޭދަފުށީގެ ގެދޮރުގެ މައްސަލަ އިންތިހާއަށް ބޮޑުކަމަށާ، މިމައްސަލައަށް ހައްލެއް ހޯދުމަށް ކުރީ ސަރުކާރުންވެސް އޭދަފުށީގައި ހައުސިންގް ޔުނިޓްތަކެއް އެޅުމަށް މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށެއެވެ.
ތޮލާލް ވިދާޅުވި ގޮތުން އޭދަފުށީ ލޭންޑް ޔޫސް ޕްލޭން އޮތްގޮތުން ހިއްކިބިމުން 160 ގޯތިދޫކުރުމަށް ޕްލޭން ކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ދޫކުރައްވަން ގަސްދުކުރާ ގޯތީގެ އަދަދެއް ނޭގޭކަމަށް އޭނާ ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އޭދަފުށީ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އަވަސް ކުރުމަށްޓަކައި އޭދަފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް މިހާރު އެދިފައިވާކަމަށެވެ.
ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށިން އެންމެ ފަހުން ގޯތިދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އެރަށުން ގޯތިދިނުން ލަސްވަމުންދާތީ މިދިޔަ ފަނަރަވަރަކަށް އަހަރުތެރޭގައި ރަށުކައުންސިލަށާ، ކަމާބެހޭ އިދާރާތަކަށްބޮޑެތި ރައްޔިތުންވަނީ ޕްރެޝަރުތައް ކުރިމަތިކޮށްފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލު