ރޯދަމަހާ ދިމާކޮށް ބ. މާޅޮހުގެ މަގުތަކަށް ދޮންވެލި އަދި ގޯތިތަކަށް ކަށިވެލިލައި ޒީނަތްތެރިކޮށްފިއެވެ.
އިހުޒަމާނުއްސުރެ ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ ގޮތުން ގޯތިގެދޮރަށާއި، ދިރިއުޅޭތަންތަނަށް ދޮންވެއްޔާއި ކަށިވެލި ލުމަކީ ދިވެހިންގެ އާދަކާދައެކެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުން މިއާދަ އަންނަނީ ނެތެމުންނެވެ.
މާޅޮހު ކައުންސިލުން ބުނީ މާޅޮހުގެ މަގުތަކަށް ވެތުވެދިޔަ އެއްވެސް އަހަރަކުވެސް ދޮންވެލި ނުލާވަރަށް މިއަހަރު ދޮންވެއްޔާއި ކަށިވެލި ލާފައިވާކަމަށާ، މިއީ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ. މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު އިބްރާހީމް ވިދާޅުވީ ބޮޑު ހަތަރު ފަސްމަގަކަށް ދޮންވެލި ލާފައިވާއިރުގިނަ ގޭގޭގެ ގޯތިތެރެއަށް ކަށިވެލި ލާފައިވާކަމަށެވެ.
“އަޅުގަނޑު ވަރަށް އުފާކުރާކަމެއް މިއީ. ކައުންސިލުގެ އެދުމަކާ ނުލައި ވެލި ގަނެގެންނާއި ވެއްޔަށް ގޮސްގެން އިނގޭތޯ ދިވެހިންގެ އާދަކާދައިގެމަތިން ވެލިލާފައި އެއޮތީ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ރައްޔިތުން މިފަދަ އާދަކާދަތައް ދަމަހައްޓަން މަސައްކަތް ކުރާތީ” ސައީދު ވިދާޅުވިއެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ސައީދު. މަގުމަގަށާ، ގޯތިތަކަށް ދޮންވެއްޔާއި ކަށިވެލި ލުމުން ރައްޔިތުންނަށް ތައުރީފް ކުރެއްވި / އީވީ ފައިލް ފޮޓޯ
ހަސަތޭކައެއްހާ މީހުންގެ އާބާދީއެއްއޮތް މާޅޮހަކީ ރާއްޖޭގެ ނިސްބަތުންވެސް ރީތި ނަމޫނާ ދެއްކުމުގައި ފާހަގަކުރެވޭ ރަށެކެވެ. އެގޮތުން ކުނި ނައްތާލުމުގައި ސަރުކާރުގެ މާބޮޑު އަޅާލުމެއްނެތި ކައުންސިލް އިސްނަގައިގެން ރޭއްޖޭގައި އެންމެ ބޮޑު ކާމިޔާބެއް ހާސިލްކޮށްފައިވަނީވެސް މާޅޮހެވެ. އޭގެއިތުރުން ޕްލާސްޓިކް ފުޅިއަށް ނޫނެކޭ ބުނެ އެރަށުގެ ގޭގޭގައި މިހާރު ބޭނުންކުރަނީވެސް ބިއްލޫރި ފުޅީގައި ބަންދުކުރާ ބޯފެނެވެ.