އެބޯލާ ރޯގާއާމެދު ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އެފްރިކާގެ ގައުމެއްކަމުގައިވާ މާލީގައި އެބޯލާޖެހިގެން މަރުވިމީހަކު ސިއްހީ އޮފިޝަލުން ގެންދަނީ. އެބޯލާ ރޯގާއާމެދު ސަމާލުވުމަށް ހެލްތުން މިއަދުވަނީ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައި / ފޮޓޯ: އިންޓަނެޓް

އެފްރިކާގެ ގައުމެއްކަމުގައިވާ މާލީގައި އެބޯލާޖެހިގެން މަރުވިމީހަކު ސިއްހީ އޮފިޝަލުން ގެންދަނީ. އެބޯލާ ރޯގާއާމެދު ސަމާލުވުމަށް ހެލްތުން މިއަދުވަނީ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައި / ފޮޓޯ: އިންޓަނެޓް

ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ހުމުގެ ރޯގާއިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ހެލްތުއިން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެބޯލާ ވައިރަހުންޖެހޭ މިބަލި މިހާރު ގިނީގެ އިތުރުން ލައިބީރިއާ އަދި ސިއެރާލިއޯން އިންވެސް ފެނިފައިވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރައްވާ ކަމަށެވެ. އަދި މިވައިރަހުގެ ސަބަބުން މިހާތަނަށް 1200 މީހުނަށްވުރެން ގިނަ މީހުނަށް ބަލިޖެހި މީގެ ތެރެއިން 672 މީހުން ނިޔާވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މިބައްޔަކީ ބަލިޖެހިފައިވާ މީހެއް ނުވަތަ ޖަނަވާރެއްގެ ލޭ ނުވަތަ ހަށިގަނޑުގައި އުފެދޭ ދިޔައެއްގެ ސަބަބުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެހި (އިންޖެކްޝަން ކަށި ފަދަ ތަކެތި) ގެ ޒަރީއާއިން އެކަކު ގައިން އަނެކަކުގެ ގަޔަށް ފަސޭހަކަމާއިއެކު އަރާ ބައްޔެކެވެ.

މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މިހާރު މިބަލި ފެތުރެމުންދާ އެހެނިހެން ގޮތްތައް ހުރެދާނެކަމަށް ލަފާކުރެވިފައިވާތީ އެޖަމިއްޔާއިން މިކަމާއިބެހޭ ދިރާސާތައްކޮށް، ވައިގެ ޒަރީއާއިން މިބަލި ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމުގައި އެޖަމިއްޔާއިންވަނީ ހާމަކުރައްވާފައިއެވެ.

ޢާއްމުގޮތެއްގައި މިބަލީގެ ވައިރަސް މީހެއްގެ ގަޔަށް ވާސިލްވާތާ ދެ ދުވަހާއި 21 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނާނެ ކަމުގައި ޑަބްލިއުއެޗްއޯ އިން ހާމަކުރެއެވެ. މިބަލީގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރުދެރަވުން، ބޮލުގައި ރިއްސުން، މޭނުބައި ކުރުން އަދި ކަރުގައި ރިއްސުން ހިމެނެއެވެ. އަދި މިބަލީގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ހަލާކުވެގެން ދިއުމާއި، މިބަލީގައި މީހުން މަރުވާ ނިސްބަތް މަތިކަމުގައިވެސް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި އެބޯލާ ހުމުގެ ރޯގާގެ ބަލިތައް އެފްރިކާގެ ގައުމުތަކުން ފެންނަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ނަމަވެސް މިހާރު މިރޯގާ އެއްގައުމުން އަނެއް ގައުމަށް ފެތުރިފައިވުމާއިއެކު މިބައްޔަށް ދޭންޖެހޭ ސަމާލުކަން މިއަދު ބޮޑުވެފައިވާ ކަމަށެވެ.

މިހާރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިބަލި ފެތުރެމުންދާ އެއްވެސް ގައުމަކަށް ދަތުރުފަތުރު ނުކުރުމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިނުވި ނަމަވެސް މިގައުމުތަކަށް މިދުވަސްވަރު ދަތުރުކުރުމަކީ ސިއްހީ ގޮތުން ރައްކާތެރިކަމެއް ނޫން ކަމުގައި މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިފަދަ ގައުމަކަށް އެއްވެސް މީހަކު ދަތުރުކޮށްފައިވާނަމަ ބަލީގެ އަލާމާތެއް ފެނޭތޯ 21 ދުވަސް ވަންދެން ބަލަންޖެހޭ ކަމަށާއި އަދި އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްހީ އެހީތެރިއެއްގެ ފަރުވާ ހޯދާ އެގައުމަކަށް ދަތުރުކޮށްފައިވާކަން ސިއްހީ އެހީތެރިޔާގެ ސަމާލުކަމަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި އެފަދަ ގައުމުތަކުން އަންނަ މީހުން ރައްޖޭގެ ބައިނަލްއަގުވާމީ ޕޯޓްތަކުން އިމިގްރޭޝަންއާ ގުޅިގެން ހޯދާ ފޮލޯއަޕް ކުރުމާ އަދި ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް މިބައްޔަށް ފަރުވާދޭ ގޮތުގެ ގައިޑްލައިން އާ އަދި އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ގައިޑްލައިންތައް ހެލްތު ޕްރޮޓެކްޝަން އޭޖަންސީއިން މިހާރު ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top