އިތުރު ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ 2000ރުފިޔާ ،ފަސްހާސް ރުފިޔާއަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފިއެވެ.
ރައީސް މި ވައުދު ވެވަޑައިގެންނެވީ ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތާއި ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ރޭ އެރަށުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ުކުޅެދޭ މީހުންނަކީ މުޖްތަމައުގެ ބައެއްގެ ގޮތުގައި ހަގީގީ މާނައިގާ ބަލައިގަތީ މިސަރުކާރުން ކަމަށާއި އެމީހުންނަށް އަޅާލައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދީފައިވަނީވެސް މި ސަރުކާރުން ކަމަށެވެ. އެގޮތުުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، އެ ފަރާތްތަކަށް އަޅާލާ އަޅާލުން މިހާރަށް ވުރެ ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“އެފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ސްކީމެއް ތައާރަފްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ 2،000 ރުފިޔާގެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކޮށްދޭނަން،” ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ސްކީމްގެ ދަށުން ވަޒީފާއެއް ލިބެންދެން އެހީތައް ދޭނެ ގޮތްތައް ރާވާނެ ކަމަށެވެ. އެގޮތުން ލޯނުތައް ލިބޭނެ ފުރުސަތުތަކާއި އެހެން ވެސް ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް މިކަހަލަ އުއްމީދީ ސިޔާސަތު ތަކެއް ފާޅުކުރާ އަޑު އިދިކޮޅު ފަރާތްތަކުން ނީވޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ފާޑު ވިދާޅުވެފަ އެވެ.