ކަނޑުތަކާމެދު ހޭލުންތެރި ކުރުވުމުގެ ގޮތުން ހަތަރު އަންހެނުން ހިމެނޭ ގްރޫޕަކުން ބ. އަތޮޅުގައި ސްޓޭންޑްއަޕް ޕެޑަލް ދަތުރެއް ކުރަން ތައްޔާރުވެއްޖެއެވެ.
ކޮކޯ ކަލެކްޝަންގެ އެހީގައި ކުރާ މިދަތުރުގެ ނަމަކީ “ސްޓޭންޑް އަޕް ފޮ އަވާ ސީސް އެކްސްޕެޑިޝަން”އެވެ.
ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި، އެ ދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ދިމާވާ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައިކުރާ މި ދަތުރުގައި ބައިވެރިވަނީ “ޕެޑަލް އެގެއިންސްޓް ޕްލާސްޓިކް”ގެ ނަމުގައި ކެމްޕޭން ހިންގާ އިނގިރޭސި އެކްޓިވިސްޓް އަދި ވެޓެރިނޭރިއަން ކެލް މޭޖާއާއި، ރާއްޖޭގައި ހިންގާ އޮލިވް ރިޑްލީ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ވެޓެރިނޭރިއަން ކްލެއާ ޕެޓްރޮސްގެ އިތުރުން ދިވެހި ސާފިންގް އިންސްޓްރަކްޓަރުން ދަފީނާ ހަސަން އިބްރާހީމް (ދަފީ)އާއި ޝާޒިޔާ ސައީދު (ޝާޒު)އެވެ.
100 ކިލޯ މީޓަރުގެ ދިގު މި ދަތުރުގައި މި ހަތަރު ބައިވެރިން ބ. އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކަުގައި މަޑުކޮށް، ރައްޔިތުންނާއި ފަތުރުވެރިންނާއި ސްކޫލު ދަރިވަރުންނާ ވާހަކަދައްކައި، ރާއްޖޭގެ ކަނޑުތަކާއި އަދި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ހަމަޖެހިފައިވެއެވެ.
އަދި ރިސޯޓުތަކާއި ރަށްރަށުގައި ތިމާވެށި ރައްކާތެރިކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސްކޫލު ކުދިންނަށާއި ފަތުރުވެރިންގެ އިތުރުން އާންމުންނަށްވެސް ދޭނެއެވެ.
މި ޕެޑަލް ބޯޑު ދަތުރު ފަށާނީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދަތުރު ނިންމާނީ ފެބްރުއަރީ 28 ވާ ބުރާސްފަތި ދުވަހު، ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުންނެވެ.