ޑޮކްޓަރ އިބުރާހީމު: ބާބިލުގެ ޓަވަރުގެ ތަނބެއް!

Wupatki-ruins-2web.jpg

ބާބިލް ޓަވަރ

ދިވެހިކުރުން: އަބްދުލް ޣަފޫރު ޢަބްދުއްރަޙިމު ގ. މަންޒިލް

ނޯޓެއް: “ޑޮކްޓަރު އިބުރާހިމު: ބާބިލުގެ ޓަވަރުގެ ތަނބެއް!” މިވާހަކަ ލިއުއްވީ އިރާގުގެ މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ޛުއްނޫނު އައްޔޫބެވެ. އޭނާ ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 1908 ގައި މައުސުލް ގައެވެ. އަވަހާރަވީ 1988ގައި ބަޣުދާދުގައެވެ. މިވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 1936ގައި ކުރުވާހަކައެއްގެ ސިފައިގައެވެ. ފަހުން ‘ދުކްތޫރު އިބްރާހީމު’ގެ ނަމުގައި ރިވާޔަތެއްގެ ސިފައިގައެވެ. މިބައި އެރިވާޔަތުގެ ފުރަތަމަ ބާބުގެގޮތުގައި ހިމަނައިގެންނެވެ.

މިވާހަކައިގެ ދައްކުވައިދެން މަސައްކަތް ކުރެވިފައިވަނީ ވާހަކައިގެ ބަތަލުގެ ރަށުގައި ފެތުރި އާއްމުވެފައިވާ ސިޔާސީ ފަސާދައިގެ ސަގާފަތުގެ ވާހަކައެވެ. މުޅިގައުމުގައި ގައުމު ކުރިއެރުވުމުގެ ނަމުގައި އުޅެނީ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ސިޔާސީ ވެރިން ކަމުގެ ވާހަކައެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ މުޅި ގައުމެވެސްވަނީ އާއްމުގޮތެއްގައި އަޚުލާގީގޮތުން ފާސިދުވެ ދަށުދަރަޖައަކަށް ވެއްޓިފައިކަމެވެ. އަދި ގައުމެއް ކުރިއަރާނީ ގައުމުގެ އެންމެންގެ އަޚުލާގީ ފެންވަރު ރަގަޅުކުރެވި، މާތް އަގުތަކެއް ގަބޫލުކުރެވި، ހަރުދަނާ އުސޫލުތަކެއް މީސްތަކުންގެ މެދުގައި ފަތުރާލެވިގެންކަމެވެ.

ޢ.ޣ.ޢ.ރ

*     *     *     *     *     *

ރޭލު ދުއްވާލުމުގެ ވަގުތު ޖެހިއްޖެކަން އިއުލާނު ކުރުމުގެ ކަށިގަނޑުގެ އަޑު ރޭލުތެރޭގައި ގުގުމާލިއެވެ. ރޭލުގައި އިން އިބްރާހިމަށް އެކަށިގަނޑުގެ ގުގުމާލުމުގެ އަޑުވީ ވަރަށް ހިތްގައިމު ރީތި އަޑަކަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެއަޑު އޭނާއަށް ރަމްޒުކޮށްދެނީ އޭނާގެ ހަޔާތް، އެއް މަރުހަލާއިން އެހެން މަރުހަލާއަކަށް ބަދަލުވެ ފުރޮޅިގެންދާ ދިއުމެވެ. ކިޔެވުމާއި ދަރިވަރުކަމުގެ މަރުހަލާއިން މަސައްކަތާއި ބޮޑުމީހަކަށްވުމުގެ މަރުހަލާއަށް ބަދަލުވެގެން ދިޔުމުގެ އިޝާރަތެވެ. ހޭލާހުރުމާއި ކިޔެވުމުގެ އުނދަގޫތައް އުފުލުމުގެ މަރުހަލާއިން އަރާމުކުރުމާއި ހޮޓާތަކާއި ކުލަބުތަކުގައި މަޖާކުރުމުގެ މަރުހަލާއަށް ބަދަލުވެގެން ދިޔުމުގެ އިޝާރަތެވެ. މަސައްކަތުގެ ދުނިޔެއަކީ ކިޔެވުމުގެ ދުނިޔެއަށްވުރެ އުދަގޫ އަދި ދަތިތަކާއި ވޭނުން ފުރިގެންވާ ދުނިޔެއެއްކަމެއް އިބުރާހިމުގެ ހިތަކަށް ފަހަރެއްގައިވެސް ނާރައެވެ.

އާދެ! އިބްރާހީމު އެއިނީ ލަންޑަނުގައި އޭނާގެ ކިޔެވުން ނިންމައިފައި އޭނާގެ ރަށް ބަޣުދާދުއަށް ދިޔުމުގެ މަގުމަތީގައެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ފަންނުގައި ހޯދެންއޮތް އެންމެ މަތީފާސް، މުޅިއިނގިރޭސި ވިލާތު ގައިވެސް އިލްމީގޮތުން އެންމެ ކުރީސަފުގައި ހިމެނޭ، ޔުނިވަރސިޓީއަކުން ހޯދާފައެވެ. އޭނާވަނީ އޭނާގެ ސެޓިފިކެޓަކީ އިރާގުގެ ދަރިޔަކު އެދާއިރާއިން އެންމެފުރަތަމަ، އަދި އެންމެމަތީ، ފާސް ހޯދި ދަރިވަރަކަށްވޭތޯ މަސައްކަތްކޮށް އެކަން ހާސިލުކޮށްފައެވެ. އޭނާ ދެކޭގޮތުގައި ދަނޑުވެރިކަމުގެ ދައުރު މިހާރުވަނީ ނިމިފައެވެ. ދެން އޮތީ ގޮވާން ކުރުމުގެ ދައުރެވެ. އަދި އޭނާވަނީ، މިހާތަނަށް، އިރާގުގެ އެހެން ދަރިޔަކުގެ ހިތަށް ‘ނޭޅޭވަރަށް’ އިލްމު ‘އަޅައި’ ފުރާލާފައެވެ. އެހެނީ އޭނާވަނީ ރަސްމީ ސެޓިފިކެޓެއް އޭނާ ކިޔެވި ޔުނިވަރސިޓީއިން ހޯދާފައެވެ. އެސެޓިފިކެޓަކީ ބުރަދަންހުރި އޭގެމައްޗަށް އިއުތިމާދުކުރެވޭނޭ ސެޓިފިކެޓެކެވެ. އެސެޓިފިކެޓަކީ، އެއްވެސް މީހަކަށް، އޭގެ ސައްހަކަމާމެދު އިއުތިރާޒުކޮށް، އެއާ ދޭތެރޭ ޝައްކުކުރެވޭނޭ ސެޓިފިކެޓެއްނޫނެވެ.

މާޒީގެ ދުވަސްތައް މަތީން ހަނދާންވެ އިބުރާހީމު ހިތާހިތާ ބުންޏެވެ. ކިޔެވުމުގެ ދުވަސްތަކަކީ ވަރަށްވެސް ހައިރާން ކުރުވަނިވި ދުވަސްތަކެކެވެ! ހަނދާނުން ފޮހެވިގެން ނުދާނޭ އެތައް ހަނދާންތަކުން ފުރިގެންވާ ދުވަސްތަކެކެވެ. މީސްމީހުންގެ އަނގައިން ދޫކޮށްލެވޭ ލަފުޒުތަކާއި ޖުމްލަތައް، ކުޑަކުޑަ ދަރިވަރުގެ ހިތުގައި ބިންވަޅުނެގި ހަރުލާފައި ހުރެއެވެ. އަދި އެފަދަ ލަފްޒުތަކާއި ބަސްތައް އޭނާގެ ހަޔާތް ކުރިއަށް ގެންދާނޭ މިސްރާބު ކަނޑައެޅުމަށް އަސަރުފޯރުވައި އޭނާގެ މައްޗަށްވެސް ބާރު ހިންގައެވެ. އޭނާ ކުރެން މީހަކު، ކުދި ވެރީން ވަނަމުން ކިޔާގޮތުންނަމަ، މިސްޓަރު ‘ރުޅިގަދަ’، މިމުދައްރިސު މަތީން ހަނދާންވޭތޯ ސުއާލުކޮށްފިނަމަ، އޭނާގެ ޖަވާބަކަށްވާނީ މިއެވެ. “މިސްޓަރ ރުޅިގަދަ މަތިން ހަނދާނެތޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ މި އިބާރާތް ހަނދާނުން ފޮހެލެވޭނީ ކިހިނެއްހެއްޔެވެ؟ ކިޔެވުމަށް މަސައްކަތް ނުކޮށް ފިލާވަޅުތައް ދަސްކުރުމަށް ފަރުވާ ކުޑަކުރާ ކުއްޖާއާ މުޚާތަބުކޮށް އޭނާ މިހެން ބުނުއްވާ ނޫންހެއްޔެވެ؟ ‘ކަލޭ ތިހެން ކިޔެވުމަށް މަސައްކަތް ނުކޮށް، ފިލާވަޅުތައް ދަސްކުރުން އިހުމާލުކޮށްލައިގެން ހުންނާށެވެ! މުސްތަގުބަލުގައި ބޮޑުވެގެން ކަލެއަށް ވެވޭނީ ސިފައިންގެ މީހަކަށެވެ!’ އަދި ފިލާވަޅުތައް ދަސްކޮށް، މަދަރުސާގެ ވާޖިބުތައް އަދާކޮށް، ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖާއާ ދިމާލަށް މިހެންވެސް އޭނާ ބުނުއްވާ ނޫންހެއްޔެވެ؟ ‘ދަރިފުޅާއެވެ، ކަލެއަކީ ވަރަށްވެސް ރަގަޅު ކުއްޖެކެވެ! މުސްތަގުބަލުގައި ދަރިފުޅު ވާނީ ވަޒީރަކަށެވެ. ދަރިފުޅު ވަޒީރަކަށް ވުމުން ދަރިފުޅުގެ މިހިރަ ކަންނެއް ޒަމީލުއާ ދޭތެރޭ އޯގާތެރި ލޮލަކުން ބަލާލައި އޭނާއަށް ދަރިފުޅުގެ ވުޒާރާއިން ނޯކަރެއްގެ ވަޒީފާ ދެއްޗެވެ!’ މިސްޓަރު ‘ރުޅިގަދައިގެ’ މިވާހަކަތައް ހަނދާންނެތޭނީ ކިހިނަކުން ހެއްޔެވެ. އެވާހަކަތައް ހަމަ އިއްޔެގެ ވާހަކަތަކެއް ފަދައިން ހަނދާންވެއެވެ. އެހެން ނުވާނީވެސް ކީއްވެހެއްޔެވެ؟ އެހެނީ އިބުރާހިމު ހިމެނިފައި ވަނީ ކިޔަވަން ގަދައަށް މަސައްކަތް ކުރި ކުއްޖެއްގެ ގޮތުގައެވެ. މިވާހަކަތައް ހިތައް އެރުމުން އިބުރާހިމުގެ ގާތަށް ވަރަށް ހިނިވެސް އައެވެ. ނަމަވެސް އިބުރާހީމު ގާތު މިފަދަ ބަސްތަކުން އޭނާގެ ހަޔާތަށް އަސަރެއްކުރާނެތޯއާއި އޭނާގެ ހަޔާތުގެ މިސްރާބު މިފަދަ ބަސްތަކުގެ ގާނޫނަށް ތަބާވެދާނެތޯ ސުއާލުކޮށްފިނަމަ އޭނާ ބުނާނީ އެހެން ނުވާނޭ ކަމަށެވެ. އަދި އޭގެ ސަބަބުވެސް އޭނާ ބުނެދޭނެއެވެ. އެއީ މިސްޓަރު ‘ރުޅިގަދަ’ ނުވަތަ އެނޫންވެސް އެފަދަ މީސްމީހުންނަކީ އި ބުރާހީމުފަދަ މޮޅެތި މީހުންގެ ހަޔާތަށް އަސަރުކުރުވާ ވަރަށްވުރެ މާ ދެރަ ނިކަމެތި މީހުންނެވެ.

