ޗުއްޓީ ހޭދަކޮށްލުމަށް ކަނޑުގެ އައްސޭރިފަށުގައި ހުރި ފަރުބަދައެއްގެ މައްޗަށް އަރާ ސެލްފީ އެއް ނަގަން އުޅުނު ދެމަފިރިން ފަރުބަދަ މަތިން ވެއްޓި މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ ޕޯޖްގަލްގައެވެ. ދެމަފިރިން ވެއްޓިފައި ވަނީ އާންމުންގެ މެދުގައި މަގުބޫލް ފަރުބަދައެއް ކަމަށްވާ ކަބޯ ޑަ ރޮކާގެ މަތިން އެޓްލާންޓިކް ކަނޑު ތެރެއަށެވެ.
މިދެމަފިރިން ވެއްޓުނު އިރު އެމަންޒަރު ފެންނަ ހިސާބުގައި ދެމަފިރިންގެ ދަރިން ވެސް ތިބި ކަމަށް ޕޯޗްގަލް ފުލުހުން ބުނެއެވެ.
ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި ދެމަފިރިން ފަރުބަދަ މަތިން ވެއްޓި މަރުވެފައިވާ ކަމަށް ޕޯޗްގަލް ފުލުހުން ނިންމާފައި ވީނަމަވެސް އެދެމަރިންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ދެމަފިރިންގެ ހަށިގަނޑު ހޯދުމަށް އެސަރަހައްދުގެ ކަނޑުގެ ސަރަހައްދު އަދިވެސް ބަލަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މިދެމަފިރިންގެ ދަރިން މިހާރު ބަލަހައްޓަމުން ދަނީ ޕޯޗްގަލް ފުލުހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މަންމަ އާއި ބައްޕަ ފަރުބަދަ މަތިން ވެއްޓި މަރުވުމުން ކުދިންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އެކުދިންނަށް ކައުންސިލިން ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ދެމަފިރިންގެ ތިބީ ކިތައް ކުދިން ކަމެއް ފުލުހުން ނުބުނެއެވެ.