މިމަސް ނިމުމުގެ ކުރިން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ހިލޭ ޑިގްރީ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހިލޭ ފަހިކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ތައުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާ މިއަހަރު ކަނޑައަޅާފައިވާ ކަމަށާ އެއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ތައުލީމީ ދާއިރާއަށް ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ބަޖެޓެކެވެ.
“މި ސަރުކާރުން ވަނީ ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓު ލޯނުގެ އިންޓްރެސްޓު ތިން އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަން ޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދީފަ. އެއާއެކު އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަން ޖެހޭ އަދަދު ގާތްގަނޑަކަށް 4000 ރުފިޔާ އުނިވެގެންދާނެ .” ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން އަލަށް އިއުލާނުކޮށްފައިވާ ލޯން ސްކީމުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ހަމަޖެހިގެންދާނީ އިންޓްރެސްޓް ކުޑަ ލޯނު ސްކީމުގެ ދަށުން ކަމަށެވެ. އަދި ލޯނު ސްކީމުގެ އިތުރު ފުރުސަތުތަކެއް ވަރަށް އަވަހަށް ހުޅުވާލާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ލޯނު ސްކީމުގެ ދަށުން ސާރކުގެ ގައުމުތަކުގެ އިތުރުން، މެލޭޝިޔާ، ތައިލެންޑް އަދި ފިލިޕިންސްގެ އިތުރުން ޗައިނާ އިން ތައުލީމު ހާސިލުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.