އިބުރާހީމުގެ ލޯމަތިން ލަންޑަނާއި އަދި ލަންޑަނުގެ ޔުނިވަސިޓީގެ ކިޔެވުމުގެ ކޮޓަރިތަކާއި ކިޔަވާ އަދި ލިޔެހަދާ ފޮތްތައް މުޅިން ފަރުދާވެގެން ހިނގައްޖެއެވެ. ހަމަ މިއާއެކު، އޭނާދެކޭގޮތުގައި، އޭނާގެ ހަޔާތުގެ މިފޫހި މަރުހަލާ، އާދެ، ކިޔެވުމުގެ ދިގު ދަތި އުދަގޫ ދުވަސްތައް، އޭނާގެ ލޯމަތިން ކެހިގެން ދިޔައީއެވެ. ދެން އޭނާއަށް އޮތީ މަސައްކަތުގެ ހަޔާތާ ކުރިމަތި ލުމެވެ. އޭނާގެ ނަޒަރުގައި މަސައްކަތުގެ ދައުރުފެށުމަށް މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެއެވެ. އޭނާގެ ސެޓިފިކެޓު، އިގުތިސާދީ ވުޒާރާއަށް ހަމަ ހުށަހަޅާލުމުން، އޭނާގެ ވަޒީފާ ކަންތައް ހަމަޖެހޭނެއެވެ. އެވުޒާރާގެ އެންމެ ބޮޑުވަޒީފާ އޭނާއަށް ލިބޭނެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އިރާގުގެ ދަރިޔަކަށް އެރޮގުން ލިބިފައިއޮތް އެންމެމަތީ ފާސް އޮތީ އޭނާގެ އަތުގައެވެ. އޭނާ ވަޒީފާއަށް ނިކުމެ އެންމެފުރަތަމަ ކުރާނޭ ކަންކަން ވެސް އޭނާ ކަނޑައަޅާލިއެވެ. މީސްމީހުން އޭނާއާ މުޚާތަބުކޮށް ވާހަކަ ދައްކަންވާނީ ‘ޑޮކްޓަރު އިބްރާހީމު’ މިހެން ކިޔައިފައެވެ. އަދި އޭނާ ލިޔާ ލިޔުންތައްވެސް ޝާއިއު ކުރެވޭނީ ‘ޑޮކްޓަރު އިބުރާހިމު’ގެ ނަމުގައެވެ. އޭނާގެ ނަމުގެ ކުރިއަށް ‘ޑޮކްޓަރު’ އައިސް އެއަޑު އެހެން މީސްމީހުންގެ ކަންފަތުގައި ޖެހި ނުވަތަ ލޮލުގައި އަޅައިގަތުމުން ހަސަދަވެރިވާނޭ ބަޔަކުވެސް  އުޅޭނޭކަން އިބުރާހިމުގެ ހިތަށް ފެނުނެވެ. ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭވަރު މައްސަލައެއް ނޫނެވެ. އިބުރާހިމު ހިތާ ހިތާ ބުންޏެވެ. މިފަދަ މުހިއްމު ވަޒީފާ އެއް އަދާ ކުރާ ފުރތަމަ މީހަކަށް ވާނީ އޭނާ ކަމަށް ވާނެތީ މީހުން ހަސަދަވެރިވެސް ވާނެތާއެވެ. އެހެންވެ، އޭނާއަށް ވަޒީފާ ލިބުމުން، އޭނާގެ ވަޒީފާ ރައްކާތެރިކޮށް، އޭނާއާ ވާދަވެރި އެހެން މީސްމީހުނަށް އެވަޒީފާއާ ކައިރި ނުވެވޭނޭ ގޮތްތައްވެސް ހަދާލެވޭނޭ ކަމަށްވާނެތީ ވެސް، އެކަމާ އޭނާ ކަންބޮޑުވާކަށް ނުޖެހެއެވެ.

މިފޮނިފޮނި ޚިޔާލުތަކުގެ ތެރެއަށް ގެނބި އިންއިރު އެޚިޔާލުތައް ކިލަނބުކޮށް އޭގެ މީރުކަން ނެތިކޮށްލާނޭ އެއްވެސް ކަމެއް އިބުރާހިމުގެ ހިތަކަށް ނާރައެވެ. އެހެންވެ އޭނާގެ މޫނުމަތިވަނީ އަލިވެ އުޖާލާވެފައެވެ. އަދި އަބަދުމެހެން އިނދެވެނީ ހިނތުންވެފައެވެ. ރޭލުގައި ދަތުރު ކުރަމުންދާ އެހެން ދަތުރުވެރީން ތިބިކަމުގެ އެއްވެސް އިހުސާސެއްވެސް ނުވެއެވެ. ރޭލުގައި އިބުރާހިމު އިން ޑައްބާގައި (ކެރޭޖުގައި) އިން އެހެން ދެ ދަތުރުވެރިން އިބުރާހިމާ އަޅައިގަތެވެ. އިބުރާހިމުގެ ހަމުގެ ކުލަ އޮޅަލިވެފައި އަދި ހިނިތުން ވާލެއްވެސް ގިނަ ކަމުންނެވެ. އެދެމީހުންގެ ތެރެއިން އެކަކު އޭނާގެ ރަހުމަތްތެރިޔާއާ މުޚާތަބުކޮށް ސަމާސާކޮށްލުމުގެ ގޮތުން ބުންޏެވެ. “މިއިނީ ކިހާ އުފާވެރި ޒުވާނެއް ހެއްޔެވެ! ހަމަ ޔަގީނުންވެސް އޭނާ ވާނީ ހިންދުސްތާނުގެ ކޮންމެވެސް ރާޖާ އެއްގެ ދަރިކަލަކަށެވެ. އޭނާގެ ބައްޕާފުޅު އަވަހާރަވުމުން އެނބުރި އެވަޑައިގަންނަވަނީ އޭނާގެ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާށެވެ! ފައިސާވެރިކަމާއި އަންހެނުންނާ މުދާވެރިކަމުގެ ހުވަފެންތައް ދެކޭތަން ކަލެއަށްވެސް އެބަފެނޭ ނޫންހެއްވެ!” ރަހުމަތްތެރިޔާ ޖަވާބުގައި ބުންޏެވެ. “ތިބުނީ މުޅިން ރަގަޅު ވާހަކައެއް ނޫންކަމާމެދު އަހަރެން ކަލެއާ ބާޖު މަރާފާނަމެވެ. އޭނާވާނީ އުތުރު އެފްރިކާގެ ބަރުބަރުންގެ ޒުވާނަކަށެވެ. ޔޫރަޕުގައި މަޖާކޮށް ހިތް އުފާކޮށްލުމުގެ ދަތުރެއް ނިންމާލުމަށްފަހު އެނބުރި އެދަނީ އޭނާގެ ވެރިކަމާ ހަވާލުވާށެވެ!” ދެން ދެ ރަހުމަތްތެރިން ނިންމީ އިބުރާހިމާ ސުއާލުކޮށް ވާހަކަ ދައްކާލުމަށެވެ. ދެ ރަހުމަތްތެރިން ދުށްގޮތުންކުރެ ސައްހަގޮތަކީ ކޮބައިތޯ ހޯދުމަށްޓަކައެވެ.

ދެ ރަހުމަތްތެރީން ކުރެ އެކަކު އިބުރާހިމު ކުރެން އޭނާއަކީ ކޮންރަށަކު މީހެއްތޯއާއި އަދި އޭނާ ކުރާކަމަކާ ބެހޭގޮތުން ސުއާލު ކުރިއެވެ. އަދި ވަރަށް ފަޚުރުވެރިކަމާއެކު އިބުރާހިމު ޖަވާބުގައި ބުންޏެވެ. “އޭނާ ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައެވެ. އަދި އޭނާ މިހާރު އޭނާގެ ރަށް، އިރާގަށް، އެނބުރިދަނީއެވެ.” ދެރަހުމަތްތެރިންގެ ކަންފަތައް ވެސް ‘އިރާގު’ މިލަފުޒު ވީ ބީރައްޓެހި ލަފުޒަކަށެވެ. އެތަނުން އެކަކީ ރާބުއިމަށް އިދުމާނު ވެފައިވާ މީހެއްކަމުން މިލަފުޒާ ރަލުގެތެރޭގައި ހިމެނޭ ބާވަތެއްކަމުގައިވާ އަރަކުއާއި ގުޅުމެއް އޮވެދާނެހެން ހީވިއެވެ. އަދި މީނާ ބުންޏެވެ. ‘އިރާގު’ އޭ ބުނުމުން އަހަންނަށް ހަނދާން ވަނީ ރަލުގެ ބާވަތެއްގެ މަތިންނެވެ. އެ ރަލަކީ އަނެއްކާ ކަލާގެ ރާއްޖޭގައި ތައްޔާރުކުރާ ރަލެއް ހެއްޔެވެ؟” މި އަޑުއިވުމުން އިބުރާހިމު ގާތަށް ހިނިއައެވެ. އަދި އޭނާގެ ރަށުގެ މުހިއްމުކަން ވިސްނާދިނުމުގެ ގޮތުން އިބުރާހިމު ބުންޏެވެ. އެއީ މެސަޕޮޓޭމިއާ އެވެ. ތެލުގެ ރާއްޖެއެކެވެ.” ދެން ދެ ރަހުމަތްތެރިން އެއްފަހަރާހެން ބުންޏެވެ. “އެންމެ ފުރަތަމަވެސް ތިހެން ބުނިނަމަ ތާއެވެ!” އަދި އެތަނުން އެކަކު އިތުރަށް ބުންޏެވެ. “ޝައްކެއްނެތް ގޮތުގައި ތެޔޮ ކުންފުނީގެ ތެލުގެ ބިންތަކުގެ ތެރެއިން ބައެއް ބިންބިމަކީ ކަލާގެ މިލްކުގައި ހިމެނޭ އެއްޗެއް، އެހެން ނޫންތޯއެވެ؟.” ސަމާސާ ކޮށްލުމުގެ ގޮތުން އިބުރާހިމުވެސް ބުންޏެވެ. “ނޫނެކެވެ. ނަމަވެސް ތެލުން ލިބޭފައިސާގެ ބޮޑުބައެއް އަހަރެންގެ އަތްމައްޗަށް އަރާނެއެވެ. އެހެނީ އަހަރެންވާނީ ބޮޑު މުސާރައެއް ލިބޭ އިރާގުގެ ސަރުކާރުގެ އިސް މަގާމެއް ފުރާނޭ މީހަކަށެވެ.”

*     *     *     *

ޑޮކްޓަރު އިބްރާހިމު ފަރިއްކުޅުއްވާ ތަށްޓާ ދިމާލަށް ބައްލަވައި އިސްޖައްސަވައިގެން އިންނަވައި ފަރިއްކުޅުއްވަމުން ގެންދެވިއެވެ. އަދި ފަރިއްކުޅުއްވާ އެއްޗެއް ހެއްޕެވުމަށް، ނޫނީ ކާނާގެ ރަހަ ލިބިވަޑައިގަތުމަށްވެސް ފުރުސަތެއް ނުދެއްވައި، ސަމުސާ، އަނގަފުޅާ ތައްޓާ ދެމެދު، އަވަސް އަވަސްކޮށް ބަދަލު ކުރައްވަމުން ގެންދެވިއެވެ. ފަރިއްކުޅުއްވަން ގެންދަވާގޮތުން ހީވަނީ އެއްގޮތަކަށްވެސް ގަޔާވެ ވަޑައިނުގަންނަވާ، ފޫހިކަމެއް ކުރައްވަމުން ގެންދަވާހެންނެވެ. އެހެނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޑަ ހިނދުކޮޅެއްގެތެރޭގައި، މިއަދު، އެމަނިކުފާނުގެ ގެކޮޅުގައި ބޭއްވެންއުޅޭ ބައްދަލުވުމާ އަޅާ ބަލާއިރު ފަރިއްކުޅުއްވުމަކީ އެއްވެސް އަގެއް ފައިދާއެއްއޮތްކަމެއް ނޫނެވެ.

