ބ. ހިބަޅިދޫ ކުރިން ހަވާލު ކޮށްފައި އޮތް ކުންފުންޏަށް އެ ރަށް އަނބުރާ ދޭން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ހިބަޅިދޫ އަކީ ބިޒްނާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ކުރިން ދޫކޮށްފައި އޮތް ރަށެކެވެ. ނަމަވެސް 50 އަހަރަށް ކުއްޔަށް ދިނުމަށް އެމްއެމްޕީއާރުސީން ހެދި އެއްބަސްވުން 2016 ގައި ސަރުކާރުން ބާތިލްކުރީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ބިޒްނާސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދައުލަތުގެ މައްޗަށް 2017 ގައި އަމުރުކުރީ އެ ރަށް އަނބުރާ ދިިނުމަށެވެ. އެ ހުކުމް ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ބާތިލްކުރީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލައިގައި ފުލުހުން ކުރި ތަހުގީގުގައި، ހިބަޅިދޫގެ އިކުއިޒިޝަންސް ކޮސްޓް ދެއްކި ކަން އެނގެން ނެތް ކަމަށް ފުލުހުންގެ ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި ކަމުގެ ލިޔުމެއް ބިޒްނާސް ކުންފުންޏަށް ހުށަހެޅިފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
ހިބަޅިދޫ އަނބުރާ ދޭން ކުރި ހުކުމާ އެއްގޮތަށް ދައުލަތުން އަމަލު ނުކުރާތީ އެ ހުކުމް ތަންފީޒު ކުރަން ބިޒްނާސް ކުންފުނިން މިދިޔަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އޭރު އެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮތުމުން ސިވިލް ކޯޓުން ނިންމީ އެ ހުކުމް ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ.