ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޭން ތައްޔާރުވަމުން ދާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެފިއެވެ.
އަތޮޅު ކައުންސިލުން މިކަމުގެ ތައްޔާރީތައް ވަމުން ދާއިރު މިކަމަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް މިހާރު ވަނީ ރަށު ކައުންސިލްތަކަށް އަންގާފައެވެ. އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކުގައި އެދިފައިވަނީ މިވީހާ ތަނަށް އެރަށުން ގޯތި ދޫނުކުރެވުނު ސަބަބުތަކާއި، ގޯތި ދޫކުރުމަށް ކުރެވުނު މަސައްކަތްތައް އެންގުމަށެވެ. އަދި އެ ރަށްރަށުގައި ގޯތި ބޭނުންވެފައި ތިބި މީހުންގެ އަދަދު އެގޭނަމަ އެ ތަފްސީލުވެސް ފޮނުވުމަށް ރަށު ކައުންސިލުތަކުގައި އެދިފައިވެ އެވެ.
ހަމަ އެއާއެކު އެންމެފަހުން ގޯތި ދޫކުރި އަހަރާއި ގޯތި ދޫކުރުމަށް ރަށުގެ ބިން ބޭނުން ކޮށްފައިވާ ގޮތުގެ މައުލޫމާތާއި، އެ ރަށަކުން އެންމެ ގިނައިން ގޯތި ދޫކުރެވޭނެ އަދަދު ވެސް އެންގުމަށް އެދިފައިވެއެވެ.
އަދި އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން މި މައުލޫމާތުތައް އަތޮޅު ކައުންސިލަށް ފޮނުވުމަށް ރަށު ކައުންސިލްތަކަށް ވަނީ އަންގަވާފައެވެ.
ބ.އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި މަޢުލޫމާތުތައް ލިބުމާއެކު ގޯތި ދޫކުރެވެން ހުރި ރަށްތައް ބަލާ ދިރާސާ ކުރުމަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެ އެވެ.
ބ.އަތޮޅު ކައުންސިލުން ބ.އަތޮޅުގެ ރަށްރަށުން ގޯތި ދިނުމަށް ތައްޔާރު ވަމުން ދާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ،އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ގައި ، ރަށްރަށުން ގޯތި ބޭނުންވާ މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް ވަނީ ވައުދު ވެފައެވެ.