އޮފީހުގައި އެމަނިކުފާނު މިއަދު މާބޮޑަށްވެސް ލަސްވެއްޖެއެވެ. އެމަނިކުފާނު އޮފީހުގައި ލަސްވެވަޑައިގަތީ އޮފީހުގައި ކުރައްވަން ޖެހިވަޑައިގެންފައި ފުނިޖެހިފައިހުރި މަސައްކަތް ކުރެއްވުމުގައި އުޅުއްވީމައެއްނޫނެވެ. ފަހުން ކުރައްވަން ބެހެއްޓިފައި ހުރި ވާޖިބުތައް އަދާ ކުރައްވަން މަޑުކޮށްލެވިގެންނެއްވެސް ނޫނެވެ. ލަސްވެ ވަޑައިގަތީ ބައެއް ޚާއްސަ ބޭބޭފުޅުންނާ ބައްދަލު  ކޮށްލައްވަން ބޭނުންފުޅުވެގެންނެވެ. މިބޭބޭފުޅުންނަކީ މުސްތަގުބަލުގައި ބޮޑެތި ބޭބޭފުޅުންކަމުގައި ވެގެންދާނޭ ބޭބޭފުޅުންނެވެ. މިއަދު ވަރަށް ޚާއްސަ ދެބޭފުޅަކާ އަލަށް ބައްދަލުވެ ވަޑައިގަތުމުގެ ފުރުސަތު ޑޮކްޓަރ އިބުރާހިމަށް ލިބިވަޑައިގަތެވެ. އެއީ ކުރިންވެސް ބައްދަލުވެ ވަޑައިގެންފައިވާ ޚާއްސަ އެތައް ބޭފުޅުންނާއި ބައްދަލުވުމުގެ އިތުރުންނެވެ. މިބޭބޭފުޅުންގެ ޒިޔާރަތް ކޮށްލެއްވުމަކީ ފަހަރެއްގައިވެސް ޑޮކްޓަރ އިބުރާހިމުގެ ވަޒީފާގެ މަސައްކަތާ ގުޅިފައިއޮތް ކަމެއްނޫނެވެ. މި ޒިޔާރަތަކީ ވާހަކަދައްކާލާ އަނގަތަޅާލައި އެކަކު އަނެކަކުގެ ހިތުގެ އެދުންތައް ބޭރު ކޮށްލުމަށްޓަކައި ކޮށްލެވުނު އަމިއްލަ ޒިޔާރަތެކެވެ. ސަޔަކަށް އިންސާފުކޮށް، ސިނގިރެޓް  ބޯލާ ހަދާލުމުގެ ގޮތުން ކުރެވުނު ޒިޔާރަތެކެވެ. އަދި ސިޔާސީ އިޖުތިމާއީ ކަންކަމާ ބެހޭގޮތުން އަނގަތަޅާލައި މިކަންކަމާއި ބެހޭގޮތުން ކޮންމެމީހެއްވެސް އެމީހަކު ދެކޭގޮތުގެ ވާހަކަ ބުނެދިނުމަށް ކުރެވުނު ޒިޔާރަތެކެވެ. މިފަދަ ބައްދަލުވުން ތަކުގައި ދެކެވޭ ވާހަކަތަކަކީ ހައްގު ހޯދުމަށްޓަކައި ކުރެވޭ ބަހުސެއްނޫނެވެ. އެވާހަކަތައް އަބަދުވެސް އޮންނަނީ ދެބަސް ވުމާއި ޖަދަލު ކުރުމަކަށްވެފައެވެ. އެހެންވެ، ވާހަކައިގެ އަޑު ގަދަވެ އެއްފަހަރާ ފަސް ބޭކަލުންވެސް އެބޭކަލުންގެ ރައުޔު ފާޅުކޮށްފާނެއެވެ. މިފަދަ ވާހަކަތަކުގައި އަބަދުވެސް ކުރި ލިބެނީ އެންމެ އަޑުގަދަ ބޭކަލަކަށެވެ. މިވާހަކަތައް ދެކެވެމުންދާއިރު އޮފީސް ހުންނަނީ، ބަންދުވެފައެވެ. އެކިއެކި ބޭނުން ތަކުގައި އޮފީހަށް އަންނަ އާއްމު މީސްތަކުންނަށް އޮފީހުން ލިބިދޭން އޮންނަ ޚިދުމަތް އޮންނަނީ ނުލިބިފައެވެ. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. މިފަދަ ހާލަތް ތަކުގައި، އޮފީހުގެ ދޮރުވާނު، އޭނާގެ ވާޖިބު އެންމެ ފުރިހަމަގޮތުގައި، ވެރިޔާ ރުހިވަޑައިގަންނަވާނޭ ގޮތަށް، އަދާ ކުރެއެވެ. ވެރިޔާއާއި ބައްދަލުކުރައްވަން ‘ބޮޑު ބޭފުޅަކު’ ވަޑައިގެންފިނަމަ، އާދައިގެ އާއްމު މީހާއާ ޚިލާފަށް، އެފުރަސަތު އެބޭފުޅަކަށް އޮވެއެވެ. މިފަދަ ‘ބޮޑެތި ބޭފުޅުން’ނަކީ ކޮބައިކަން ދޮރުވާނަށް ފާހަގަކުރަން އެނގެއެވެ. އެމީހުންގެ ބޮޑެތި ބަނޑުތަކުންނާއި ލާފައި ހުންނަ އަގުބޮޑެތި ސާފު ރީތި ހެދުމާއި އަޅާފައި ހުންނަ އައިނުންނެވެ. އެމީހުންގެ ވާހަކައި ރާގުގައި ހުންނަ ބޮޑާކަމާއި ކިބުރުވެރި ގޮތުންވެސް މެއެވެ.

ޑޮކްޓަރ އިބުރާހިމު މިއަދުގެ ބައްދަލުވުން ނިންމާލެއްވީ ޒިޔާރަތް ކުރެއްވި ބޭކަލުންނަށް، އޭނާގެ އަމިއްލަގޭގައި މިއަދު ކޮންމެވެސް ވަގުތެއްގައި ބައްދަލުވެލައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ކޮންމެއަކަސް ވަގުތު ހިނގަމުންގޮސް މިހާރު ބައްދަލުވާން ކަނޑައެޅުނު ގަޑިޖެހެން ދެން މާގިނަވަގުތެއް ނެތެވެ.(ނުނިމޭ )

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top