އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަން ޔޫބީލް އީދު ފާހަގަކުރަން ފެށޭނީ މިރޭގެ ފަތިސް ނަމާދަށްފަހު ކުރެވޭ ޚާއްސަ ދުޢާ އަށް ފަހުގައި ކަމަށް ވަފާ ޖަމިއްޔާއިން ބުނެފިއެވެ.
ވަފާޖަމިއްޔާއިން ނެރެފައިވާ ކުޅިވަރު އީދުގެ ޕްރޮގްރާމްގައިވާ ގޮތުން ފަތިސް ނަމާދު ނިމިގެން ކުރާ ޚާއްސަ ދުއާއަށް ފަހު ރައްޔިތުންނަށް ތައްޔާރު ކޮށްފައިވާ ކޮފީ، މިސްކިތުގެ ސަރަހައްދުގައިއޮންނާނެއެވެ.
އީދު ފާހަގަ ކުރުމުގެ ގޮތުން ހަފްތާއަކަށް ދެމިގެންދާ ކުޅިވަރު އީދުގައި މާދަމާ ރޭ އޮންނަ އެންމެ ޚާއްސަ އައިޓަމަކީ ރަންޔޫބީލްގެ ޚާއްސަ މޮނިއުމަންޓް އިފްތިތާހު ކުރުމެވެ. ވަފާ ޖަމިއްޔާގެ މައިދާނުގައި އޮންނަ މި ރަސް މިއްޔާތާއެކު ރަން ޔޫބީލްކޭކު ފެޅުމާއި 50 އަހަރު ފުރޭ މީހުންގެ އުފަން ދުވަސް ފާހަގަ ކުރުންވެސް މާދާމާރޭ އޮންނާނެ ކަމަށް ޕްރޮގްރާމްގައި ވެއެވެ. ހަމަ އެއާއެކު ބަޑިބޭހުގެ ކުޅިވަރުތައްވެސް މާދަމާރޭ 8:30 ގައި އޮންނާނެކަމަށް ވަފާއިން މައުލޫމާތު ދެއެވެ.
މި ކުޅިވަރު ހަފްތާގައި ސަޤާފީ ކުޅިވަރު ހަރަކާތަތަކާއި ސްޓޭޖްޝޯއަކާއި މާއްޑޫ އުނޑޫދޫ ފުނަދޫ މި ތިންރަށުގެ މީހުންގެ އޭރުގެ ދިރިއުޅުން ދައްކާލުމާއި، ދަފި ނެގުމާ އަންހެނުން ކޯޑި ކުޅުމުގެ އިތުރުން ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.
ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން ބ. އަތޮޅު ކިހާދޫ މީހުން އޭރު ހިތާދުއަށްވެސް ބަދަލުކުރިއެވެ. ނަމަވެސް އެގާނޫނު އުވުމާ ގުޅިގެން 1975 ވަނަ އަހަރު ކިހާދޫ މީހުން ވަނީ އެނބުރި އަލުން ރަށަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލު